ގޭގަ ކައްކާ އެއްޗެތި އުކާ ނުލައި ޞަދަޤާތްކުރުމަކީވެސް ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވިދާނެ ކަމެކެވެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ގޭގަ ކައްކާ އެއްޗެތި އުކާ ނުލައި ޞަދަޤާތްކުރުމަކީވެސް ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެވިދާނެ ކަމެކެވެ!: ޑރ. ޝަހީމް

އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން ޞަދަޤާތްކުރަމުން ގެންދާ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު މަތިވެރި ދަރަޖަ ލިބިގެންވާ ބައެކެވެ. ރަސޫލް (ޞޢވ)ގެ  ޙަދީޘްފުޅުގައި އޮތީ "ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން ހޭދަކުރާ އިންސާނާ ޤިޔާމަތް ދުވަހު ވަނީ މީސްތަކުންގެ ހިސާބު ބައްލަވައި ނިމެންދެން އޭނާ ހޭދަކުރި ޞަދަޤާތުގެ ހިޔަލުގައި" ކަމަށެވެ. 

އެފަދަ ނިޢްމަތެއްލިބި ޞަދަޤާތުގެ ހިޔަލުގައި އޭނާ ހުރުމަކީ ޤިޔާމަތް ދުވަހުގެ ހުރިހާ ބިރުވެރިކަމަކުން އޭނާ ސަލާމަތްވެގެންވާނެ ކަމެވެ. ޞަދަޤާތްކުރުމަކީ މިލިއަން މިލިއަނުން ނުވަތަ ލައްކަލައްކައިން ހޭދަކުރުމެއް ނޫނެވެ. ގޭގައި ކައްކާ އެއްޗަކުން ދަތިހާލުގައި ތިބި ބައަކަށް އެތިކޮޅެއް ފޯރުކޮށްލައި ދިނުމަކީވެސް ޞަދަޤާތް ކުރުމެވެ. ކިތަންމެ މަދު ކާއެތިކޮޅެއް އަދި މަދު ފައިސާކޮޅެއް ހޭދަކުރުންވެސް ވާނީ ހަމަ ޞަދަޤާތަކަށެވެ. 

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ އެމީހާގެ މުދަލުން ހޭދަކުރާ މީހުންނަށް ތަޢްރީފްގެ ބަސް ވަޙީކުރައްވަވައިފައެވެ. " އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ." (އައްނިސާ: 8) 

މިސްކީނުންނަކީ އެމީހެއްގެ ބޭނުންތައް ނުފުދިފައި ހުރި މީހާއެވެ. މުޖުތަމައުގައި އެތައް ބައިވަރު މިސްކީނުންނާއި ޔަތީމުންނާއި ބޭރު ޤައުމުތަކުން އައިސް ތިބި، ކާނެ ބޯނެ އެއްޗެއް ނެތިފައި ތިބި އެތައް ބައަކު އެބަ އުޅެއެވެ. 

ގޭގައި ކައްކާތަނުން އިތުރުވާ ތަކެއްޗަކީ ވެސް ވަރަށް އަގުހުރި ތަކެއްޗެވެ. އެއެތިކޮޅުވެސް އުކާނުލައި ކޮންމެވެސް މީހަކަށް ފޯރުކޮށްދޭށެވެ. އެއީ އެއްވެސް ހާލެއްގައި އަނެކާއަށް ދޭން ދެރަ އެއްޗެއް ކަމުގައި ނުދެކޭށެވެ. އެއީ ހަމަ ތިމާ ކާން ކެއްކި ރަނގަޅު ތަކެއްޗެވެ. އެއެތިކޮޅު ދީގެންވެސް ޤިޔާމަތް ދުވަހު ޞަދަޤާތްކުރި މީހުންގެ ތެރޭގައި ހިމެނި ﷲ ތަޢާލާގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ވުމަށް މަސައްކަތް ކުރާށެވެ! 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން