އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ، އެޤައުމުގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއިމެދު ފިޔަވަޅު އަޅާނެކަމަށް ޑިމޮކްރެޓިކް ނޮމިނީ ޖޯއީ ބިޑެން ވިދާޅުވެއްޖެއެވެ.
ބިޑެން މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ބިޑެން އަށް ތުހުމަތުކޮށް ތަހުގީގު ކުރަމުންދިޔަ ޖިނާއީ މައްސަލައެއް، އެމީހުންގެ އެއްވެސް ކުށެއް ނެތް ސާބިތުވެފައިވަާތީ، އިތުރަށް ތަހުގީގު ނުކުރާނެކަމަށް އެޤައުމުގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނަށް ޓްރަމްޕް ދެއްވި ޖަވާބަށް ރައްދެއް ދިނުމުގެ ގޮތުންނެވެ.
އެމައްސަލަ ތަހުގީގު ނުކުރާނެ ކަމަށް ނިންމެވުމުން ޓްރަމްޕް ވިދާޅުވެފައިވަނީ، އެއީ ޓްރަމްޕްގެ "މައްސަލައެއް ނަމަ ތަހުގީގު ކުރާނެ" ކަމަށެވެ.
ަޓްރަމްޕް އާއިމެދު ފިޔަވަޅު އަޅާނެކަމަށް ބިޑެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް އޭނާ ވިދާޅުވެފައިވަނީ ޑޮނާލްޑް ޓްރަމްޕް އަށް އެއްވެސް ލުޔެއް ދިނުމެއް ނެތް ކަމަށެވެ.
އެމެރިކާގެ ޤާނޫނުގައިވާ ގޮތުގަައި ރައީސްކަމުގައި ހުންނަވާ ފަރާތެއްގެ އެއްވެސް ޖިނާއީ މައްސަލައެއް އެމުއްދަތުގައި ނުބެލޭނެއެވެ. ނަމަވެސް ރައީސް ކަމުން ވަކިވުމަށްފަހު އެފަދަ މައްސަލަތައް ތަހުގީގު ކުރެވޭނެއެވެ.