ކޮންމެ މުސްލިމަކު އޭނާގެ އަޚާއަށް އަދާކުރަންޖެހޭ 6 ޙައްޤު އަދާކުރަންޖެހޭނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ކޮންމެ މުސްލިމަކު އޭނާގެ އަޚާއަށް އަދާކުރަންޖެހޭ 6 ޙައްޤު އަދާކުރަންޖެހޭނެ!: ޑރ. ޝަހީމް

ތިރިގައި މިވަނީ މުސްލިމުން އެކަކު އަނެކަކަށް އަދާކުރަންޖެހޭނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ 6 ޙައްޤު ބަޔާން ކުރައްވަވައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވާފައިވާ ދަރުސެއްގެ ލިޔުމެވެ. މިއިން ބައެއް ޙައްޤުތައް އަދާކުރުމުގައި ގިނަ ބައަކު މިހާރު ދަނީ ވަރަށް ބޮޑަށް އިހްމާލުވަމުންނެވެ. 

ބައެއް މީހުން ދެކެނީ ބައްދަލުވުމުން ސަލާމް ގޮވުމާއި ސަލާމް ކުރުމަކީ ކަޓްކަމެއްގެ ގޮތުގައެވެ. ދައުވަތުވެސް ޤަބޫލުކުރަނީ ޢިއްޒަތްތެރިއަކު ދީފިނަމައެވެ. ބަލިވެއްޖެ ނަމަ ޙާލުބަލައިލާ މީހަކު މަދެވެ. މަރުވުމުން ޖަނާޒާގައި ބައިވެރިވުން ވެސް ވެފައި އޮންނަނީ ބުރަކަމަކަށެވެ. ކިނބިހި އެލުމުން ދުޢާކޮށްދިނުމަކީ ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމެކެވެ. 

އެހެންކަމުން ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުގެ މައްޗަށް ޑރ. ޝަހީމް ދެއްވާފައިވާ މިދަރުސް އެނގިވަޑައިގަތުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ! 

ޑޜ. ޝަހީމްގެ ދަރުސް: 

މިއަދުގެ މިފުރުސަތުގައި އަޅުގަނޑުގެ މަޢުލޫއަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ. 

އިސްލާމީ އުއްމަތާއި އިސްލާމީ މުޖުތަމަޢު ޚާއްސަވެފައި މިއޮންނަނީ އަޚްލާޤީ މުޖުތަމައެއްގެ ގޮތުގައި. އަޚްލާޤީ އުއްމަތެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް އުގަންނާދެއްވާފައިވޭ އެއް މުސްލިމަކު އޭނާގެ އަނެއް އަޚާޔާ މެދުގައި ކަންތައްތައް ކުރަންވީގޮތުގެ ވާހަކަ. 

އެގޮތުން ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަ ކަމެއް ބަޔާންކުރައްވާފައިވޭ. އެއްމުސްލިމަކު އޭނާގެ އަނެއް އަޚާއާމެދު އަދާކުރަންޖެހޭ ހަ ހައްޤެއްވޭ. ހަ ވާޖިބެއްވޭ. ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވަނީ "މުސްލިމަކު އޭނާގެ އަޚާއާމެދުގައި އަދާކުރަންޖެހޭ ޙައްޤުތައް ހައެކޭ. އެހިނދު ﷲ ގެ ރަސޫލައަށް ދެންނެވުނޭ. ކޮބައިތޯއޭ އެހައްޤުތަކަކީ. 

ދެން އިތުރުކަލޭގެފާނު ހަދީޘްކުރެއްވީ " ތިބާގެ އަޚާއާ ބައްދަލުވެއްޖެނަމަ އޭނާއާ ސަލާމްކުރާށޭ. އޭނާއާ ސަލާމްކުރާށޭ ނުވަތަ ސަލާމް ގޮވާށޭ. އެހެންވީމާ ސަލާމަކީ އެއީ ތިމާގެ ހިތް އަނެކާއާމެދުގައި ސާފުކޮށް އޮތްކަމުގެ ހެއްކެއް. އޭގެ ރަމްޒު. އެކުވެރިކަމުގެ ރަމްޒު. ލޮބުވެތިކަމުގެ ރަމްޒު. އެހެންކަމުން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް އެހެން ބަސްފުޅެއްގައިވެސް ހަދީޘްކުރައްވާފައިވޭ "ތިޔަބައިމީހުންގެ ތެރޭގައި ސަލާމް ފަތުރާށޭ. ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިކަން އިތުރުވެގެންދާނެކަމެކޭ. އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮންނަ. އެހެންވީމާ ފުރަތަމަ ކަމެއްގެގޮތުގައިވެސް ބަޔާންކުރައްވާފައިވަނީ ސަލާމްކުރާށޭ. އެހެންވީމާ ސަލާމްކުރުމާއި ސަލާމް ގޮވުން އަޅުގަނޑުމެން އިތުރު ކުރަންޖެހޭނެ ފުރަތަމަ ކަމަކަށް.  

ދެވަނަކަމަކީ ތިބާގެ އަޚާ ތިބާއަށް ދަޢުވަތެއް ދީފިނަމަ އެދަޢުވަތު ޤަބޫލުކުރާށޭ. ކައިވެނި ޕާޓީއަކަށް ދަޢުވަތުއައީ ނުވަތަ ދަރިފުޅަކަށް ނަންކިޔައިގެން ބޭއްވި ކެއުމަކަށް ދަޢުވަތު އައީ ނުވަތަ އެނޫންވެސް މުހިއްމު ދަޢުވަތަކަށް މުނާސަބަތަކަށް ރަނގަޅު ނަތީޖާއެއް ލިބިގެން ބޭއްވި ހަފްލާއަކަށް ދަޢުވަތު ދިނީ ރަނގަޅު މަޤާމެއް ލިބިގެން ބޭއްވި ހަފްލާއަކަށް ދަޢުވަތު ދިނީ އެހެންވެއްޖެއްޔާ އަހާލަތުގައި ޚާއްސަކޮށް ކައިވެނީގެ ވަލީމާ ދަޢުވަތުދީފިނަމަ ޖެހޭނެ އެދަޢުވަތު ޤަބޫލުކުރަން. އެއީ ސުންނަތެއް. 

ތިންވަނަ ކަމަކަށް އޭނާ މަޝްވަރާއެއް ހޯދަން ލަފައެއް ހޯދަން އޭނާ ނަސޭހަތެއް ހޯދަން އެދިއްޖެނަމަ އޭނާއަށް އެނަސޭހަތެއް ދޭށޭ ތިމާއަށް ފެންނަ ހެޔޮގޮތް ބުނެދޭންޖެހޭނެ. އެއީ ވާޖިބެއް. މުސްލިމު އަޚަކު ތިމާގެ ކައިރިއަށް އައިސްފައި މިވެނި ކަމެއްގައި ކިހިނެތްތޯއޭ ފެންނަނީ ކިހިނެތްތޯއޭ ނަސޭހަތަކީ އިރުޝާދަކީ ކޮބައިތޯ ބުނެފިނަމަ އެއަށްޖެހޭނެ ތިމާއަށް ފެންނަ އެންމެ އިޚްލާސްތެރި ގޮތަކަށް އޭނަ ބުނެދޭންޖެހޭނެ. 

ހަތަރުވަނަ ކަމަކަށް އެއީ މުސްލިމް އަޚާ ކިނބިހި އެޅުނީމާ އޭނާ ’’ޙަމްދުލިﷲ“އޭ ބުނީމާ ’’ޔަރްހަމްކަﷲ“ ބުނަންޖެހޭނެ. މިއީ ވާޖިބެއް. މިއީ ޙައްޤެއްގޮތުގައި އަނެއް އަޚާގެ. އެހެންވީމާ ކިނބިހި އެޅުނީމާ ’’އަލްހަމްދުﷲ“ އޭ ބުނީމާ އޭގެ ޖަވާބުގައި ބުނަންޖެހޭނެ ’’ޔަރްހަމްކަﷲ“ މާތްﷲ ތިބާއަށް ރަހުމަތް ލައްވާނެއޭ. އެހެންވީމާ އެގޮތަށް ބުނުމަކީވެސް އެއީ މުސްލިމަކު އޭނާގެ އަޚާއަށް އަދާކޮށްދޭންޖެހޭ ހައްޤެއް. 

ފަސްވަނަ ކަމަކަށް އޭނާ ބަލިވެއްޖެނަމަ އޭނާގެ ހާލުބަލާލަން ޒިޔާރަތްކުރަންޖެހޭނެ. އޭނާ ބަލިވެއްޖެނަމަ އޭނާގެ ހާލު ބަލާލަން ޒިޔާރަތްކުރާށޭ ޙަދިޘްފުޅޯުގަ އޮތޯ. 

ހަވަނަކަމަކަށް އޭނާ މަރުވެއްޖެނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވާށޭ. އެއީ ވާޖިބެއް. މިއީ ހައްޤެއް. ޖަނާޒާގައި ބަޔަކު ބައިވެރިވުމަކީ އެއީ ކިފާޔަތުގެ ފަރުޟެއްވެސްމެ. އެއީ ޙައްޤެއް ތިމާގެ އަޚާއާ މެދުގައި ތިމާ އޭނާގެ އަޚާ މަރުވީމާ އޭނާގެ ޖަނާޒާގައި ބައިވެރިވެ ހެޔޮދުޢާކުރުމަކީ އެއީ ނުހަނު ސަވާބާ ދަރުމަ ހުރިކަމެއް. 

އެހެންވީމާ މިހަ ހައްޤު މިއީ މުސްލިމަކު އޭނާގެ އަނެއް އަޚާއާމެދުގައި އަދާކުރަންޖެހޭ ހަ ޙައްޤު، މިކަންކަން އަޅުގަނޑުމެންގެ ސޮސައިޓީތަކުގައި މުޖުތަމަޢުގައި ރަށްރަށުގައި އެބަޖެހޭ ޤާއިމްކުރަން. ފުރަތަމަ ކަމަކީ ސަލާމްގޮވުން. އެކަކު އަނެކަކަށް ސަލާމްގޮތުން ބައްދަލުވެއްޖެނަމަ. ދަޢުވަތެއް ދީފިނަމަ އިޖާބަދިނުން ދޭއް. ތިންވަނަ ކަމަކަށް ނަސޭހަތަކަށް އެދިއްޖެނަމަ ހެޔޮ ނަސޭހަތަކަށް އެދިއްޖެނަމަ ނަސޭހަތް ދިނުން އިރުޝާދު ދިނުން. ހަތަރުވަނަ ކަމަކަށް ކިނބިހި އަޅައިފިނަމަ ’’އަލްހަމްދުﷲ“ އޭ ބުނެފިނަމަ ’’ޔަރްހަމްކަﷲ“ ބުނުން. ފަސްވަނަ ކަމަކަށް ބަލިވެއްޖެނަމަ ޒިޔާރަތްކުރުން. ހާލުބެލުން. ހަވަނަ ކަމަކަށް އޭނާ މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުން. މި ހަ ހައްޤު އަޅުގަނޑުމެން އަދާކުރަންޖެހޭ އަޅުގަނޑުމެންގެ އަޚުންނާމެދުގައި.  

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

 

ދަރުސްގެ ވީޑިއޯ:

 

 

 

 

މިއަދު އޮންލައިން