ސަލާމަށް ސަމާލުވެލައްވާ! އެނގިވަޑައިނުގެން ސަލާމް ބަލައި ނުގެންނެވުމުން ޞަޙާބީން ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ސަލާމަށް ސަމާލުވެލައްވާ! އެނގިވަޑައިނުގެން ސަލާމް ބަލައި ނުގެންނެވުމުން ޞަޙާބީން ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރެއްވެވި!

އެހެން ބޭކަލަކު އެބޭކަލަކަށް ސަލާމް ގޮވައިލެއްވެވުމުން ސަލާމް ޞަލައިގަނެ ޢިޖާބަ ނުދެއްވެވުމަކީ ކުރެއްވެވުނު ބޮޑު ފާފައެއް ކަމަށް ޤަބޫލުފުޅު ކުރައްވަވައި ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ޞަޙާބީން ދުޢާކުރެއްވެވިއެވެ. 

އަދި ސަލާމަށް ޢިޖާބަ ނުދެއްވެވުން އެބޭކަލުން ޤަބޫލުފުޅު ކުރެއްވެވީ އިސްލާމް ދީނުގެ ކަންކަން ބަދަލުވުމުގެ ގޮތުގައެވެ. އަދިވެސް ކީއްހެއްޔެވެ؟ ސަލާމަށް ޢިޖާބަ ދެއްވެވެވުން ވެގެން ދިއައީ މުސްލިމުންގެ ޚަލީފާ ޢުމަރުގެފާނު، އެބޭކަލުން ޙާޞިތު ކުރައްވަވައި މައްސަލަ ބެއްލެވި ބޮޑު ކަމަކަށެވެ. 

މިކަންކަން އެނގިގެންދަނީ މިޙާދިސާއިންނެވެ. 

އެއް ދުވަހަކު ރަސޫލް (ޞޢވ)ގެ އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  ސާދް ބިން އަބީ ވައްޤާސް (ރޢ) މިސްކިތްކޮޅަށް ވަޑައިގެންނެވިއިރު ރަސޫލް (ޞޢވ)ގެ އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  ޢުޘްމާން ބިން ޢައްފާން (ރޢ) މިސްކިތްކޮޅުގައި އިންނެވިއެވެ. ޢުޘްމާން ބިން ޢައްފާން އާއި ހަމައަށް ވަޑައިގެން ސަލާމް ގޮވައިލެއްވެވުމުން ރައްދެއް ނުދެއްވެވިއެވެ. އެހިނދު މިސްކިތްކިތްކޮޅުގައި މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރުގެފާނު އިންނަވަނިކޮށް ސާދްގެފާނު ވަޑައިގެން އެކަމުގެ ޝަކުވާ ހުށަހެޅުއްވިއެވެ. 

ވިދާޅުވެ ސުވާލުކުރެއްވެވިއެވެ! "މުސްލިމުންގެ ތެރެއަށް ކަންތައްތަކެއް އިތުރުވީތޯއެވެ؟ އެއީ ކޮން ކަންތައްތަކެއްތޯއެވެ؟" 

(މިތަނުގައި ސާދުގެފާނު މާނަކުރައްވަވާފައި އެވަނީ ސަލާމަށް ޖަވާބު ނުދިނުމަކީ އިސްލާމް ދީނުގައި ކުރިން ނެތްކަމެއް ކަމަށެވެ. އަދި މިމޭރުމުން ސުވާލުކުރައްވަވާފައި އެވަނީ ރަސޫލް (ޞޢވ) އަށްފަހު އިސްލާމް ދީނަށް އެއްވެސް ކަމެއް އުނި އިތުރު ނުކުރެވޭނެކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ. ނަމަވެސް ކަމުގެ ބޮޑުކަމުން ކަންބޮޑުވުން ފައުޅުކުރެއްވެވީއެވެ.) 

ޢުމަރުގެފާނު އެފަދަ ކަމެއް ނުވާކަމަށް ވިދާޅުވެ، ސުވާލުކުރެއްވެވި މަޤްޞަދު އޮޅުން ފިލުއްވަވަން ސުވާލުކުރެއްވެވުމުން ސާދްގެފާނު ވިދާޅުވިއެވެ. "ދެންމެ ވަޑައިގަންނަވަމުން ޢުޘްމަންގެ ބިން ޢައްފާން އާއި އަރައި ހަމަވެވަޑައިގެން ސަލާމް ގޮވާލެއްވެވުމުން އިޖާބައެއް ނުދެއްވެވިއެވެ." 

ޢުމަރުގެފާނު ވަގުތުން ޢުޘްމާން ބިން ޢައްފާން އަށް ވިދާޅުވެ އަރިއަހަށް ގެންނަވައި ސާދުގެފާނުގެ ވެސް ޙާޟިރުގައި ސާދްގެފާނު ކުރައްވަވާ ޝަކުވާގެ މައްސަލަ ޢުޘްމާން ބިން ޢައްފާން އަށް ހުށަހެޅުއްވެވިއެވެ.

އެހިނދު ޢުޘްމާން ބިން ޢައްފާން ވިދާޅުވީ އެދުވަހު ސާދުގެފާނު ދެކެވަޑައިވެސް ނުގަންނަވާ ކަމަށާއި ސަލާމް ގޮވާލެއްވި އަޑުވެސް ނުއައްސަވާ ކަމަށެވެ. (މިފަދައިން ވިދާޅުވީ ކަމެއްގައި މަސޢޫލްވެވަޑައިގެން އިންނެވިލެއް ބޮޑުކަމުން ސާދުގެފާނު ވަޑައިގެންނެވިތަން ފެނިވަޑައިގެންނެވިކަން ފާހަގަ ނުކުރެއްވެވުނީތީއެވެ. އަދި ސަލާމް ގޮވާލެއްވެވި އަޑުފުޅުވެސް އިވިވަޑައިނުގަންނަވާތީއެވެ! އެއްވެސް ޙާލެއްގައި ތުރުފުޅެއް ހެއްދެވުމަކަށް ނޫނެވެ.) 

ޢުމަރުގެފާނަށް މިކަންވީ ވަރަށްބޮޑު ކަމަކަށެވެ! އެހެނީ ސާދްގެފާނާއި ޢުޘްމާން ބިން ޢައްފާން އަކީވެސް ރަސޫލް (ޞޢވ)ގެ އެހައި އަރިސް 2 ޞަޙާބީންނެވެ! އެންމެފަހުން ހުވާކުރައްވާ ހާލަތަށް ދިނުމުން ސާދްގެފާނު އިތުރު ތަފްޞީލް ވިދާޅުވިއެވެ. ވަގުތާއި އިންނެވި ގޮތާއި މިސްކިތްކޮޅުގައި އިންނެވިތަނާއި ހުރިހާ ތަފްޞީލެއް ސާދްގެފާނު ވިދާޅުވަމުން ގެންދެވިއިރު  ޢުޘްމާން ބިން ޢައްފާން ވިދާޅުވަމުން ގެންދެވީ "އަސްތަޣްފިރުﷲ ވައަތޫބް އިލައިހި" (މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!) މިފަދައިންނެވެ. 

އަދި ވިދާޅުވިއެވެ. "ތިއަ ވަގުތަކީ ދުޢާ އަކާއިމެދު ވަރަށް ބޮޑަށް އިސްނަން އިން ވަގުތެކެވެ. އެއީ އެއްދުވަހަކު އެދުޢާކޮށްފިނަ ކޮންމެ ބޭނުމެއްވެސް ފުއްދަވައި ދެއްވަވާނެ ދުޢާ އެއްގެ ވާހަކަ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި އަޑުފުޅު އެއްސެވީމެވެ. އެހެންވެ މަސައްކަތް ކުރަމުން ގެންދިއައީ އެއީ ކޮން ދުޢާއެއްކަން ހަނދާންކުރުމަށެވެ!" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމްގޮވުމާއި ސަލާމް ބަލައިގަތުމަކީ މިހައި މުހިންމު ކަމެކެވެ. ނަމަވެސް މިއަދު ގިނަ ބައަކު ސަލާމް ގޮވަނީ އެމީހެއްގެ ކިބައިން ކޮންމެވެސް ބޭނުމެއް ހިފިދާނެކަމަށް ޤަބޫލުކުރެވޭ މީހުންނަށެވެ. ސަލާމް ބަލައިގަތުމުގެ އާދަ ނެތިގެންދާއިރު ތިމާގެ އަޚާ ދެކެ ރުޅި އައިސްގެން ހުންނައިރު ސަލާމް ގޮވި ނަމަވެސް އަޑު އިވުނުކަމަސް ނުހަދައި ފުރަގަސްދިނުން މިދަނީ އިތުރުވަމުންނެވެ. 

"ވަގުތާއި އިންނެވި ގޮތާއި މިސްކިތްކޮޅުގައި އިންނެވިތަނާއި ހުރިހާ ތަފްޞީލެއް ސާދްގެފާނު ވިދާޅުވަމުން ގެންދެވިއިރު  ޢުޘްމާން ބިން ޢައްފާން ވިދާޅުވަމުން ގެންދެވީ "އަސްތަޣްފިރުﷲ ވައަތޫބް އިލައިހި" (މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!) މިފަދައިންނެވެ." 

އެނގިވަޑައި ނުގަތުމުގެ ސަބަބުން ނަމަވެސް ސަލާމަށް ރައްދު ނުދެއްވެވުނީތީ ޢުޘްމާން ބިން ޢައްފާން އެވަނީ އެފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވައިފައެވެ. ވީއިރު ޤަޞްދުގައި އެކަންކޮށްފި މީހާގެ ޙާލާއިމެދު ވިސްނައިލަމާހެއްޔެވެ؟ 

މިފަދަ ކަންކަމަކީ ވިސްނައި އިޞްލާޙްކުރަން ޖެހިފައިވާ ކަންކަމެވެ. މީސްތަކުންގެ މެދުގައި، ޢާއިލާގެ މެދުގައި، މުޖުތަމަޢުގައި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަން ދެމެހެއްޓުމަށްޓަކައިވެސް ކުރަންޖެހިފައިވާ ކަންކަމެވެ. އަދި އާޚިރަތަށްޓަކައިވެސްމެއެވެ.!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން