ކިތަންމެ ގާތް މީހެއްގެ ނަމަވެސް ތެދުމައުލޫމާތު ހާމަކުރާށެވެ! އެކަމުގަ ﷲ ލައްވަވާނެ ބަރަކާތަށް އުންމީދުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކިތަންމެ ގާތް މީހެއްގެ ނަމަވެސް ތެދުމައުލޫމާތު ހާމަކުރާށެވެ! އެކަމުގަ ﷲ ލައްވަވާނެ ބަރަކާތަށް އުންމީދުކުރާށެވެ!

މީހަކު މައުލޫމާތު ހޯދަން އެދި ކިތަންމެ ގާތް މީހެއްގެ ވާހަކައިން ސުވާލުކުރި ނަމަވެސް ތެދު މައުލޫމާތުދޭށެވެ! އެއީ ތިމާގެ ޢާއިލާގެ މީހެއްގެ ނަމަވެސް މެއެވެ. އަނބިދަރިން އަދި ފިރިންގެ ނަމަވެސް މެއެވެ. (އަނބިން ހިފަހައްޓަން ޖެހޭނީ ހިފަހައްޓަން ޖެހޭ ފިރިންގެ ސިއްރުތައް އެކަންޏެވެ. އެފަދަ ސއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.) 

ނަމަވެސް މިސާލަކަށް ފިރިމީހާ ޢާއިލާއަށް ޚަރަދުކުރޭތޯ ނުވަތަ އޭނާއަކީ އޯގާތެރިއެއްތޯ ސުވާލުކޮށްފިނަމަ ޖަވާބުދޭންޖެހޭނީ ތެދުބަހުންނެވެ. ދޮގު މައުލޫމާތު ދިނުމުން އެމީހަކަށް އޮޅުން އަރައި ކުރެވޭކަމަކުން އެމީހަކަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށްޓަކައެވެ. 

އެމައުލޫމާތެއް ދިނުމުން ޢާއިލާއަށް ނުވަތަ ތިމާއަށް ލިބިދާނެ ދެރައަކަށް ބިރުނުގަންނާށެވެ! އުންމީދުކުރަންވީ ތެދު މައުލޫމާތު ދިނުމުން ﷲ ތަޢާލާ އެކަމުގައި ލައްވަވާނެ ބަރަކާތަށެވެ. އެކަމަށްޓަކައި ދެއްވަވާނެ ނިޢްމަތްތަކަށެވެ. 

މީހެއްގެ މައުލޫމާތު ހޯދަން ބޭނުންނަމަ، އެމީހާގެ އަނބިދަރިން، ފިރިން އަދި ޢާއިލާގެ ކިބައިން އޮޅުންފިލުވަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. އެއީ އެމީހެއްގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެމީހާގެ ޢާއިލާއަށް ކަމުގައިވާތީއެވެ. ވީމާ މީހަކު ސުވާލުކޮށްފިނަމަ ތެދު މައުލޫމާތު ދިނުމަކީ ވާޖިބެކެވެ. 

ނަމަވެސް މީގެ މާނައަކީ ޢާއިލާގެ ކަންކަން އެންމެންނަށް އިއުލާނުކުރުމެއް ނޫނެވެ. އެކަމަށް ސުވާލުކޮށްފި މީހަކަށް ދޭންޖެހޭނީ ތެދު މައުލޫމާތުކަމެވެ. ތެދުވެރިކަން އިސްކުރާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން