ޤުރްއާނަށް ޢަމަލުކުރަން ދެކޮޅު ހަދާ ކޮންމެ މީހަކީ ކަނުވާނެ މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޤުރްއާނަށް ޢަމަލުކުރަން ދެކޮޅު ހަދާ ކޮންމެ މީހަކީ ކަނުވާނެ މީހެކެވެ!

ކީރިތި ޤުރްއާނަށް އަމަލުކުރުމުގެ ވާހަކަ ދައްކައިފިނަމަ ކޮންމެވެސް ބަހަނާއެއް ދައްކައިއެކަމަށް ދެކޮޅު ހަދާ މީހުން މުސްލިމުންގެ ތެރޭގައިވެސް އެބަ ތިއްބެވެ! ﷲ ތަޢާލާ ދެއްވެވި މަތިވެރި ނިޢްމަތްތަކުގައި ތިބެވޭތީ އެމީހުންނަށް އެވަނީ ވަރަށް ބޮޑަށް އެމީހުންގެ ޙާލަތު އޮޅިފައެވެ. 

ލޮލަށް ފެނުމާއި ކަންފަތަށް އަޑުއިވުމާއި މުދަލާއި ފައިސާ ލިބުމުން އެމީހުންގެ ދަރަޖަ އެވަނީ ވަރަށް ބޮޑަށް އޮޅިފައެވެ! ފުރަތަމަ ކަމަކީ ކީރިތި ޤުރްއާންވެސް އެމީހުންގެ ލޮލަށް ނުފެންނަކަމެވެ. ލޮލަށް ފެނުނު ނަމަވެސް ކިޔެވި ނަމަވެސް ކަންކަން ފަހުމް ނުވާ ކަމެވެ! 

އެހެނީ އެފަދަ މީހުންނަކީ އާޚިރަތް ދުވަހުން "މިއަޅާ ދުނިޔޭގައި އުޅުނީ ލޮލަށް ފެންނަ މީހެއްގެ ގޮތުގައެވެ! ނަމަވެސް މިއަދަކު މިއަޅާގެ ލޮލަކަށް ނުފެނެއެވެ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރު ކުރެއްވެވީ ކީއްވެގެންތޯ" ސުވާލުކުރާނެ މީޙުންނެވެ! 

އެމީހުން އެފަދައިން ސުވާލުކުރާނެކަން ބަޔާންވެ އެނގެތް އިރު ސުވާލުކުރުމުން އެމީހުންނަށް ދެއްވަވާނެ ޖަވާބުވެސް ކީރިތި ޤުރްއާނުގައި ވަނީ ވަޙި ކުރައްވަވައިފައެވެ!

"އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124) 

ޤުރްއާނަށް ޢަމަލުނުކުރުމުގެ ބިރުވެރިކަން މިއޮތީ ފެނި ހާމަވާށެވެ! ބަލަންވީ ވެރިކަމުގައި ތިބި ބައަކު ނޫނީ ޤައުމުތަކުގެ ޤާނޫނު ހަދާ މީހުން އެކަންކުރޭތޯއެއް ނޫނެވެ! އެމީހުން އެކަން ނުކުރުމުން އެމީހުންނަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ! 

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކީ ކަނު މީހެއްގެ ގޮތުގައި މަޙްޝަރު ކުރައްވަވާނެ މީހަކަށް ނުވުމަށެވެ! އެކަމަށް އޮތީ ކީރިތި ޤުރްއާން އުނގެނުމާއި ޢަމަލުކުރުމެވެ! އެމީހަކު ޢަމަލުކޮށްފިނަމަ އެމީހަކަށް ސަލާމަތްވެވޭނެއެވެ! ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ސަލާމަތްކަން ހޯދާށެވެ! ދެ ލޯ ސަލާމަތުން ހުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓެވޭ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން