ކެންޔާގެ ކަރަންޓީނު ފެސިލިޓީއެއްގައި ތިބި ބަޔަކު އެތަނުން ފިލުމުން، ވީއެންމެ އަވަހަކަށް އެމީހުން ހޯދާ އަލުން އެފެސިލިޓީއަށް ގެންދިޔުމަށް އެޤައުމުގެ ރައީސް އުހުރު ކެންޔަޓާ އަމުރު ކުރައްވައިފިއެވެ.
"ތިއީ ކޮންބައެއްކަން އިނގޭ. އަހަރުމެން ތިބަޔަކު ތިބިތަނަކުން ހޯދާނަން" ރައީސް އުހުރު ވިދާޅުވެފައިވެއެވެ. އަދި ކަރަންޓީނު ފެސިލިޓީން އެގޮތަށް ފިލުމުން އެމީހުންނާއި އެހެން މީހުންގެ ދިރިއުޅުންވެސް ނުރައްކަލަކަށް ވެއްޓޭނެ ކަމަށް ވެސް އެޤައުމުގެ ރައީސް ވިދާޅުވިއެވެ.
ރައީސް އަހުރު މިފަދައިން އަމުރު ކުރައްވާފައިވަނީ، ކެންޔާގެ ކެޕިޓަލް ނައިރޫބީ ގައި ހުރި ކަރަންޓީނު ފެސިލިޓީ އެއްގެ ފާރުމަތިން ފައިބައިގެން ގިނަ އަދަދެއްގެ ބަޔަކު ފިލި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުމުންނެވެ.
އެފެސިލިޓީގައި ތިބި ބައެއް މީހުން އެތަނަށް ގެންގޮސްފައިވަނީ ގަދަކަމުން ކަމަށާއި އެމީހުންނަށް ރަނގަޅު ކާބޯތަކެތިވެސް ނުލިބޭ ކަމަށް މީގެކުރިން ވަނީ އަޑުތަކެއް އަރާފައެވެ. ބައެއް ސެންޓަރުތައް ޖަލެކޭ އެއްފަދަ ކަމަށާއި އެތަނުގައި މީހުން ތޮއްޖެހިފައި ހުރުމުގެ ސަބަބުން ގައިދުރުކަން ބެހެއްޓުމުގައި ދަތިކަން ކުރިމަތިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަނެއް ބަޔަކު ބުނިގޮތުގައި، އެތަނުގައި ތިބޭ މުއްދަތައް ފައިސާ ދައްކަން ޖެހެއެވެ. އެއީ ރެއަކަށް 16 ޑޮލަރާއި 100 ޑޮލަރުގެ އަދަދެކެވެ.
ނައިރޫބީ ގައި ހުރި ބައެއް ހޮސްޓެލްތަކާއި ސްކޫލް އަދި ޔުނިވާސިޓީތައް ވެސް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުންދެއެވެ. ބައެއް ސެންޓަރުތަކުގައި 14 ދުވަހަށްވުރެ އިތުރު މުއްތަދަށްވެސް މީހުން ބައިތިއްބާފައިވެއެވެ.