ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހަށް އުވައި ލެވޭ ގޮތަށް ހެދުމަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މިބިލް ހުށަހަޅާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު އެވެ.
މިބިލުގައިވާގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އުވައި ލުމުގެއިތުރުން ބިލް ފާސްްވެ ގާނޫނަކަށް ވެއްޖެ ނަމަ މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދުގައި ވެސް އަމަލުކުރަން ޖެހޭނީ މި ބިލްގައިވާ ގޮތަށެވެ.
އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެ ހާލަތުގެ މުއްދަތު އިތުރުކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމެވިޔަސް އެކަން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.