އަނބިމީހާގެ ބޭރުފުށުގެ ސިފައަށް އަންނަ ބަދަލަށް ނަފްރަތުކުރުމުގެ ޙައްޤު ފިރިންނަށް ލިބިގެނެއް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަނބިމީހާގެ ބޭރުފުށުގެ ސިފައަށް އަންނަ ބަދަލަށް ނަފްރަތުކުރުމުގެ ޙައްޤު ފިރިންނަށް ލިބިގެނެއް ނުވެއެވެ!

ކައިވެންޏަށް ދުވަސްކޮޅެއްވުމުން އަނބިމީހާގެ ސިފަ ކިޔުމަކީ ބައެއް ފިރިން ކުރަމުން ގެންދާ ކަމެކެވެ. އިސްކޮޅާއި ފަލަމިނާއި ހިކިމިނާއި ގައިގެ ކުލައަށްވެސް ފާޑުކިޔައެވެ. ނަތީޖާއެއްގެ ގޮތުން ފިރިމީހާ ލޮލަށް ފެނުނު ނަމަވެސް އެކަން ބިރަކަށްވާ ހާލަތަށްވެސް ކަންކަން އެބަގެންދެއެވެ. 

ކައިވެންޏަށްފަހު އަނބިންނަކީ ފިރިމީހާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެކެވެ. އަނބިމީހާގެ ބެލެނިވެރިއަކީ ފިރިމީހާއެވެ. މިފަދަ ގޮތްތަށް ކަންކަން މެދުވެރިކުރާ ފިރިންނަކީ އެމީހުންގެ އަނބިންގެ ބެލެނިވެރިން ކަމުގައި ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

އަނބިމީހާއަކީ ވެސް އަދި ފިރިމީހާއަކީ ވެސް އަބަދު އެއް ސިފައަކަށް އެއް ބުރުސޫރައަކަށް ތިބޭނެ ބައެއް ނޫނެވެ. ސިފައަށް ބަދަލުތަކެއް އަންނާނެއެވެ. ކައިވެންޏަށްފަހު ބައެއް މީހުންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައުދެއެވެ. އެއަންނަ ބަދަލުތައް އެކިމީހުންނަށް އަންނާނީ އެކިވަރަށެވެ! އެކަން ދެމަފިރިންވެސް ޤަބޫލުކުރަންވާނެއެވެ! 

ކައިވެނި ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ޝަރުޠަކީ ބޭރުފުށުގެ ސިފަކަމުގައި ނުހަދާށެވެ! ބޭރުފުށުގެ ސިފަ ބަދަލުވާނެއެވެ. އެއީ އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ވެސް ނޫނެވެ. ވީމާ އެއީ އެއްވެސް މީހެއްގެ ކުށެއް ކަމުގައި ދެކެގެން ނުވާނެއެވެ! 

ކައިވެނި އުފަލުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމާއި އަޅައިލުމާއި އިޙްތިރާމްކުރުމާއި ޤަދަރުކުރުން ކަމުގައި ހަދާށެވެ! އިންސާނުންނަށް ވަނީ މިކަންކަން ދެމެހެއްޓުމުގެ ބާރާއި އިޚްތިޔާރު ދެއްވަވައިފައެވެ. ވީމާ އެއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަމެވެ! ކައިވެނީގެ ޙަޤީޤީ ފޮނިމީރުކަން ލިބޭނީ އެކަންކަން ދެމެހެއްޓިވަރަކުންނެވެ!

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން