ދުޢާކުރުމުން ފުއްދަވައި ނުދެއްވަވާނެކަމެއް ނެތްކަން އަންގައިދޭ އެންމެ ބާރުގަދަ އާޔަތް!: ޑރ. ޔާސިރު ޤާދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދުޢާކުރުމުން ފުއްދަވައި ނުދެއްވަވާނެކަމެއް ނެތްކަން އަންގައިދޭ އެންމެ ބާރުގަދަ އާޔަތް!: ޑރ. ޔާސިރު ޤާދީ

ކީރިތި ޤުރްއާނަށް ބަލާއިރު ދުޢާކުރުމާއބެހޭ ގޮތުން އޮތް އެންމެ ބާރުގަދަ އާޔަތަކީ މިއާޔަތްކަން ފާހަގަކުރެވެއެވެ. "އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ  އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރް: 60)

މިއާޔަތުގައި ތިއަބައިމީހުން "ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ  އިޖާބަކުރައްވާހުށީމެވެ." އޮތް ބަސްފުޅުގެ މާނައަކީ ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އަދި ކިތަންމެ ބޮޑުކަމެއްގައި ނަމަވެސް ތިމަން ﷲ އަށް ދުޢާކުރާށެވެ! ތިމަން ﷲ އެ ދުޢާ ޢިޖާބަކުރައްވަވާހުށީމެވެ. 

ރަސޫލް (ޞޢވ) ގެ ޙަދިޘްފުޅަށް ބަލާށެވެ! "އަޅުތަކުން ދުޢާކޮށް ﷲ ތަޢާލާއަށް ދަންނަވައިފިނަމަ އެކަމެއް ﷲ ތަޢާލާ ހިންމްވައި ދެއްވަވާނެތެވެ! ނުވަތަ އެއާއި އެއްފަދަ އެހެން ކަމެއް ހިންމަވައި ދެއްވަވާނެތެވެ! ނުވަތަ އެމުޞީބާތަކުން، އެ ތަކްލީފަކުން އެމީހަކު ސަލާމަތްކޮށްދެއްވަވާނެތެވެ!"

މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވުމުން ޞަޙާބީން "މީސްތަކުން ދުޢާކޮށް ވަރަށް ގިނަގިނައިން ދަންނަވާނެކަމަށާއި ވަރަށް ގިނަ ކަންތައްތަކަށް އެދި ދަންވަނާނެ ކަމަށެވެ. އެދޭ ކޮންމެ ކަމެއް ހިންމަވައި ދެއްވަވާނެ ނަމަ ގިނަގިނައިން ދުޢާ ނުކުރަންވީ ކީއްވެގެންތޯ؟ ސުވާލު ދެންނެވުމުން ވިދާޅުވުމުން ޙަދީޘްފުޅު ކުރެއްވެވީ "މީސްތަކުން އެދި ދަންނަވާވަރަށްވުރެ ﷲ ތަޢާލާގެ ތަނަވަސްކަން މާބޮޑު" ކަމަށެވެ. މާނައަކީ ކިތަންމެ ގިނަބައަކަށް ކިތަންމެ ގިނައިން ދެއްވެވި ނަމަވެސް ﷲ ތަޢާލާގެ ޙަމްރަތުން އެއްވެސް މިންވަރެއް އުނި ނުވާނެ ކަމެވެ. 

ހަމަ އެއާއިއެކު ވިސްނައިލަންވީ "އެންމެ ދަހި މީހުންނަކީ ﷲ ތަޢާލާއަށް ދުޢާ ދަންނަވަން ފަސްޖެހޭ މީހުން ކަމަށް އޮތް ޙަދީޘްފުޅަށެވެ. މީސްތަކުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ޢިޖާބަ ކުރައްވަވައި ދެއްވަވާނެތެވެ! ބޭނުންވަނީ ކިޔަމަންތެރިކަމާއި އިޚްލާޞްތެރިކަމެވެ. 

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. މީހެއްގެ ގާތުގައި ކަންކަމު އެދޭނަމަ އެމީހަކު ދެކެ ފޫހިވެ އަނގައިންވެސް ނުބުނާ ހިސާބަށް ދާނެ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރާނަމަ އެކަމަށް ﷲ ތަޢަލާ ލޯބިވެވޮޑިގަންނަވާކަމަށެވެ! 

ޢައިޝަތުގެފާނުގެ މިބަސްފުޅު ހަނދާނަށް ގެންނާށެވެ! "ބޫޓުގެ ނާދުވާ ހަލާކުވި ނަމަވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ! އައު ނާޑުވައެއް ދެއްވަވާނެތެވެ!"

މިބަސްފުޅުގެ މުރާދަކީ ކިތަންމެ ކުޑަ ބޭނުމެއް ޖެހުނު ނަމަވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ! ﷲ ތައާލާ ހިންމަވައިދެއްވެވުމުން މެނުވީ އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ! ވީމާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ދަންނަވާށެވެ! ދުނިޔޭގެ ބޭނުންތަކަށް އެދި ވެސް ދުޢާކުރަމުން ގެންދާށެވެ! އާޚިރަތުގެ ބާއްޖަވެރިކަމަށް އެދިގެންވެސް ދުޢާކުރަމުން ގެންދާށެވެ! 

- ޑރ. ޔާސިރު ޤާދީ

މިއަދު އޮންލައިން