އުފާވެރި ޙަޔާތަކަށް އެދޭނަމަ ﷲ އަށްޓަކައި ލޯބިވާ ބައިވެރިއަކު ހޯދަން ޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އުފާވެރި ޙަޔާތަކަށް އެދޭނަމަ ﷲ އަށްޓަކައި ލޯބިވާ ބައިވެރިއަކު ހޯދަން ޖެހޭ ސަބަބު!

ލޯބިވުން އޮތީ ﷲ އަށެވެ! އަދި ﷲ އަށްޓަކައެވެ! ނަމަވެސް ގިނަ ބައަކަށް ލޯތްބާއިމެދު ވިސްނެނީ މުޅިން ތަފާތު ގޮތަކަށެވެ! ލޯބިވަނީ ކޮންމެވެސް އަމިއްލަ ބޭނުމަކު އެވެ. މާނައަކީ އެމީހާގެ އުފާ ޙާޞިލުކުރުމަށެވެ! 

މީހުން މީހުން ދެކެ ލޯބިވާނެއެވެ! އެއީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ކަމެކެވެ! މީހުން ދެކެ ލޯބިވުމުގައި ވިސްނަންޖެހޭ އެއް ކަމަކީ އެމީހާ ދެކެ ލޯބިވާންވީވެސް ﷲ ތަޢާލާއަށްޓަކައި ކަމެވެ. 

އެހެނީ ކައިވެނިކުރުމުގެ މަޤްޞަދަކަށްވާން ޖެހޭނީ ވެސް ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ދިރިއުޅުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ޙަޔާތް ހޭދަކުރުމެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ގޮތުގައި އެއްވެސް އުފަލެއް ނުހޯދައި އާޚިރަތް ކާމިޔާބު ކުރުމެވެ! 

މިނޫން ގޮތަކަށް މީހަކު ދެކެ ލޯބިވެވިއްޖެ ނަމަ ވަރަށް ގިނަ ފަހަރު އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެއެވެ! ދިރިއުޅުމުގެ ވަކި ހިސާބަކުން ފެންނާނީ މުޅިން ތަފާތު ކަންތައްތަކެކެވެ. ތަޙައްމަލުކުރަން ޖެހޭނީ ހިތް ދަތި ދުވަސްތަކެކެވެ. ވޭނާއި ކެކުޅުމެވެ! އެކަންކަން ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ! 

ވީމާ މީހަކު ތިބާ ދެކެ ލޯބިވާކަމަށް ބުނި ނަމަވެސް ބުނާށެވެ! ލޯބިވާންވީ ތިބާ ދެކެއެއް ނޫނެވެ! ﷲ ތަޢާލާއަށްޓަކައެވެ! ރަނގަޅަށް ބަލައި ދިރާސާކުރާށެވެ! އުފާވެރި ޙަޔާތެއް ޙާޞިލުކުރެވިފައިވާނީ ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ ބައަކަށެވެ! 

ﷲ ތަޢާލާއަށްޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ! މައްސަލައެއް ކުރިމަތިވި ނަމަވެސް ޙައްލުކުރުމުގައި އިސްކުރާނީ ﷲ ތަޢާލާ އެނެގެވި ގޮތެވެ! އެއިރުން ދެމީހުންނަށްވެސް މަސައްކަތްކުރެވޭނީ މައްސަލަތައް ޙައްލުކުރުމަށެވެ! މައްސަލަ އުފައްދަކަށް ނޫނެވެ! 

ބޭވަފާތެރިއެއް ނުވާނެއެވެ! އަނިޔާވެރިއެއްވެސް ނުވާނެއެވެ! އެހެނީ އެކަންކަމަށް ﷲ ތައާލާ ޢަޛާބް ދެއްވަވާނެކަން އެނގި ޤަބޫލުކުރެވޭނެތީއެވެ! ކަމެއް ދިމާވި ނަމަވެސް ދެވޭނީ ވަރިއާއި ދިމާއަކަށް ނޫނެވެ! ވަރި ނުކުރުމާއި ދިމާޢަށެވެ! އެހެނީ ވަރިކުރުމަކީ ﷲ ތައާލާ ހުއްދަކުރެއްވެވި ކަންކަމުގެ ތެރެއިން އެންމެ ރުހިވޮޑިނުގަންނަވާ ކަންތައްކަން ޤަބޫލުކުރެވޭނެތީއެވެ! އެކަންކަމަށް ބިރުވެތިވެވޭނެތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން