ނަމާދުކުރާއިރު ގަމީހުގެ އަތުކުރި އާ ފަޓުލޫނުގެ ފައިކުރި އޮޅައިގެން ހުރުމުން ކުރާ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ނަމާދުކުރާއިރު ގަމީހުގެ އަތުކުރި އާ ފަޓުލޫނުގެ ފައިކުރި އޮޅައިގެން ހުރުމުން ކުރާ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު ނުލިބޭނެ!

އަތްދިގު ގަމީސް ލައިގެން ނަމާދުކުރާއިރު އަތުކުރި އޮޅުމާއި ފަޓުލޫނުގެ ފައިކުރި އޮޅައިގެން ހުރުމަކީ އެމީހާ ކުރާ ނަމާދުން ލިބެންވާ ސަވާބުން ބައެއް އުނިވެ ފުރިހަމަ ސަވާބު ނުލިބިދާނެ ކަންކަމެވެ. 

އަތްދިގު ގަމީހުގެ އަތުކުރި އޮޅައިގެން ހުރެ ނަމާދުކުރުމުގެ ޙުކުމަކީ ކޮބައިތޯ؟ 

މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:

الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ފިރިހެނުން ނަމާދުކުރާއިރު ހެދުން ނުއޮޅުމަށާއި، އިސްތަށިގަނޑު ގޮށްޖަހާފައި ނުބެހެއްޓުމަށް، ކީރިތި ރަސޫލާ (ޞޢވ) އަމުރުފުޅު ކުރައްވަވާފައިވެއެވެ. ޙަދީޘް ކުރެއްވެވިއެވެ. "ހަތް ގުނަވަން މަތީގައި ސަޖިދަ ކުރުމަށް ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އަދި ހެދުން ނުއޮޅުމަށާއި އިސްތަށިގަނޑު ގޮށް ނުޖެހުމަށެވެ." 

މިޙަދީޘުން ދޭހަވާ ގޮތުގައި ގަމީހުގެ އަތުކުރީގެ އިތުރުން ފަޓުލޫނުގެ ފައިކުރިވެސް އޮޅައިގެން ނުވާނެއެވެ. އެހެން ނަމަވެސް ފިރިހެނަކު ފައިކުރި ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިގެން ނަމާދުކޮށްފިނަމަ ނަމާދު ޞައްޙަ ނުވުން ގާތެވެ. އަތުކުރި އޮޅައިގެން ނުވަތަ ފައިކުރި އޮޅައިގެން ނަމާދުކުރުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އެހެން ނަމަވެސް މަކްރޫހަ ވާނެއެވެ. މާނައަކީ ނަމާދުން ލިބެންވާ ފުރިހަމަ ސަވާބު އެމީހަކަށް ނުލިބޭނެއެވެ.

 والله أعلم

(މިމައްސަލައިގައި މީގެ ކުރިން ވެސް މިއަދުނޫހުގައި ވާނީ ބައެއް ލިޔުންތައް ޝާއިޢް ކުރެވިފައެވެ. ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެއްވެސް (ހަމަ މިމޭރުމުން) ވާނީ ޝާއިޢްކުރެވިފައެވެ. ތަކުރާރުކުރަން ޖެހެނީ މިކަމަށް ގިނަ ބައަކު އަދިވެސް ސަމާލުކަން ނުދީ ގަމީހާއި ފަތުލޫނުގެ ފައިކުރި އޮޅައިގެން ނަމާދުކުރާތީއެވެ. އެގޮތަށް ނަމާދުކުރުން، ސަވާބުން ބައެއް ގެއްލިގެންދާތީ އެކަން މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށެވެ.)

މިއަދު އޮންލައިން