ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިއަބައިމީހުންގެ ދަރިން 3 ކަމެއްގެ މައްޗަށް ތަރުބިއްޔަތުކުރުމަށެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ، ތިއަބައިމީހުންގެ ނަބިއްޔާ ދެކެ ލޯބިވުމާއި، އަދި އެކަލޭގެފާނުގެ އާލްބައިތުން ދެކެ ލޯބިވުމާއި، އަދި ކީރިތި ޤުރްޢާން ކިޔެވުމަށް ތިއަބައިމީހުންގެ ދަރިން ތަރުބިއްޔަތުކުރާށެވެ!
އަދިވެސް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ޤުރްއާން އުނގެނި އެ ޤުރްއާން އުނގަންނައިދޭ މީހާއެވެ!"
އަދިވެސް ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން ކީރިތި ޤުރްއާން ކިޔަވާށެވެ! އެ ޤުރްއާން ކިޔެވި މީހާއަށް ޝަފާޢަތްތެރިވުމަށް އެ ޤުރްއާން އަންނާނެއެވެ."
ރަމަޟާން މަހު ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ވަގުތު ހުސްކޮށްގެންވެސް އެއީ ކުރަންޖެހޭ ކަމެކެވެ. ސުންނަތް ނަމާދުތަކުގައި މުޞްޙަފް ބަލައިގެންވެސް ކިޔަވާށެވެ! ޤުރްއާނަކީ ހިތްތަކުގެ ނޫރެވެ!
އެގޮތުގައި މަސައްކަތް ކުރެވިއްޖެ ނަމަ އެ ޤުރްއާނުގެ ސަބަބުން މާތް ﷲ އަޅުގަނޑުމެން ޢިއްޒަތްތެރިކުރައްވަވާނެއެވެ. އަދި ޘަވާބާއި ދަރުމަވެސް ދެއްވަވާނެތެވެ! ގޭތެރޭގައި ޤުރްއާން ކިޔަވާނަމަ އަނބިދަރިންނަށްވެސް ބަރަކާތް ލައްވަވާނެތެވެ. އެހެންކަމުން ރަމަޟާން މަސް ނިމުނު ނަމަވެސް ޤުރްއާން ކިޔެވުމުގައި ދެމިތިބުމަށް ވަޞިއްޔަތް ކުރަމެވެ!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދުނޫހަސް ދެއްވި ޚާއްޞަ ދަރުސަކުން
- ދަރުސްގެ ވީޑިއޯ: