ތިމާއަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްކަން އެނގެން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ތިމާއަކީ ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅެއްކަން އެނގެން ބޭނުންހެއްޔެވެ؟

ކޮންމެ މީހަކު ވެސް އެންމެ އުފާވާނީ އަދި އެންމެ ބޭނުންވާނެ އެއްކަމަކީ އެމީހަކުކުރާ ހެޔޮ އަމަލުތައް، ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާކަން އެނގުމެވެ. ނަމަވެސް އެއި މިދުނިޔޭގައި ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ! 

އެކަން އެނގުން ވަނީ ޤިޔާމަތް ދުވަހުގައެވެ! އެއިގެ ކުރިންނަމަ މަރުވުމުގެ ވަގުތުގައެވެ. އެހެނީ އެމީހެއްގެ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާފައިވާ ޞާލިޙް އަޅުންގެ ފުރާނަ ހިއްޕަވާނީ ރަޙްމަތުގެ މަލާއިކަތުންނެވެ! އޭނާގެ ހަށިގަނޑުން ފުރާނަ ނެރުއްވަވާނީ ނުހަނު އޯގާތެރިކަމާއިއެކުގައެވެ. އެމީހާއަށް ބިރެއް ނެތްކަމުގެ އުފާވެރި ޚަބަރުވެސް އެމީހަކަށް މަލާއިކަތުން ދެއްވަވާނެތެވެ! އެކަން އެމީހާއަށް އެނގޭނެއެވެ! 

ކީތިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ! 

"ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ޘަވާބު ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި ޞޯލިޙް ޢަމަލު ތަކެވެ." (މަރްޔަމް: 76)

މިއާޔަތުން އެނގިގެން މިދަނީ އެމީހާ ކުރާ މަސައްކަތުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންފި މީހާ، އީމާންކަމުގައި އިތުރަށް ސާބިތުވަމުންދާނެއެވެ! އަޅުކަންކުރުން ގިނަކުރާނެ ކަމެވެ! ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުވަމުންދާނެ ކަމެވެ! އެހެނީ "ތެދުމަގު ލިބިގެންފި މީހުންނަށް ﷲ ތެދުމަގު ދެއްކެވުން އިތުރުކުރައްވަވަތެވެ." 

މިއާޔަތުން އެނގެމުން މިދަނީ އީމާންކަން ކުޑަވުމާއި އަޅުކަން ކުރުމުގައި ފަރުވާކުޑަކުރެވުމާއި ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަވުމާއި ތަޤްވާވެރިކަން ކުޑަ ނަމަ އެކަންކަމުން އެނގެނީ އެމީހަކު އެވަނީ ތެދު މަގު ލިބިގަންނަން އިތުރަށް މަސައްކަތްކުރަންޖެހިފައިވާ މީޙުންގެ ތެރެއިން ކަމެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަކީ ތެދުމަގު ލިބިގެންހުރި، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ހުރި މީހެއް ކަމަށް ބަލައި ފަރުވާކުޑަނުކުރާށެވެ! ތިމާގެ ޙާލަތު އަމިއްލައަށް އިމްތިޙާންކުރާށެވެ! އަމިއްލައަށް މިނެކިރާށެވެ! އިޞްލާޙްކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވުމުގެ ފުރުޞަތަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާ ފުރުޞަތެކެވެ! ފުރުބަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެއީ އެމީހަކު ކުރަންޖެހޭ ކަމެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން