ދެމަފިރިން އެކަކު އަނެކަކަށް ހެޔޮ ދުޢާކުރަންޖެހޭނެ! ޤުރްއާނުގަ ވަނީ ކުރަންވީ ދުޢާ ވެސް ބަޔާންކުރައްވަވާފަ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ދެމަފިރިން އެކަކު އަނެކަކަށް ހެޔޮ ދުޢާކުރަންޖެހޭނެ! ޤުރްއާނުގަ ވަނީ ކުރަންވީ ދުޢާ ވެސް ބަޔާންކުރައްވަވާފަ!: ޑރ. ޝަހީމް

ކޮންމެ އަންތބަކުވެސް އަދި ފިރިއަކުވެސް އޭނާގެ ޢާއިލާއަށްޓަކައި ހެޔޮ ދުޢާކުރަން ޖެހެއެވެ. އޭނާއަށް ސަލާމަތް ޞިއްޙަތާއި ޢާފިޔަތު ދެއްވެވުން އެދިއެވެ. އެމީހުންނަކީ ޞާލިޙް ޢަމަލުކުރާ ބައަކު ކަމުގައިވޭތޯއެވެ! 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޞާލިޙް ޢަމަލުކުރާ މީހުން ސުވަރުގެ ވައްދަވާނީ އެމީހުންގެ ޢާއިލާތަކާއިއެކުގައި ކަމަށެވެ. އެހެންވީމާ ސުވަރުގޭގައިވެސް އަޅުގަނޑުމެން ތިބޭނީ އަޅުގަނޑުމެންގެ ޢާއިލާތަކާއިއެކުގައެވެ. إِنْ شَاءَ ٱللّٰهُ‎

ވީމާ ޢާއިލާތަކަށްވެސް ސުވަރުގެ ވަނުމަށް މަގުފަހިކޮށްދެވޭތޯ މަސައްކަތްކުރަން އަޅުގަނޑުމެންނަށް ޖެހޭނެއެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި ތިއަބައިމީހުންގެ ޢާއިލާ ނަރަކައިން ސަލާމަތްކުރާށެވެ." 

އެހެންވީމާ ޢާއިލާއަށް ހެޔޮ ބަސްބުނުމާއި ޢާއިލާއަށް ހެޔޮ ނަޞޭޙަތް ދިނުމާއި ޢާއިލާއަށް ހެޔޮކަންކަމަށް ބާރުއެޅުމާއި ތިމާ އާއިއެކުގައި ތިމާގެ އަނބިދަރިން ހެޔޮ ޢަމަލުކުރަން ބައިވެރިވުމަށް ހިތްވަރުދިނުމާއި މިކަންކަމަކީ އަޅުގަނޑުމެން ކުރަން ލަދުގަންނަން ޖެހެންވީ ކަންކަމެއް ނޫނެވެ. 

ކީރިތި ޤުރްއާން ރިވެތިކޮށް ކިޔަވަން ނުއެނގޭ ބައްޕަ ފޯނު ހިފައިގެން ނަމަވެސް އަނބިދަރިން ގޮވައިގެން ނަމާދުކުރާށެވެ. އެކަމުގައި މާތް ﷲ ބަރަކާތް ލައްވަވާނެތެވެ. އަދި ވިތުރީގައި ދުޢާކުރައްވާށެވެ! ޢާއިލާއަށް ދުޢާކުރައްވާށެވެ! ޢާއިލާއަށް ރަޙްމަތް ލައްވަވައި ބަރަކާތް ލައްވަވައި ފުރިހަމަ ޞިއްހަތާއި ޢާފިޔަތް ދެއްވެވުން އެދިވެސް ދުޢާކުރައްވަވާށެވެ.

އަލުގަނޑުމެންގެ އަނބިދަރިންނަށް ކުރުމަށްޓަކައި މާތް ﷲ ކީރިތި ޤުރްއާނުގައި ވަރަށް ހެޔޮ ދުޢާއެއް ލައްވަވައިދެއްވަވާފައިވެއެވެ.

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا 

"އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" (އަލްފުރްޤާން: 74) 

މާނައަކީ "ހައްދަވައި ބޮޑުކުރައްވަވާ ރަސްކަލާކޮ! އަޅަމެންނަށް މިނިޢްމަތް ދެއްވަވާނދޭވެ! (އަންތބެއް ނަމަ އޭނާގެ ފިރިމީހާއަށް، ފިރިއެއް ނަމަ އޭނާގެ އަނބިމީހާއަށް) ޙަޔާތުގެ ބައިވެރިންގެ ކިބައިން އަޅަމެންނަށް ހިތްހަމަޖެހުން ދެއްވަވާނދޭވެ! އުފާވެރިކަން ދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންގެ ކިބައިން އަޅަމެންގެ ލޮލުގެ ފިނިކަންކަމުގައި އެކުދިން ލައްވަވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" 

މިހިރީ ކީރިޤުރްއާނުގައި އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވަވާފައިވާ މަތިވެރި ތަރުބިއްޔަތެވެ. އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަވާފައިވާ ގޮތެވެ. އަޅުގަނޑުމެންގެ ޢާއިލާ އާއި ދޭތެރޭގައި އަޅުގަނޑުމެން ކަންތައްކުރަންވީ ގޮތެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައި މީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮ މީހާއެވެ. ތިމަން ކަލޭގެފާނަކީ ތިއަބައިމީހުންގެތެރެއިންވާ ތިމަންކަލޭގެފާނުގެ ޢާއިލާއަށް އެންމެ ހެޔޮ މީހާއެވެ." 

އެހެންވީމާ ކޮންމެ މީހަކުވެސް ވާންވީ ޢާއިލާއަށް އެންމެ ހެޔޮ މީހާ ކަމުގައެވެ. ޢާއިލާއަށް ހެޔޮ ދުޢާކޮށްދޭ މީހަކަށެވެ. ދަރިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭ މީހަކަށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ މަގަށް މަގުދައްކަވައި އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހައި ހެޔޮ ބަސް ޤަބޫލުކުރާ ބައަކު ކަމުގައި ލައްވަވާށި! އާމީން 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން 

--ދަރުސްގެ ވީޑިއޯ:  

 

 

 

މިއަދު އޮންލައިން