ރަމަޟާން މަސް އައުމާއިއެކު އަޞްޙާބުބޭކަލުންނަށް އެކަމުގެ އުފާވެރި ޚަބަރު ދެއްވަވައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވައެވެ.
"ތިއަބައިމީހުންގެ ގާތަށް ﷲ ގެ ޙަޟްރަތުން ބަރަކާތްތެރިވެގެންވާ މައްސަރެއް އަތުވެއްޖެއެވެ. އެމަހަކީ ބަރަކާތްތެރި މައްސަރެއްގެ ގޮތުގައި ﷲ ވަނީ ކަނޑައަޅުއްވަވައިފައެވެ. އެމަހުގެ ރޯދަހިފުން ތިއަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވަވާފައިވެއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. އެމަހުގައި ނަރަކައިގެ ދޮރުތައް ބަންދުވެއެވެ. އަދި ޝައިޠޯނުންތައް ކަސްތޮޅު އެޅުވެއެވެ. 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް އެމަހުގައިވެއެވެ. އެރޭގެ ހެޔޮކަން ލިބިއްޖެ މީހަކަށް ހެޔޮކަން ލިބިއްޖެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެގެންފި މީހަކު މަޙްރޫމްވެއްޖެއެވެ."
ވީމާ މިފަދަ މާތް މައްސަރެއްގެ ހެޔޮކަން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ގެ ޙަޟްރަތުގައިވާ ހެޔޮކަމާއި ދަރުމައަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ހުރިހާ ފާއެއް ﷲ ފުއްސަވައި ދެއްވަވައެވެ."
އެހެންވިމާ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ ރަމަޟާންމަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި ރަމަމާން މަހުގެ ރޯދަ އިޚްލާޞްތެރިކަމާއިއެކުގައި ހިފުމަށެވެ. އަޅުގަނޑުމެން މަސައްކަތްކުރަންވީ ކީރިތި ޤުރްއާން ކިޔެވުމުގަ އާއި ރޭއަޅުކަން ކުރުމުގަ އާއި މީސްތަކުންނަށް އިޙްޞާންތެރިވުމުގަ އާއި ހެޔޮފޯރުކޮށްދިނުމުގަ އާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ.
ﷲ ތަޢާލާ އަޅުގަނޑުމެންނަސް ހިދާޔަތާއި ތައުފީޤް މިންވަރުކުރައްވަވާށި! އާމީން
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މިއަދުނޫހަށް ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: