އަނބިމީހާއަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަނަމަ އެއީ ސިހުރުގެ ޢަލާމާތަކަށްވުން ކައިރި! ސަލާމަތްވާން މަސައްކަތްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
އަނބިމީހާއަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަނަމަ އެއީ ސިހުރުގެ ޢަލާމާތަކަށްވުން ކައިރި! ސަލާމަތްވާން މަސައްކަތްކުރޭ!

ދެމަފިރިން ލޯބިން އެކުގައި ދިރިއުޅެމުން ދަނިކޮށް ބައެއް ފަހަރު އަނބިމީހާއަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފާނެއެވެ! ރުޅިގަދަވާންވެސް ފަށައިފާނެއެވެ! އަދި ދިރިއުޅުންމަތިން ފޫހިވެސް ވެދާނެއެވެ! ފެންވަރައި ތާހިރުވާނަވެސް ބޭނުންނުވެދާނެއެވެ!

މިފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ހިތްހަމަ ނުޖެހި، ރުޅި އައުމުގެ ބަދަލުގައި މައްސަލައިގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރަންވާނެއެވެ! އެއީ ފިރިމީހާ މަތިން ފޫހިވެގެން ވަކިވާން ބޭނުންވެގެން ކަމަށް ބަލައި އެހައިފަސޭހައިން ނިންމާލައިގެން ނުވާނެއެވެ!

އެހެނީ ޢާންމު ގޮތަކަށް ބަލައިފިނަމަ މީހުން ހަދާ ސިހުރުގެ ސަބަބުން ޖިންނީގެ އުނދަގޫ ގިނައިން ފޯރާނީ އަންހެނުންނަށެވެ. އެއީ ސިހުރުވެރިން އެގޮތަށް ސިހުރު ހަދާތީއެވެ. އެކަން ކުރަނީ ތަފާތު ސަބަބަބުތަކަށްޓަކައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ފިރިހެނަކަށް އެންމެ ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭން އެންމެ ފަސޭހަ ގޮތަކީ ޢާއިލާގެ ތެރޭގައި މައްސަލަތައް އުފެއްދުވުން ކަމުގައިވާތީއެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ފިރިހެނަކު ވައްޓާލަން އެންމެ ފަސޭހަ އެއް ގޮތަކީ ގޭތެރޭގައި ހަމަނުޖެހުން އުފެއްދުވުން ކަމުގައިވާތީއެވެ!

އަނބިމީހާއަށް ސިހުރު ޖެހުމުން އޭނާގެ ކިބައިން މައްސަލަތައް އިތުރުވެއެވެ! ސިހުރުގެ ސަބަބުން ޖިންނި އަވަލައިފި ނަމަ އަނބިމީހާ އަބަދު ހުންނާނީ ރުންކުރުވެ ރުޅިގަދަވެފައެވެ. ދެމަފިރިންގެ މެދުގައި އަބަދުވެސް އޮންނާނީ ހަމަނުޖެހުމެވެ. ކުދިކުދި ކަންތައްތަކުގައިވެސް ޒުވާބުކުރާނެއެވެ! އަބަދުހެން ހުންނާނީ ކުނި މޫނު ދައްކައިގެންނެވެ. ގޭތެރޭގެ ކަންތައް ކުރުމުގައިވެސް ފަރުވާކުޑަކުރެވެން ފަށާނެއެވެ!

ހަމަ އެއާއިއެކު މިފދަ ކަންކަން ދިމާވުމުން ނޭވާލުމަށް އުނދަގޫވެ ވަރަށް ފަސޭހައިން ކުދިކުދި ކަންކަމާއިވެސް ކަންބޮޑުވާން ފަށާނެއެވެ!

އަނބިމީހާގެ ކަންކަން މިޙާލަތަށް ހިނގައްޖެ ނަމަ ފިރިމީހާއަށް އަބަދުވެސް އުޅެން ޖެހޭނީ ޢާއިލީ މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ. ދެމަފިރިންގެ ކޯޅުންތަކުން މިންޖު ނުވެވިގެންނެވެ. މިހާލަތު ކުރިމަތިވުމުން ވަޒީފާ އަދާކުރާ މީހެއްނަމަ ވަޒީފާ އަދާކުރަން ހުރަސްތައް ކުރިމަތިވެއެވެ. އަމިއްލަ މަސައްކަތް ކުރާ މީހަކު ނަމަ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން މަސައްކަތް ފޭލިވެ ބަނގުރޫޓުވެސް ވެފައި އެބަހުއްޓެވެ. ޢާއިލާ ރޫޅި ދަރިންތައް ނިކަމެތިވަމުން އަންނަނީ ވެސް މަދަކުން ނޫނެވެ.

ހަސަދަވެރިއަކު އަނިޔާކުރަން މަސައްކަތް ކުރުމާއި ގެއްލުން ދޭން މަސައްކަތް ކުރުން ހުއްޓުވުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ އެފަދަ މީހުން ސިހުރު ހައްދުވާނީ ނުވަތަ ހަދާނީ ފިލައި ތިބެގެން ކަމަށްވާތީއެވެ. ﷲ ތަޢާލާގެ އިތުރުން އެކަން ކުރާކަން އެނގޭނީ ހަމައެކަނި އެމީހުންނަށާއި އެމީހުން ގެންގުޅޭ ޖިންނި ތަކަށް ކަމުގައިވާތީއެވެ. ސިހުރު ހަދައިފިކަން ޖެހޭ މީހާއަށް އެނގެނީ ސިހުރު ޖެހި އެތައް ކަންތައްތަކެއް ހިނގާފަހުން ކަމަށްވާތީއެވެ.

އިންސާނުންގެ ޖާހިލުކަން ބޮޑުވަމުންދާ ވަރަކަށް ސިހުރު ހެދުމުގެ ނުބައި އަމަލުކުރުން ދާނީ އިތުރުވަމުންނެވެ. މިކަމުގައި އޮތް އެންމެ މުހިންމު ޙައްލަކީ ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ގެއިން ބޭރަށް ނުކުތުމަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި ކިޔަން ޖެހޭ ޛިކުރުތައް ކިޔައިގެން ނުކުތުމަކީ އެންމެ ވަރުގަދަ އައްޑަނައެވެ!

ހަމައެޢާއިއެކު ޔަޤީން ފަނޑިތަ އެއޮތީއެވެ. ބަޤަރާ ސޫރަތް ގޭގައި ކިޔެވުން ގިނަކުރާށެވެ. ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތް ކިޔެވޭތޯ މަސައްކަތްކުރާށެވެ. ސޫރަތް އެކުގައި ނުކިޔެވޭނަމަ ކިޔެވޭނެ އެންމެ ގިނައިން ކިޔަވާށެވެ. ދެމަފިރިން ނުވަތަ ބޮޑެތި ދަރިން ތިބިނަމަ ޢާއިލާގެ މެދުގައި ބަހާލައިގެން ނަމަވެސް ކިޔަވާށެވެ! ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޖިންނި ޝައިޠާނުން ކައިރިއެއް ނުވާނެއެވެ.

- ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން

މިއަދު އޮންލައިން