އިސްލާމް ދީނާއި ގުޅުވައިގެން ދެކެވޭ ބައެއް ވާހަކަތުގައި އެންމެ ގިނައިން ކުރެވޭ ބަހުސްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހަނދުގައި ފައިތިލަ ޖެއްސި އިންސާނާ ކަމަށްވާ ނީލް ޢާމްސްޓްރޯންގ އިސްލާމްވިތޯ ނުވަތަ ނޫންތޯ ފަދަ ބައެއް މައްސަލަތަކަށް ބަހުސްކުރެއެވެ.
ނީލް އާމްސްޓްރޯންގ އިސްލާމްވި ކަމުގެ ވާހަކަތަކެއް ފެތުރުނެވެ. ދުނިޔޭގެ ނޫސްތަކުގައި އެވާހަކަތައް ލިޔުނެވެ. ފަހުން ކޮންމެވެސް މީހަކު ނީލް އާމްސްޓްރޯންގ އާއި ޙަވާލާދީ ކަމަށް ބުނެ އެއިރު ފެތުރުނު ބައެއް ވާހަކަތައް ދޮގުވެސް ކުރިއެވެ.
ޔަޤީންކުރެވޭ ކަންކަމަކީ ނީލް އާމްސްޓްރޯންގ އިސްލާމްވިކަމުގެ ޚަބަރުތައް ފެތުރިގެންދިއުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނީލް ފަހާ ދުވިކަމެވެ. ސިޓީތައް ފޮނުވައި ހެދިކަމެވެ. ނީލްގެ ނަމުގައި ބަހެއް ޢާންމުކުރަން މަޖުބޫރުވީ އެހިސާބުން ކަމެވެ. އެބަސްވެސް ބޭރުވިކަމަށްވަނީ އޭނާގެ އެއިޑެއްގެ ގޮތުގައި މަސައްކަތްކުރި މީހެއްގެ ކިބައިން ކަމެވެ.
އެހެންކަމުން އެބަހުސްއަށްދާކަށް ނެތީމެވެ! އެމެރިކާގެ ސްޓޭޓް ޑިޕޓުމަންޓް މީހެއްގެ ފަހަތުގައި އެޅިގަތުމުން ކަންކަން ވާނެ ގޮތް އެންމެންނަށްވެސް އެނގޭނެއެވެ. އެނގޭ ކަމަކީ އިސްލާމްވި ނަމަ އެކަމުގެ ފައިދާ ކުރާނީ އޭނާއަށް ކަމެވެ. އަދި އިސްލާމް ނުވި ނަމަ އެކަމުގެ ޖަޒާ ވެސް ލިބިގެންދާނީ އޭނާއަށް ކަމެވެ.
އަހަރެންގެ ސުވާލަކީ ނީލް އާމްސްޓްރޯންގ ނުވަތަ އެނޫންވެސް ވަކި މީހަކު އިސްލާމް ވުމާއި ނުވުމުގައި މުސްލިމުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް އެބަ އޮތް ހެއްޔެވެ؟ މިސުވާލުކުރަން މިޖެހެނީ ﷲ ތަޢާލާއަށް އީމާންވެ ބިރުވެތިވުމުގައި ފަސްޖެހޭ ބައެއް މީހުން ބުނާ ބަސްތަކުން އެމީހުން ފަސް ޖެހެނީ ދުނިޔޭގެ މަޝްހޫރު ނުވަތަ ނުފޫޒު ގަދަ މީހުން ނަމޫނާއަކަށް ބަލައިގެން ކަމަށް ބުނާތީއެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ ދުނިޔޭގައި ކިތަންމެ ނުފޫޒުގަދަ ނަމަވެސް އަދި މަޝްހޫރު ކަމާއި ތަނަވަސްކަން ކިތަންމެ ބޮޑު ނަމަވެސް އެއިން އެއްވެސް ކަމަކުން ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ނުކުރާނެ ކަމެވެ.
މިފަދަ ވިސްނުން ގެންގުޅޭ މީހުން ވިސްނައިލަންވީ މި 2 އާޔަތަށެވެ! އެއިރުން ހުރިހާ ކަމެއްވެސް އޮޅުންފިލާނެއެވެ.
"..ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ..." ހަނދުގައި ފައިތިލަ ޖެއްސި މީހެއް ނަމަވެސް އަދި އެހެން މީހެއް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތީ މިހުކުމެވެ.
މީސްތަކުންނޭވެ! ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު އަހަރެމެން އެންމެންވެސް މިކަންކަމަށް ވިސްނަންވާނެއެވެ! މަގުފުރެދުމުން ސަލާމަތްވެ ތެދުމަގު ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރަންވާނެއެވެ! ކުރިން ވެސް ބުނި ފަދައިން ހަމަ އަހަރެެމންނަށްޓަކައެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން، ތިއަބައިމީހުންގެ ގާތަށް ޙައްޤު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި ތިއަބައިމީހުންގެ ކަންތައްތައް ޙަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ." (ޔޫނުސް: 108)
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މީސްތަކުންނަށްޓަކައި ޙައްޤު ތެދާއިގެން ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. ފަހެ، ތެދުމަގު ލިބިގެންފިމީހަކު، އެ ތެދުމަގު ލިބިގަންނަނީ އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެމީހަކު އެ މަގުފުރެދިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި އެއުރެންގެ ކަންތައްތައް ޙަވާލުކުރައްވާފައިވާ ވަކީލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ." (އައްޒުމަރު: 41)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން