ފަހުދިހައިގެ ބަރަކާތްތެރި ރޭތައް ފެށެނީއެވެ. ރޭއަޅުކަމުގެ ފޯރި ގޭގައި އެންމެ ވަރުގަދަކުރަންވީ ރޭތައް އަޅުގަނޑުމެންނާއި ބައްދަލުކުރަނީއެވެ. އެކަން އެންމެ ފޯރީގައި ކުރެވޭނެ ގޮތަކަށް ކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ!
ޖަމާޢަތުގައި ކުރުމަކީ ކަންނެތްކަން ފިލައި ފޯރީގައި ނަމާދުކުރަން ޝައުޤުވެރިވެވޭ ކަމެކެވެ. އެހެންކަމުން އިމާމްވެ ނަމާދުކުރާނެ ފިރިހެނަކު ނެތް ޙާލަތުގައި އަންހެނުން އެކަނިވެސް ޖަމާއަތް ހަދައިގެން ކުރަންވީއެވެ.
ތިރީގައި މިވަނީ އަންހެނުން ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއިބެހޭގޮތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
"އަންހެނަކު އިމާމްވެހުރެ ގޭގައި އުޅޭ ހުރިހާ އަނހެނުންނަށްވެސް ޖަމާއަތް ހަދައިގެން ތަރާވީޙް ނަމާދުކުރެވިދާނެއެވެ.
ޖަމާޢަތުގައި ބައިވެރިވާން ޖެހޭނީ އަންހެނުންނާއި ތުއްތު ކުދިން ވަރުގެ އެކަނި ނަމާދު ނުކުރެވޭވަރުގެ ކުޑަފިރިހެންކުދިންނެވެ. ބޮޑެތި ފިރިހެން ކުދިން ބައިވެރިކޮށްގެން ނުވާނެއެވެ.
އިމާމްވެ ނަމާދުކުރާ އަންހެން މީހާ ހުންނަންޖެހޭނީ ކުރީސަފުގެ ކުރިއަށް އަރައެއް ނޫނެވެ. ކުރީސަފުގެ މެދުގަ އެހެން މީހުންގެ ތެރޭގައެވެ. އަޑުހަރުކޮށް ކިޔެވުމާއި ނުކިޔެވުން ވަނީ އެމީހެއްގެ އިކްތިޔާރުގައެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު