ހިޔަނީގެ ސައިޒަށް ބަލައިގެން ކަންކަމާމެދު ވިސްނާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް، ހިތްހަމަޖެހުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހިޔަނީގެ ސައިޒަށް ބަލައިގެން ކަންކަމާމެދު ވިސްނާ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް، ހިތްހަމަޖެހުމެއް ނުލިބޭނެ!

ދިރިއުޅުމުގައި އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ! އަބަދުވެސް ބުނާފަދައިން ދުނިޔޭގައި އުޅޭ އުޅުމަށް ދިރިއުޅުން މިކިޔަނީ އެ ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވާތީއެވެ. އަޑިގުޑަންތައް އަންނާތީއެވެ. ވީމާ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ ކަމެއް ކުރިމަތިވުމުން އެކަން އެއީ ދެން ސަލާމަތް ނުވެވޭވަރުގެ ކަމެއް ކަމަށް ދެކެ މާޔޫސްވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ! 

މިފަދަ މީހުންނަށް މިވާގޮތަކީ މައްސަލަ އެއިގެ ސައިޒުން ބެލުމުގެ ބަދަލުގައި މައްސަލައިގެ ހިޔަނީގެ ސައިޒަށް ބަލަނީއެވެ! ވީމާ މައްސަލައިގެ ސައިޒަށްވުރެ މާބޮޑުކޮށް ފެންނަނީއެވެ. ހިޔަންޏަށް ބަލައިގެން އަސްލު ސައިޒެއް ނުއެނގޭނެއެވެ! ހިޔަންޏަކީ ކުޑަވެ ބޮޑުވާ އެއްޗެކެވެ. ވީމާ ހިޔަނި އެންމެ ބޮޑަށް ފެންނަ ވަގުތަކީ މައްސަލައިގެ އަސްލު ސައިޒުކަމަށް ބަލައިގެން ކަންކަން ކުރަން އުޅޭ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ! ހިތްހަމަޖެހިލާނެ ވަގުތެއްވެސް ނުލިބޭނެއެވެ! 

ވިސްނަންވީ ﷲ ތަޢަލާގެ މަތިވެރިކަމަށެވެ. އިތުބާރުކޮށް ޔަޤީންކުރަންވީ " الله اكبر" އެވެ. ﷲ ތަޢާލާއީ ހުރިހާ ކަންކަން މިންވަރު ކުރައްވަވާ އެންމެ މަތިވެރި ފަރާތްކަމެވެ. ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ކަންކަމަކީވެސް ﷲ ތަޢާލާ އިރާދަ ކުރެއްވެވުމުން ވަގުތުން ނެތިގެންދާނެ ކަންކަންކަމެވެ. 

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް، ކޮންމެ ޙާލަތެއްގައި ނަމަވެސް ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޔަޤީންކަން ހިތުގައި ބާއްވާށެވެ! އަދި ކޮންމެ ކަމެއްވެސް ނިންމަވާނީ ތިމާއަށް އެންމެ ފައިދާހުރި ގޮތުގައިކަމަށް އަބަދުވެސް ޔަޤީންކޮށްގެން ހުންނާށެވެ! ހިޔަންޏަށް ބެލުމުގެ ބަދަލުގައި ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ކޮންމެ ފަދަ ދަތިކަމަކުންވެސް މިންޖުކުރައްވަވައި ދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ.! 

މިބުނި ފަދަ އިން ކަންކަން ޔަޤީންކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ! ވީމާ މަސައްކަތްކުރަންވީ ހިތުގެ އަޑިން ﷲ ތަޢާލާގެ ދީލަތިވަންތަކަން ޔަޤީންކުރާ މީހަކުކަމުގައިވުމަށެވެ! ތިމާޢަށް ދެރައެއް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ  މިންވަރު ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުން ވަނީ އެއިރުންނެވެ! 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން