ޙަދީޘްފުޅުގައި އޮތީ ފުރިހަމަ މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ ވީހާ ކަމަށެވެ.
ދުލުގެ ނުބައިކަމުން ސަލާމަތްވެ ހުރުމަކީ އެހެން މީހުންނަށް ނުބައި ބަސްތައް ނުބުނެ ފިތުނަވެރި ވާހަކަތައް ނުދައްކައި ހުރުމެވެ. އެހެން މީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނެ ހުރުމެވެ. ހަމައެއާއިއެކު ތިމާ ވާންޖެހޭނީ އެހެން މީހުންނަށް ހެޔޮ ބަސް ބުނާ މީހަކަށެވެ. މާތް ﷲ ކީރިތި ޤުރްއާނުގައިވެސް ވަޙީ ކުރައްވަވާފައިވަނީ މީސްތަކުންނަށް ހެޔޮ ބަސް ބުނުމަށެވެ.
އަތުގެ ނުބައިކަމުން ސަލާމަތްވެގެންވުން ކަމަށް ބުނެވޭ ބަހުގެ މާނައަކީ ވައްކަންކުރުމާއި މީހުންނަށް އަނިޔާކުރުމާއި މަކަޜާއި ޙީލަތް ހެދުމާއި މީހުންނަށް ގެއްލުން ދިނުން ފަދަ އެންމެހައި ކަންތައްތައް ދޫކޮށްލައިގެން ހުރުމެވެ.
މިޒަމާނަށް ބަލައިފިނަމަ ސޯޝަލްމީޑިއާގައި ދޮގު ވާހަކަތައް ލިއުމަކީ ވެސް އަނިޔާކުރުމެވެ. މިފަދަ އެންމެހައި ކަންކަމަށް ﷲ ތައާލާ ޢަޛާބް ދެއްވަވާނެތެވެ.
މީހަކު ދޮގުބަސް ބުނުން ދޫކޮށްނުލާހައި ހިނދަކު އޭނާ ކެއުން ބުއިމާއި ޝަހަވަތުގެ އަމަލުތަކުން ދުރުވެހުރުމަކުން ދުރުވެ ހުރުމަކުން ރޯދައިގެ ފައިދާއެއް ނެތް ކަމަށް ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. އަދި ދޮގުބުނުމާއި ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި މިފަދަ އެންމެހައި ކަންކަމުން އޭނާ ދުރުހެލިނުވާހައި ހިނދަކު އޭނާ ރޯދައަށް ހުރުމަކުން ކުރާނެ ފައިދާއެއް ނެތްކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ.
ވީމާ މަސައްކަތްކުރަންވީ ރޯދައަށް ތިބޭއިރު ދޫރައްކައުތެރިކުރުމަށާއި ގުނަންތަކުން ހެޔޮ އަމަލުކުރަން މަސައްކަތްކުރާށެވެ! އަނެކުންނަށް ހެޔޮ ފޯރުކޮށްދިނުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! މާތް ﷲ އަޅުގަނޑުމެންނަށް ހިދާޔަތާއި ތައުފީޤް މިންވަރުކުރައްވަވާށި! އާމީން
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ