ޤިޔާމަތްދުވަހު ދެއްވަވާ ދަރުމައިގެ އިތުރުން މައިންބަފައިންނަށް ހެޔޮކޮށް ހިތާ މީހާގެ މުދަލާ ދިރިއުޅުމުގަ ﷲ ބަރަކާތް ލައްވަވާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ޤިޔާމަތްދުވަހު ދެއްވަވާ ދަރުމައިގެ އިތުރުން މައިންބަފައިންނަށް ހެޔޮކޮށް ހިތާ މީހާގެ މުދަލާ ދިރިއުޅުމުގަ ﷲ ބަރަކާތް ލައްވަވާނެ!: ޑރ. ޝަހީމް

އަބަދުވެސް ދަންނަވަމުން މިގެންދަނީ ރަމަޟާން މަހަކީ އަޅުގަނޑުމެން ދުޢާކުރުން އިތުރުކުރަން ޖެހޭ މައްސަރު ކަމަށެވެ. އެންމެ ހެޔޮވެގެންވާ ދުޢާއަކީ ﷲ ތަޢާލާއަށް އިސްތިގްފާރުކުރުމާއި އެކަލާނގެމަތިން ހަނދުމަކުރުމާއި އަދި ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ މައިންބަފައިންނަށާއި ޢާއިލާއަށް ކުރެވޭ ދުޢާކަން ކަށަވަރެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ މީހާ މަރުވުމުން 3 ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް އެމީހަކާއި ވަކިވެގެން ދިއައީ ކަމަށެވެ. އެއިގެ ތެރެއިން އެއް ކަމަކީ ތިމާއަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ ޞާލިޙް ދަރިއަކު ދުނިޔޭގައި ހުރުމެވެ. ވީމާ ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާއި އެދަރިފުޅަކީ ތިމާއަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ ދަރިއަކު ކަމުގައި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. 

މަންމަ އާއި ބައްޕައަށް އިޙްޞާންތެރިކޮށް ކަންތައްތައް ކުރުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ. އަދި މަންމަ އާއި ބައްޕަގެ ކުރިމަތީގައި އަޑުގަދަނުކުރުމަށާއި އެމީހުން ދެރަވެ ހިތްދަތިވާ ޒާތުގެ ބަހެއް ނުބުނުމަށާއި އެމީހުންނަށް ހިތްތިރިކަމާއިއެކުގައި، ތަވާޟޫޢުވެރިކަމާއިއެކުގައި ޚިދުމަތް ކުރުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ. އަދި އެމީހުންނަށް ހެޔޮ ދުޢާ ކުރުމަށްވެސް ވަނީ އަންގަވައިފައެވެ. އަދި އެ ދުޢާ ވެސް ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. އެދުޢާގައިވަނީ: 

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا 

"އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (އަލްއިސްރާ: 24) 

ވީމާ މަންމަ އާއި ބައްޕައަށް އިޙްޞާންތެރިކަމާއިއެކު ކަންތައްތައް ކޮށްދިނުމަސް އެންގެވުމަށްފަހު އެމީހުންގެ މައްޗަށް ކުރަންވީ ދުޢާ ވެސް ﷲ ތަޢާލާ މިވަނީ އަންގަވައިދެއްވަވައިފައެވެ. ވީމާ މަންމަ އާއި ބައްޕައަށް ހެޔޮކޮށް ހިތުމަށް ޢަޒުމް ކަނޑައަޅާށެވެ! ރަމަޟާން މަހަކީ އެކަމަށް ފަށައިގަންނަންވީ ދުވަސްތަކެވެ. 

މަންމަ އާއި ބައްޕަ ދުނިޔޭގައި ތިބި ނަމަ ޙާލުބަލައި އެމީހުން ތިބީ ކައިގެންކަން ކަށަވަރުކުރަންޖެހޭނެއެވެ. ދުނިޔޭގައި ނެތް ނަމަ ހެޔޮ ދުޢާކުރަން ޖެހޭނެއެވެ. މަރުވެ ދިއުމަށްފަހު އެމީހުންށް އެވަނީ އަޅުގަނޑުމެންގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައެވެ. އެހެންވެ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "މީހަކު މަރުވުމުން 3 ކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއް އެމީހަކާއި ވަކިވެގެން ދިއައީއެވެ. އެ 3 ކަމަކީ އެއީ ދެމިހުރި ޞަދަޤާތަކާއި ފައިދާކުރަނިވި ޢިލްމެއް ދުނިޔެއަށް ދޫކޮށްފައި ދިއުމާއި ތިމާއަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ ޞާލިޙް ދަރިއަކު ދުނިޔޭގައި ހުރުމެވެ." 

ވީމާ ކޮންމެ ކުއްޖަކުވެސް ވާންވީ މަންމަ އާއި ބައްޕައަށްޓަކައި ހެޔޮ ދުޢާކޮށްދޭނެ ޞާލިޙް ދަރިއަކަށެވެ. އެކަމުގެ ސަވާބާއި ދަރުމަ މާތް ﷲ އިތުރުކުރައްވަވާނެއެވެ. މަންމަ އާއި ބައްޕައަށް ހެޔޮކޮށް ހިތާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހު ނުހަނު މަތިވެރި ސަވާބާއި ދަރުމަ ދެއްވަވާނެތެވެ. އަދި ދުނިޔޭގައި އެމީހެއްގެ މުދަލާއި އެމީހެއްގެ ދިރިއުޅުމުގައި މާތް ﷲ ބަރަކާތް ލައްވަވާނެތެވެ. އެއީ އެމީހަކަށް މައިންބަފައިންގެ ހެޔޮ ދުޢާ އާއި ރުހުން އެމީހަކަށް އޮތުމުންނެވެ. 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިކަމަށް މާތް ﷲ ހެޔޮ މަގު ދެއްކެވުމެވެ. ހެޔޮ ބަސް އަހައި ހެޔޮ ބަސް ޤަބޫލުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ: 

މިއަދު އޮންލައިން