ކޭތަ ނަމާދުކުރާނެ ގޮތް!: އުސްތާޛް ޙުސައިން ރަޝީދު އަހްމަދު

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 6މ 41ސ
ކޭތަ ނަމާދުކުރާނެ ގޮތް!: އުސްތާޛް ޙުސައިން ރަޝީދު އަހްމަދު

ތިޜިގައި މިވަނީ ކޭތަ ނަމާދުކުރާނެ ގޮތް ބަޔާން ކުރައްވައި އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ.

ކޭތަ ނަމާދު ކުރާނެ ގޮތް

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً 

لِلْعَالَمِينَ،، وَبَعْدُ!

ކޭތަ ހިފުމަކީ، އިރާއި ހަނދާއި ބިން ދަތުރު ކުރަމުންދާއިރު އެއްދަނޑިއަކަށް ދިމާވުމެވެ. މިގޮތުން އިރާއި ބިމުގެ ދެމެދަށް ހަނދުވަނުމުގެ ސަބަބުން އިރުންބައެއް ނުފެންނަ ގޮތްވެއެވެ. ނުވަތަ ހަނދަށް ބިމުގެ ހިޔަނި އެޅުމުގެ ސަބަބުން ހަނދުގެ ބައެއް ނުފެންނަ ގޮތްވެއެވެ. 

މިއިން ކޮންމެ ތަރިއަކީ މާތް ﷲގެ ކުޅަދުންވަންތަކަމުގެ ޢަލާމާތެކެވެ. ހަމައެހެންމެ އިރުކޭތަ ނުވަތަ ހަނދު ކޭތަ ހިފުމަކީ ވެސް ﷲގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ ޢަލާމަތްތަކެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރެއިން އާޔަތެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައި ވެއެވެ. ]إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَنْكَسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ فَإِذَا رَأَيْتُمُوهُمَا فَادْعُوا اللَّهَ وَصَلُّوا حَتَّى يَنْجَلِيَ ( )- فَإِذَا رَأَيْتُمُوهُمَا فَكَبِّرُوا وَادْعُوا اللَّهَ وَصَلُّوا وَتَصَدَّقُوا[ ( ) މާނައީ: ދަންނާށެވެ! އިރާއި ހަނދަކީ ﷲގެ ކުޅަދުންވަންތަ ކަމުގެ ނިޝާންތަކުގެ ތެރެއިން ދެނިޝާނެވެ. އެއިން ތަރިއެއް ކޭތަ ހިފުމަކީ ފަހަރެއްގައިވެސް މީހެއްގެ މަރަކާއި މީހެއް އުފަންވުމަކާއި ގުޅިފައިވާ ކަމެއް ނޫނެވެ. ފަހެ ތިޔަބައިމީހުން އެއިން ތަރިއެއް ކޭތަ ހިފާފައި ހުރިތަން ދެކެފުމުން ކޭތަ ވީއްލަންދެން ތަކްބީރު ކިއުމާއި ދުޢާކުރުމާއި ނަމާދު ކުރުމާއި ޞަދަޤާތްދީ ހެދުމުގައި މަޝްޣޫލުވާށެވެ.  

ފަލަކީ ހިސާބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި އަންނަ ހޯމަވިލޭރޭ ހަނދުކޭތަ ހިފާފާނެއެވެ. އެހެންކަމުން ކޭތަ ހިފުމާއެކު ﷲ އަށް ތަވައްޖުހުވެ އެއިލާހުގެ ޙަޟުރަތަށް ކުއްތަންވެ ތިމާމެންގެ ނިކަމެތިކަން ހާމަކޮށް، ތިމާމެންނަށް ދުނިޔެމަތީން ދިމާވަމުންދާ އުނދަގޫތަކުން ސަލާމަތް ކޮށްދެއްވުމަށާއި ތިމާމެންގެ ފާފަ ފުއްސަވައި ދެއްވުމަށް އެދި އަތްއުފުލަންވީއެވެ. ކޭތަ ނަމާދު ކުރުމަށް އަވަސް ވެގަންނަން ވީއެވެ. ނަމާދުކުރަންވީއެވެ. ތިމާއަށް ލިބުނު މިންވަރަކުން ﷲގެ މަގުގައި ޞަދަޤާތް ކުރަންވީއެވެ. 

ތިރީގައި މިވަނީ ކުރުގޮތަކަށް ކޭތަ ނަމާދު ކުރާނެ ގޮތެވެ.

1- ހަނދު ކޭތަ ނަމާދު ނުވަތަ އިރު ކޭތަ ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުރެވިދާނެ ނަމާދެކެވެ. 

2- ނަމާދުގައި އޮންނަނީ 2 ރަކްޢަތެވެ. 

3- ނަމާދުގައި 2 ޤިޔާމާއި 2 ރުކޫޢު އޮންނާނެެއެވެ. އެބަހީ ކުރާނީ ފުރިހަމަ ދެރަކްޢަތެވެ. 

(ހ) ފުރަތަމަ ރަކްޢަތުގައި ކޭތަ ނަމާދަށް ނިޔަތް ގަންނަމުން ހަށަންބަން ތަކްބީރު (الله أكبر) ކިޔައި ހަށަން ބަންނާނީއެވެ. 

(ށ) ދެން ވައްޖަހުތު ކިއުމަށްފަހު އަޢޫޛު ކިޔައި ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. 

(ނ) އޭގެ ފަހުން ދިގު ސޫރަތެއް ކިޔަވާނީއެވެ. 

(ރ) ސޫރަތް ކިޔަވައި އަވަދިވެގެން (الله أكبر) ކިޔަމުން ރުކޫޢަށް ދާނީއެވެ. 

(ބ) ދެން (سَمِع اللَّهُ لِمَنْ حَمِدَه) ކިޔަމުން އިޢުތިދާލަށް ތެދުވާނީއެވެ. ތެދުވެ (رَبَّنَا لَكَ الْحَمْدُ.... ) ކިޔާނީއެވެ.

(ޅ) ދެން އަނެއްކާ އަލްޙަމްދު ކިޔަވާނީއެވެ. އެއަށް ފަހު ސޫރަތް ކިޔަވާނީއެވެ. (މިވަގުތު އަޢޫޛު ކިއުމެއް އަދި ވައްޖަހުތު ކިއުމެއް ވެސް ނޯންނާނެއެވެ.)

(ކ) ދެން ދެވަނަ ފަހަރަކަށް (الله أكبر) ކިޔަމުން ރުކޫޢަށް ދާނީއެވެ. 

(އ) އެއަށްފަހު (سَمِع اللَّهُ لِمَنْ حَمِدَه) ކިޔަމުން އިޢުތިދާލަށް ތެދުވާނީއެވެ. ތެދުވެ (رَبَّنَا لَكَ الْحَمْدُ....) ކިޔާފައި 

(ވ) ދެންދާނީ ސަޖިދައަށެވެ. 

(ފ) ދެސަޖިދަކޮށް ނިމިގެން ތެދުވެ ދެވަނަ ރަކްޢަތަށް ތެދުވެ ކުުރީގައި ބުނެވި ދިޔަ ގޮތަށް ނަމާދުކޮށް ނިންމާނީއެވެ.

(ދ) ޢާއްމު ނަމާދުގައި ކިޔާފަދައިން އައްތަޙިއްޔާތުގެ 3 ބައި ކިޔައި ނިމިގެން ސަލާމް ދޭނީއެވެ. 

4- ހަނދު ކޭތަ ނަމާދުގައި ޤުރުއާން ކިޔަވާނީ ބާރަށެވެ. އިރުކޭތަ ނަމާދުގައި ކިޔަވާނީ ސިއްރުންނެވެ. ޖަމާޢަތުގައި އިރުކޭތަ ނަމާދު ކުރާނަމަ ބާރަށް ވެސް ޤުރުއާން ކިޔެވިދާނެއެވެ. (ދެގޮތްމެ ޞައްޙަ ވެގެން ވެއެވެ.) 

5- ބޮޑު ޖަމާޢަތުގައި ނަމާދު ކުރާނަމަ ނަމާދުކޮށް ނިމިގެން 2 ޚުޠްބާ ކިއުން އޮންނާނެއެވެ.

6- ނަމާދުކޮށް ނިމިގެން ނުވަތަ ޚުޠުބާއިން ނިމިގެން ދުޢާ ކުރުމީ ސުއްނަތެކެވެ. އިމާމުމީހާ އިންނާނީ ޤިބުލައަށް ކުރިމަތި ލައިގެންނެވެ. ނުވަތަ މައުމޫނުންނާ ދިމާއަށް ކުރިމަތި ލައިިގެން ކޮޅަށް ހުންނާނީއެވެ. މިިހިިސާބުން ކޭތަ ނަމާދު ނިމުނީއެވެ. 

7- އިތުރު ބައެއް މަޢުލޫމާތުތައް:

(ހ) ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށް ފަހު ކިޔަވާ ސޫރަތް ދިގުވާން ވާނެއެވެ. 

(ށ) ދެވަނަ ފަހަރު ކިޔަވާ ސޫރަތް އެއަށް ވުރެން ކުޑަކޮށް ކުރުކުރާނީއެވެ. 

(ނ) ތިންވަނައަށް ކިޔަވާ ސޫރަތް އެއަށް ވުރެން ކުރުކޮށެވެ. ހަތަރުވަނައަށް ކިޔަވާ ސޫރަތް އެއަށްވުރެން ކުރުކޮށެވެ. 

(ރ) ރުކޫޢުއާއި ސަޖިދަ ވެސް ދިގުކުރާނީ މިމިންވަރަށެވެ. 

(ބ) އިޢުތިލާއި ދެސަޖިދަ ދެމެދު ދިގުކުރުމެއް ނޯވެއެވެ. އެތާގައި ކިޔަން ސުއްނަތް ވެގެންވާ ދުޢާ ކިއުމަށް ފަހު އަނެއް ރުކުނަށް ނަގުލުވާނީއެވެ. 

(ޅ) ޚުޠުބާ ވީހާވެސް ކުރުކުރުމީ ސުއްނަތްވެގެންވާ ކަމެކެވެ. 

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

19 ޖޫން 2020

މިއަދު އޮންލައިން