އެންމެ ކާމިޔާބު މީހަކީ އަޅާލާނެ އެކަކު ނެތް ނަމަވެސް ތިމާއާއެކު ﷲ ވޮޑިގެންވާކަން ޔަޤީންކުރާ މީހާ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 3ސ
އެންމެ ކާމިޔާބު މީހަކީ އަޅާލާނެ އެކަކު ނެތް ނަމަވެސް ތިމާއާއެކު ﷲ ވޮޑިގެންވާކަން ޔަޤީންކުރާ މީހާ!: ޑރ. ޝަހީމް

"އެންމެ ކާމިޔާބު މީހަކީ އެމީހަކާއި އަޅާލާނެ އެކަކު ނެތް ނަމަވެސް ތިމާއާއިއެކު ﷲ ވޮޑިގެންވާކަން ޔަޤީންކުރާ މީހާއެވެ. އެކަން ހިތުގެ އަޑިން ޔަޤީންކޮށްގެން ހުންނަ މީހާ މާޔޫސްވާކަށް ނުޖެހޭނެއެވެ.

މިފަދަ ވަގުތެއްގައި އެންމެންވެސް މިތިބީ ހިތާމަ ޢާއި ހިތްދަތިކަމުގައެވެ. ނަމަވެސް އެކަމުގެ ސަބަބުން މާޔޫސްވެ ނިކަމެތިވެނުގަންނާށެވެ!" 

"އަޅުގަނޑު ވަޒީފާއެއްނެތި ގޭގައިހެއްޔޭ އިންނަންވީ. އަޅުގަނޑަށް ނުކިޔެވި ގޭގައިހޭ އިންނަންވީ. އަޅުގަނޑަށް މީހަކާ ނުއިނދެވި އެކަނިހޭ އުޅެންވީ. އަޅުގަނޑުގެ މައިންބަފައިން ވަނީ މަރުވެފައިއޭ. އަޅުގަނޑަށް އަޅާލާނެ ބޭބެއެއް ނެތޭ ދައްތައެއްވެސް ނެތޭ. އަޅުގަނޑަށް އަޅާލާނެ އެއްވެސް މީހެއްނެތޭ. 

އެކަމަކު ދަންނަވަން ވާހަކައެއް. މިހުރިހާ ބައިވެރިންނަށްވުރެ އެންމެ އޯގާވަންތަ ރަސްކަލާނގެ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެކަން ތިބާގެ ހިތުގައި އަބަދުވެސް ބާއްވަންޖެހޭނެ. ތިބާގެ ހިތުގައި އަބަދުވެސް ބާއްވަންޖެހޭނެ ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއަށް އެހީތެރިވެ ވޮޑިގަންނަވާނެކަން.

އިހްސާންތެރިންނާއެކު ﷲ ގެ ތަނަވެސް ރަހުމަތްވެއޭ. 

އެހެންވީމާ އެއްވެސް ފަރާތަކުން ތިބާއަށް އެހީތެރިނުވިނަމަވެސް ﷲގެ އެހީތެރިކަމާއި މަދަދު ތިބާއަށް އޮންނާނެކަން ތިބާގެ ހިތުގައި ބާއްވަންޖެހޭނެ. ކާމިޔާބަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށިގެންދާ ވަގުތަކީ އެއީ ކާމިޔާބަށްޓަކައި ކުރަންޖެހޭ މަސައްކަތް ފަށާންވީ ޕޮއިންޓަކީވެސް އެއީ. ﷲގެ ހަޟްރަތަށް ވަކީލްކޮށްގެން ކާމިޔާބަށް ދިއުމަށްޓަކައި މަސައްކަތްކުރަންވީ."   

ނަޒަރިއްޔާތު ޕްރޮގްރާމްގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު މިއަދު ދެއްވި ދަރުސުން: 

ކާމިޔާބުގެ މަންޒިލަށް ވާސިލްވުމުގައި ވަރަށް މުހިއްމުކަމެއް އެއީ އިހްސާންތެރިވުމަކީ. އަޅުގަނޑުމެން އިސްލާމީ ނަޒަރަކުން ބަލާއިރުގައި އަޅުގަނޑުމެންނަކީ މުސްލިމު ހައިސިއްޔަތުން އަޅުގަނޑުމެން ކާމިޔާބާ ހަމައަށް ވާސިލްވުމުގައި ވިސްނަންޖެހޭ ނުކުތާއަކީ އަޅުގަނޑުމެން މުސްލިމުންގެ ހަޤީޤީކާމިޔާބީއަކީ ދުނިޔޭގެ ކާމިޔާބީ އެކަންޏެއްނޫންކަން. 

އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ހަޤީޤީ ކާމިޔާބަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުކަން. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުކަން. 

އެހެންވީމާ އަޅުގަނޑުމެން ފަށައިގަންނަންވީ ހިސާބަކީ ﷲ ސުބްހާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެން ހައްޤުގޮތުގައި އީމާންވުން. އެއީ އަޅުގަނޑުމެންގެ އެންމެ މުހިއްމު އެއްނުކުތާއަކަށްވާންޖެހޭނީ. 

ދެން އަޅުގަނޑުމެން ބަލާލަމާ ކާމިޔާބަކީ ކޮބައިތޯ؟ 

އެކިމީހުން ކާމިޔާބު މާނަކުރާނެ އެކިގޮތަށް. މީހަކަށް މަތީ މަޤާމެއް ލިބުން އެއީ އޭނާގެ ނަޒަރުގައި އެއީ ކާމިޔާބަކަށްވެދާނެ. އަނެކަކަށް ރީތި ހަޔާތުގެ ބައިވެރިއަކުލިބުން އެއީ ކާމިޔާބަކަށް އޭނާ މާނަކޮށްފާނެ. ވިޔަފާރީގައި ގިނަ ގުނަ ފައިދާތައްވުން އެއީ ކާމިޔާބީއެއްގެގޮތުގައި ސިފަކޮށްފާނެ. ތައުލީމީ ހަޔާތުގައި މަތީ މާކްސްތަކާއި މަތީފާސްތައް ލިބުން އެއީ ކާމިޔާބީއެއްގެ ގޮތުގައި މާނަކޮށްފާނެ. ރަނގަޅު މިއިން ކޮންމެކަމަކީވެސް އެއީ ހަމަ ކާމިޔާބީގެ ތެރެއިން ހިމެނޭ ކަމެއް. 

ކޮންމެ ޝަހްސެއްވެސް ކާމިޔާބާ ހަމައަށް ވާސިލްވުމަށް އެދޭނަމަ މާޔޫސްވުމެއް ގެންގުޅެގެންނުވާނެ. އިންސާނުންގެ އުފެދުމުގައި ބައެއްމީހުންނަށް ސިފަތަކެއް މާތްﷲ ދެއްވާފައިވޭ. އެމީހުންގެ ހަޔާތުގައި ކާމިޔާބަށް ވާސިލްވުމަށްޓަކައި އެމީހުންނަށް އިތުރު ބުރަޔަކާ ނުލައި ކާމިޔާބީއެއް ދެވޭނެފަދަ ސިފަތަކެއް. އޭގެ ތެރޭގައި ލީޑަރޝިޕް ކޮލެޓީ. ވާހަކަދެއްކުން ތެރިކަން. ހީވާގިކަން، ހުނަރުވެރިކަން، މިހުރިހާކަމަކީ މިއީ ފިތުރީގޮތުން އެއްބައި އިންސާނުންގެ ކިބައިގާ ހުންނަ ކަންތައް. 

އަނެއްބައި އިންސާނުން ފިތުރަތު ކުރެވިފައި މިވަނީ ގަދައަޅައި މަސައްކަތްކޮށްގެން އެސިފަތައް ހާސިލްކޮށް އޭގެ މައްޗަށް ކާމިޔާބު ހާސިލްކުރުން. އެހެންވީމާ ކާމިޔާބަކީ އެއީ އަޅުގަނޑުގެ ނަޒަރުގައި އެމަފްހޫމް ތަރުޖަމާ ކުރަން ބޭނުންވަނީ މިޒަމާނުގައިނަމަ މިޒަމާނުގައި ފެންނަން ހުރި ލިބެންހުރި ވަސީލަތްތަކުގައި ހިފައިގެން ހަޔާތުގެ އެކި އެކި ހަރުފަތްތަކުގައި އުސްމިންތަކަށް ވާސިލްވުމަށް މަސައްކަތްކުރުން. ކާމިޔާބަކީ އެއީ. 

އަދި ކުރިން އަޅުގަނޑު ދެންނެވި ފަދައިން ކޮންމެ މުސްލިމެއްގެވެސް ހަޤީޤީ ކާމިޔާބަކީ އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުކަން ހަނދާން ނައްތާލައިގެނެއްނުވާނެ. އަޅުގަނޑުމެން ބަލަންވާނެ ކޮންމެ އިންސާނަކުވެސް މިދުނިޔޭގައި ހޭދަ ކުރާ ދުވަސްތަކުގައި އޭނާއަށް އުފާވެރިކަމާއި ހިތާމަތައް ކުރިމަތިވޭ. އުފާވެރިކަމާއި ހިތާމަތައް ދަތިކަމާއި ފަސޭހަކަން. 

އެހެންވީމާ ކީރިތި ޤުރުޢާނުގައިވެސް މާތްﷲ ވަހީކުރައްވާފައިވަނީ "ހަމަކަށަވަރުން ދަތިކަމަކަށްފަހުގައި ފަސޭހަކަމެއް އަންނާނެއޭ. ހަމަކަށަވަރުން ދަތިކަމަކަށް ފަހުގައި ފަސޭހަކަމެއް އަންނާނެއޭ." 

އެހެންވީމާ އެއްވެސް ކުއްޖަކު މާޔޫސްވެގެންނުވާނެ. މިއަދު ކިތައް ކުދިން ވަޒީފާ ގެއްލިފައި ނުވަތަ އާއިލީ ތަފާތު ކަންތައްތަކާ ހުރެ މާޔޫސްވުމުގެ ތެރެއަށް ގޮސްފައި ނުވަތަ ޒަވާޖީ ހަޔާތް ރޫޅިގެންގޮސް މާޔޫސްކަމެއްގެ ތެރެއަށްގޮސްފައި. ނުވަތަ އެނޫންވެސް ހިތާމަވެރި ކަންތައްތަކެއް މެދުވެރިވެފައި. 

އެހެންވީމާ މާޔޫސްވުމުގެ ތެރެއަށް ވެއްޓިފައިވަނީ ކިތައް ކުދިން. އެހެންނަމަވެސް އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގައި ބަޔާންކުރައްވާފައިވަނީ  "ﷲގެ ރަހުމަތުން މާޔޫސްނުވާށޭ." 

އެހެންކަމުން އެކިއެކި ނަބީ ބޭކަލުންގެ ހަޔާތްޕުޅަށް އަޅުގަނޑުމެންނަށް ނަޒަރު ހިންގާލާއިރުގައިވެސް އަޅުގަނޑުމެންނަށް ފެނޭ އެކި އެކި ދަތިތައް ތަހަންމަލްކުރެއްވުމުގައި އެބޭކަލުން ވެވަޑައިގެންފައިވާ މަތިވެރި ޤުރުބާނީ. 

އެހެންވީމާ ހަޔާތުގެ ކާމިޔާބާ ހަމައަށް ވާސިލްވުމުގައި އިންސާނާ މައިގަނޑު ތިން އުންސުރެއް ގިރާކުރަންޖެހޭނެ. މައިގަނޑު ތިން ފާލަމެއްގެ މަތިން ކާމިޔާބީއާ ހަމައަށް ދަތުރުކުރަންޖެހޭނީ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ކާމިޔާބުގެ މަގު ހޯދައިގަތުން. އެއްވެސް ކަމަކަށް މީހާ އަޒުމް ކަނޑައަޅައިގެން މަސައްކަތް ނުކުރާހާ ހިނދެއްގައި އެހެންމީހަކަށް ތިމާ އެހިސާބަކަށް ގެންގޮހެއް ނުދެވޭނެ. ތިމާ ބޭނުންވާ އަމާޒަށް ވާސިލްވުމަށްޓަކައި ދަތުރު ފަށަން މިޖެހެނީ ތިމާގެ އަމިއްލަ ނަފްސުން. ތިމާގެ އަމިއްލަ ހިތުން. 

ﷲ ގެ ވަޙީ ބަސްފުޅުގައި ވަނީ "ތިބާ ކަމަކަށް އަޒުމް ކަނޑައަޅައިފިނަމަ ﷲ އާ ވަކީލްކުރާށޭ." 

އެހެންވީމާ މޮޅަށް ކިޔަވަން ބޭނުންވާ މީހާވެސް އޭނާގެ ކިޔެވުމަށް އަޒުމް ކަނޑައަޅައިގެން އޭނާގެ ހިތުން އޭނާގެ ނަފްސުން އެކަމެއް ކަނޑައަޅާ، އަޒުމް ކަނޑައަޅަންވީ ތިމަންނާ މިފަސްއަހަރު ދުވަސް ނިމިގެންދާއިރުގައި ތިމަންނާ ހުންނާނީ، މިސާލަކަށް ތަޢުލީމީ ހަޔާތުގައި މިވެނި މަރުހަލާއެއް ކަޑަތުކުރެވިފައޭ. އެއީ ތިމާ އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް އެއީ. އެނޫން ބަޔަކަށް އެނިންމުމެއް ނުނިންމޭނެ. 

އެހެން ބަޔަކަށް ތިބާއަށް ސަޕޯޓް ދެވިދާނެ. ތިބާއަށް އެހީތެރިވެވިދާނެ. އެކަމަކު ހަޔާތުގެ އެކާމިޔާބުގެ ހަޤީޤީ ދަތުރު ފަށަންޖެހޭނީ ތިމާގެ އަމިއްލަ ނަފްސުން. ތިމާ އެކަމަށްޓަކައި އަޒުމް ކަނޑައަޅަންޖެހޭނީ. އެހެންވީމާ ހަޔާތުގެ ކާމިޔާބު މަގު އިޚްތިޔާރު ކުރުމަކީ ތިމާގެ އަތުގައިވާ ކަމެއް. އެއީ އެހެން މީހަކަށް ކުރެވޭނެ ކަމެއް ނޫން ތިމާއަށްޓަކައި. 

އެހެންވީމާ ތިމާ އަމިއްލައަށް، މަސްތުވާ ތަކެތީގެ ވަބާގައި ވެއްޓިފައިވާ މީހާވެސް އެކަމުން ސަލާމަތްވުމުގެ އަޒުމް އޮންނަންވީ ތިމާގެ އަމިއްލަށް ނަފްސަށް. މާޔޫސްވާ މީހާވެސް މާޔޫސްވުން ދޫކޮށްލާފައި އޭނާ ރަނގަޅު ހަޔާތަކާ ދިމާލަށް އަންނަންވީ ތިމާގެ އަމިއްލަ އަޒުމުން. އެކަމަށްޓަކައި ތިމާ އަޒުމް ކަނޑައަޅަންވީ. ތިމާގެ އަމިއްލަ އަޒުމް އެކަމަށްޓަކައި އޮވެއްޖެކަމަށްވަނީނަމަ އެއީ ނުވަދިހި ފަސް ޕަސެންޓު އެކާމިޔާބުގެ މަންޒިލާ ހަމައަށް ފޯރުކޮށްދެވުނީ. ތިބޭފުޅުންނަށް މިކަން އަޅުގަނޑަށްވުރެ މާބޮޑަށް އެނގިވަޑައިގަންނަވާނެ. 

ދެވަނަ އުންސުރަކީ ހިތްވަރާއި އަޒުމް. އެހެންވީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ސައްޔިދިނާ ޢަބްދުﷲ ބިން އައްބާސް ދެއްވާފައިވާ އަގުހުރި ނަސޭހަތްޕުޅެއްގައި ބަޔާންވެފައިވޭ. –"ﷲ ގެ ހަޟުރަތުން ވާގިއެދޭށޭ. ނިކަމެތިވެގެން ނުދާށޭ. ފަރުވާކުޑަވެގެން ނުދާށޭ." 

އެހެންވީމާ އަޅުގަނޑުމެން، ނަމާދުގައިވެސް ނިކަން ބައްލަވާ އަޅުގަނޑުމެން ދުޢާގައި، ކޮންމެ ނަމާދެއްގައި އެތައް ފަހަރަކު އަޅުގަނޑުމެން ސޫރަތުލް ފާތިހާ މިކިޔަވަނީ " ﷲ ގެ ހަޟްރަތުން އެކަންޏޭ އަޅުގަނޑުމެން ވާގި އެދެނީ" އެހެންވީމާ ހިތްވަރާއި އަޒުމް، ހިތްވަރާއި އަޒުމް. 

ރަސޫލާ (ޞޢވ) އަށް ކީރިތި ޤުރުއާނުގައި ނަސޭހަތުގެ ބަސްފުޅުތައް އައިސްފައިވޭ "ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށޭ އަޒުމް ވަރުގަދަ ނަބިއްޔުން ކެތްތެރިވެ ވަޑައިގެންނެވި ފަދައިން." 

އެއިން އެބަޔާންކޮށްދެނީ ކޮން ވާހަކައެއް؟ އެއިން އެބަޔާންކޮށްދެއްވަނީ އަޒުމާއެކުގައި ހިތްވަރާއެކުގައި ކަންތައްތަކަށް ކުރިމަތި ލައްވާށޭ. އެހެންވީމާ މިޒަމާނުގައިވެސް ގޮންޖެހުންތަކުގެ ތެރެއިން ހިންމަތާއި އަޒުމާއި އެކުގައި ކޮންމެ ޒުވާނަކުވެސް މަސައްކަތްކުރާކަމުގައިވަނީނަމަ އެއީ ކާމިޔާބުގެ ފާލަމެއްގެ މަތީގައި މީހަކު ހިނގަމުން އެދަނީ. 

އެހެންވީމާ ކާމިޔާބުގެ މަގު އިޚްތިޔާރުކުރުމާއި ހިތްވަރާއި އަޒުމާއި އަދި އޭނާގެ އިޖުތިމާއީ ގުޅުން ރަނގަޅުކުރުމަކީ ބޭނުންތެރި މުހިއްމު ކަމެއް. އިޖުތިމާއީ ގުޅުން، ތިމާގެ ވަށައިގެންވާ ދާއިރާގައި، އެންމެ ފުރަތަމަ ފަށައިގަންނަންވީ ތިމާގެ މައިން ބަފައިން އެއަށްފަހުގައި ގާތްތިމާގެ މީހުން. އެއަށްފަހު މުޖުތަމަޢު. މުޖުތަމަޢުގައި އުޅޭ ނިކަމެތިން. ޚާއްސަ އެހީއަށް ބޭނުންވާ މީހުން. މިހުރިހާ އެންމެންނާ ދޭތެރޭގައި އިހްސާންތެރިކަމުގެ ގުޅުމެއް އެމީހާއާ އޮންނަންޖެހޭނެ. އެއީ އަނެއްމީހުންގެ ހިތްތަކުގައި އޭނާއަކީ އެއީ އަނެއް މީހުންގެ ލީޑަރުގެގޮތުގައި އެމީހުން ބަލައިގަތް އެމީހުން ނިންމާނީ އެމީހުންގެ ވެރިމީހާއެއީ ތިމަންނާމެންގެ ލީޑަރޭ. 

އެއީ ކީއްވެގެން؟ އަނެކުންގެ ހިތްތަކުގައި އޭނާ އެވަނީ ޖާގައެއް އޭނާއަށް ކަނޑައަޅާފައި. އަނެކުންގެ ހިތްތަކުގައި އޭނާ އެވަނީ އޭނާއަށް ޖާގައެއް ހޯދާފައި. އެއީ ކީއްވެގެން؟ އެއީ އޭނާގެ ހިނިތުންވުމުން އޭނާގެ އިހްސާންތެރިކަމުން އޭނާގެ އަޅާލުމުން، އެނާގެ ކުލުނުން، އޭނާގެ ވަށައިގެންވާހަ ބައެއްގެ ހިތްތަކުގައި އޭނާއަށްވަނީ ޖާގަ ހޯދާފައި. ކާމިޔާބުގެ ފާލަމެއް އެއީ. 

އެހެންވީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްފުޅުކުރައްވާފައިވަނީ "ރިވެތި އަޚްލާޤުން މީސްތަކުންނާ މުޢާމަލާތްކުރާށޭ."

އެހެންވީމާ އެހިސާބުން އަޅުގަނޑުމެން ވިސްނާލަންވީ ފަށައިގަންނަންވީ ކޮން ނުކުތާއަކުންތޯ؟ ކާމިޔާބަށްދާން އަޅުގަނޑު ބޭނުންވޭ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން