ކީރިތި ޤުރްއާން ކިޔަވައި އުނގެނުމަށް ބާރު އެޅުމުގެ ގޮތުން ނަމަ ގޭތެރޭގެ ސާފުތާހިރުތަނެއްގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ލިޔެފައި ބެހެއްޓުމަކީ މައްސަލައެއް ނޫނެވެ. ބަހައްޓަން ޖެހޭނީ ޙައްޤު ޤަދަރު ދިނުމާއިއެކުގައެވެ. ނަމަވެސް ފާޚާނާ އާއި އެނޫންވެސް ނުތާހިރު ތަންތަނުގައި ބެހެއްޓައިގެން ނުވާނެއެވެ.
ނަމަވެސް ޤުރްއާނުގެ އާޔަތްތައް ބަހައްޓަނީ ޖިންނި ޝައިޠޯނުންގެ ކިބައިން ދުރުވާން ނުވަތަ ސިހުރުހާހޫރަޢާއި ފަންޑިތަވެރިކަމުގެ ގޮތުން ކަމުގައި ވަނީނަމަ އެކަން ހުއްދައެއް ނުވާނެއެވެ. ޝައިޚް ބިންބާޒް ފަދަ އުންމަތުގެ ބޮޑެތި ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މިގޮތަށެވެ.
ސަޢުދިޢަރަބިޔާގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް ބިން ބާޒް ވިދާޅުވެފައި އޮންނަނީ އެކަމުން ފައިދާއެއް ލިބިގަތުމަށްޓަކައި ނުވަތަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށްޓަކައި އާޔަތްތައް ލިޔެ ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޖިންނި ޝައިޠޯނުން ދުރުކުރުން ފަދަ ނިޔަތެއްގައި ބަހައްޓާނަމަ އެކަމުގެ ނިޔަތް ރަނގަޅު ނޫން ކަމަށެވެ.
މިސާލަކަށް ނަމާދުކުރުމަށް އަނގަވާފައިވާ އާޔަތެއް ބަހައްޓައިފިނަމަ ގޭގެ އަހުލުވެރިންނަށް އަބަދުވެސް ފެނި ނަމާދުކުރަން ބާރުއަޅާކަމަކަށްވާނެއެވެ! އަޅުގަނޑަށް ފެންނަ ގޮތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ފަދަ ކަމަކަށް އަންގަވާފައިވާ އާޔަތެއް ބަހައްޓައިފިނަމަ އެކަމުގެ ގޭތެރޭގެ އަޚްލާޤަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
"ކީރިތި ޤުރްއާނުގެ އާޔަތްތަކާއި އޮނަސައްތަ އިސްމުފުޅު ފަދަ ތަކެތި ގޭގެ ފާރުތަކުގައި ބެހެއްޓުމުގެ ބޭނުމަކަށްވާންވާނީ އެތަކެތި ދަސްކުރުމެވެ. ކުޑައިރުންސުރެ ގޭގެ ފާރުގަ ހުންނަ ލިޔުން ބޮޑުވާއިއރުވެސް ދަސްނުވާނަމަ އެކަމުގެ ބޭނުމެއް ނެތެވެ."
- މުފްތީ މެންކް