ރަމަޟާންމަހަކީ މުސްލިމުން އެންމެ ގިނައިން އަޅުކަންކުރާ މަހެވެ! ދުވާލުހަތަރު ދަމު ނުކައި ނުބޮއި އަނބިފިރިވަންތަކަމުގެ ގުޅުންވެސް ނުހިންގައި ތިބެ ރޯދަ ހިފަމުއެވެ. ނަމާދުކުރުން ގިނަކުރަމުއެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއިއެކު ޞަދަޤާތްކުރުންވެސް ގިނަކުރަމުއެވެ!
އެހެންކަމުން ރަމަޟާން މަސް ނިމުމާއިއެކު ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގުމަށެވެ! ކިތަންމެ ބޭނުންވި ނަމަވެސް އެއީ މިދުނިޔޭގައި އެގޭނެ ކަމެއް ނޫނެވެ! އަހަރެމެންނަށް އެކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ރަސޫލް (ޞޢވ)ގެ ޞަހާބީ ބޭކަލުންވެސް ރަމަޟާން މަހަށްފަހު އެބޭކަލުން ހިއްޕެވި ރޯދަ ޤަބޫލުފުޅުކުރެއްވެވުން އެދި ވިދިގެން އަންނަ 6 މަސް ދުވަހު ތިއްބަވަނީ ދުޢާކުރެއްވެވުންމަތީގައެވެ.
މިކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ! "ރަމަމާން މަހަށްފަހުގައިވެސް ރަމަމާން މަސް ފަދައިން އަޅުކަން ކުރުމުގައި ސާބިތުވެވޭނަމަ އެއީ ހިފިރޯދަ ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ޢަލާމާތެކެވެ. މިސާލަކަށް އެއީ ޢީދު ދުވަހު ވެސް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރެވި ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައިލެވުނުނަމަ އަދި ރޭ އަޅުކަމުގެ މިންވަރެއް ނަމަވެސް ކުރެވުމެވެ. އަދި އެހެން ދުވަސްތަކާއި ރޭތަކުގައިވެސް އެގޮތުގައި ސާބިތުވެވުމެވެ."
މި ބަސްފުޅުން އެނގިގެންދަނީ ރަމަޟާން މަހަށްފަހު އަޅުކަންކުރުމާއި ދުރުހެލިވެވޭނަމަ އެއީ ފުރިހަމަ ގޮތުގައި ރޯދަ ހިފުނުކަމާއިމެދު ސުވާލު އުފެދޭ ކަމެއްކަމެވެ! ހިފި ރޯދަ އާއި ކުރި އަޅުކަން ފުރިހަމަކުރެވުނު ކަމާއިމެދު ސުވާލު އުފެދޭ ކަމެއް ކަމެވެ!
ރޯދަ ފަރުޟު ކުރެއްވެވި ޙިކުމަތަކީ ހިތުގައި ތަްްވާވެރިކަން އިތުރުވުމެވެ. ރަމަޟާން މަސް ނިމުމުން އަޅުކަމާއި ދުރުހެލިވެވުނު ނަމަ އެކަމުން އަންގައިދެނީ ތަޤްވާވެރިކަން އިތުރުނުވާ ކަމެވެ. މިތަނުގައި އަޅުކަމާއި ދުރުހެލިވުން މި މާނަކުރަނީ ރަމަމާން މަހު ކުރި ވަރަށް އަޅުކަން ނުކުރުމެއް ނޫނެވެ! ނަމަވެސް އެކަށީގެންވާ މިންވަރަކަށް ނުކުރެވުމަށެވެ!
ޢީދު ދުވަހު ތިބާގެ ކިބައިން ފެންނަ ޢަމަލުތަކުން މިކަންކަމުގައި ވަރަށް ރަނގަޅަށް މިންއެޅިގެންދެއެވެ! ރޯދަ ފަރުޟު ކުރައްވަވައި ބާވައިލެއްވެވި ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުން މި ބުނި ބަހަށް ދަލީލު ލިބިގެންދެއެވެ! "--(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިއަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިއަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިއަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށްޓަކައެވެ."
ޢީދު ދުވަހު ކުރަންޖެހޭ ކަންކަން ވެސް މިއޮތީ ވަޙީ ބަސްފުޅުން ފެންނާށެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވެ ތަކްބީރުކިޔައި އުޅުމެވެ! އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަމުގައި ދުވަސް ހޭދަކޮށްލުމެއް ނޫނެވެ.
މީސްތަކުންނޭވެ! ރަމަޟާން މަސް ފާއިތުވެގެން ދިއަތާ އަދި މިވީ ކުޑަދުވަސްކޮޅެކެވެ. ތިމާއަށް އަމަލުކުރެވެމުން އަންނަ ގޮތާއިމެދު ފުންކޮށް ވިސްނާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން ކުރަމުން ގެންދާށެވެ! ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ! އަދި އެނޫން އަޅުކަން ވެސް ކުރުން އިތުރުކުރާށެވެ! ހަމައެއާއިއެކު ރަމަމާން މަހު ކުރި އަޅުކަމާއި ހިފި ރޯދަ ޤަބޫލުފުޅުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!
ދުޢާއަކީ އަހަރެމެން އެންމެން ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމެވެ! ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުމެވެ! އާމީން
- އިސްލާމީ ތިލަފަތުގެ ދަރުސަކުން