ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތް ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ރާއްޖެއިން ބުނެފިއެވެ. 

ރާއްޖެއިން މިކަން ހާމަކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއްކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ހަމައެއާއެކު އިސްރާއީލުގެ މިއަމަލަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ޚިލާފް ކަމެއްކަމަށް ވިދާޅުވެ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުންކަން ފާހަގަކުރައްވައި، ރާއްޖެއިން ދެކޭ ގޮތް މިނިސްޓަރ ތަކުރާރުކުރެއްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އެކަން ހާސިލްކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެންކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލެއްވިއެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށާއި ފަލަސްތީނުގެ މިނިވަންކަމަށް މެދުނުކެނޑި ވަކާލާތުކުރަމުންނެވެ. އަދި 1976 ވަނަ އަހަރު އެޖަމާޢަތުގެ މެމްބަރަކަށް ދިވެހިރާއްޖެވި ފަހުން ރާއްޖެއިންވެސް ގެންދަނީ މިމައްސަލައިގައިވެސް އަދި އޯއައިސީގެ އެހެން މައްސަލަތަކުގައިވެސް ހަރަކާތްތެރި ގޮތެއްގައި ބައިވެރިވަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާއިން ރިޔާސަތު ބެލެހެއްޓި މި ވަރޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިސްރާއީލުން ހިފާ، އެގައުމުގެ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީ، އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. 

 

- ފޮރިން މިނިސްޓްރީ

މިއަދު އޮންލައިން