ކޮވިޑް އާއި ގުޅިގެން ކުވައިތުގެ ޚާރިޖީ ވަޒީރާއި އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޮވިޑް އާއި ގުޅިގެން ކުވައިތުގެ ޚާރިޖީ ވަޒީރާއި އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރު އަލްމުޙައްމަދު އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙް އާއި މިއަދު ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 އާ ގުޅިގެން ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެޤައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ކުވައިތުގެ ޚާރިޖީ ވަޒީރާ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ކުވައިތުން ރާއްޖޭގެ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

1970 ގެ އަހަރުތަކުން ފެށިގެން ކުވައިތަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއެވެ. އެގޮތުން ރާއްޖޭގައި ހިންގުމު އުމްރާނީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މާލޭ ބައިނަލްއަޤްވަމީ ވައިގެ ބަނދަރަކީ މީގެ އެއް މިސާލެވެ.

މިއަދު އޮންލައިން