ނަރަކައަށް މީހުން ވެއްދުމަށް ނަރަކަ ގެނެވޭ ހިނދު ދޮރުތައް ވަނީ ބަންދުކުރެވިގެން! ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެން!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ނަރަކައަށް މީހުން ވެއްދުމަށް ނަރަކަ ގެނެވޭ ހިނދު ދޮރުތައް ވަނީ ބަންދުކުރެވިގެން! ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެން!: ޝައިޚް ޝާފިޢު

ތިރީގައި މިވަނީ ސުވަރުގޭގެ މަތިވެރި ނިޢްމަތްތަކާއިބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. 

ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދުމަށްޓަކައި ނަރަކަ ގެނެވޭ ހިނދު ނަރަކައިގެ ދޮރުތައް ވަނީ ބަންދުކުރެވިގެންނެވެ. އެހެންނަމަވެސް ސުވަރުގޭގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ. 

މީގެން ދޭހަވަނީ ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި ވާ މެހެމާންދާރީގެ އަވަސްކަމެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފުރިހަމަ ނިޢުމަތްތައް ލިބޭހުށީ ﷲ އަށް ބިރުވެތިވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތަބާވެ، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސްނަމާދު އޭގެ ވަޤުތުގައި ޤާއިމުކޮށް، ޒަކާތްދީ، ރޯދަހިފައި، ޞާލިޙް ޢަމަލުކޮށް، ﷲ ގެ މަގުގައި ހޭދަކޮށް، ފާފަތަކާއި މުންކަރާތްތަކުން ރައްކާތެރިވާ މީހުންނަށެވެ.

ސުވަރުގެއަށް ޝައުޤުވެރިވާށެވެ. އަހަރެމެންގެ ޙަޤީޤީ މަންޒިލަކީ އެއީއެވެ. ނަމަވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލަށް ދިއުމަށްޓަކައި މި ހިނގެނީ ވަރަށް މަޑުންނެވެ. މިވަރަށް ހިނގައިގެން ދުވަހަކުވެސް އަހަރެމެންގެ ޙަޤީޤީ މަންޒިލާ ހަމައަށް ވާޞިލްވެވިދާނެ ހެއްޔެވެ؟ 

މިދުނިޔޭގެ ޙަޔާތަކީ ކުރު ޙަޔާތެކެވެ. އެހެންކަމުން ސުވަރުގެއަށް އެދޭށެވެ. ތިބާގެ ޢަމަލުތައް ސުވަރުގެއަށް އެދޭ މީހެއްގެ ޢަމަލުތަކަކަށް ބަދަލުކޮށްލާށެވެ. ނިޔަތް ޚާލިޞްކުރާށެވެ. ދާއިމީ ގޮވައްޗަކީ އަދި ޙަޤީޤީ ހިތްހަމަޖެހުމުގެ މަރުކަޒަކީ ސުވަރުގެނޫން ދެވަނަ ތަނެއް ނޫނެވެ.

ސުވަރުގެ ނުވަތަ ޖަންނަތުގެ މާނައަކީ ބަގީޗާއެވެ. ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންގަތް އަޅުންނަށްޓަކައި އެއިލާހު ތައްޔާރުކުރައްވާފައިވާ ދާއިމީ ގޯއްޗެކެވެ. ދުވަހަކުވެސް އިންސާނެއްގެ ލޮލުން ނުދެކޭ، ކަންފަތަށް ނީވޭ، އަދި ހިތަށްވެސް ނުގެނެވޭ ކަންތައްތަކެއް އެތަނުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (سورة السجدة 17)

"ފަހެ އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ ލޮލަށް ފިނިކަން ދެނިވި ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

އެތަނުގެ ބިނާތަކުގެ ގައުތައް ހުންނާނީ އެއްގައު ރަނުން އަނެއް ގައު ރިހިންނެވެ. އަދި ދެގަލުގެ ދޭތެރެ ބައްދާފައި ހުންނާނީ އަލްއަޛްފަރު (މިސްކުލް އަޛްފަރު) އިންނެވެ. އަދި އެތަނުގެ ބިމުގައިވަނީ ލުއުލުއު (އިތާ މުތް) އަދި ޔާޤޫތެވެ. އެތަނުގެ ވެއްޔަކީ ޒަޢްފަރާންއެވެ.ސުވަރުގޭގައި ސަތޭކަ ދަރަޖަވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދޭތެރެ އުޑާއި ބިމާ ދެމެދުހާވެއެވެ. އޭގެ ތެރެއިން އެންމެ މަތީ ދަރަޖައަށް ކިޔަނީ ފިރުދައުސްއެވެ. އަދި އެތަނުގައި އޮހޮރިއަރާ ފެންއާރުތައް ވެއެވެ. ރަހަ ތަޣައްޔަރުވެމެއް ނެތް ފެނުގެ ކޯރުތަކެވެ. އަދި އޭގެ ރަހައަށް ބަދަލު ނާންނަ ކިރުގެ ކޯރުތައް ވެއެވެ. އަދި ބޯމީހުންނަށް މީރު މަސްތުވުމެއްނެތް ރަލުގެ ކޯރުތައްވެސް ވެއެވެ. އަދި މާމުއިގެ ކޯރުތައްވެސް ވެއެވެ.

ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. 

ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ. އެމީހުންގެ އަނގާގައި ކުޅެއް ނުހުންނާނެއެވެ. އަދި ސޮންޖެއްވެސް ނުހުންނާނެއެވެ. އަދި އަރިދަފުސްވެސް ނުހުންނާނެއެވެ. އެމީހުން ބޮޑުކަމުދާން ނުޖެހޭނެއެވެ. އަދި ކުޑަކަމުދާން ނުޖެހޭނެއެވެ. އެމީހުންގެ ގައިން ބޭރުވަނީ ފެނެކެވެ. އަހަރެމެން މިދުނިޔޭގައި ދާހިތްލާފަދައެވެ. އަދި އެމީހުން ވާލެއްވުމާއެކު އެމީހުންގެ ޙާޖަތްފުދެއެވެ. 

އެމީހުންގެ ހަށިގަނޑުން ބޭރުވާ ފެނުގެ ވަހަކީ މިސްކެވެ.އެތަނުގެ ތެލިތަށިވަނީ އެތެރެފެންނަ ރަނުންނާއި ރިހިންނެވެ. އެތަނުގެ އަންނައުނަކީ ފަށުވިއެވެ. އެތަނުގެ ގަހަނާއަކީ ރަނާއި މުތެވެ. އެތަނުގެ ތަޅަމަކީ ނުވަތަ ކާރޕެޓަކީ އިސްތަބްރަޤް (ތުނިފަށުވި) އެވެ. 

ސުވަރުގެ ވަންނަ ހުށީ ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކެވެ. އަނެއް 999 މީހުންވާހުށީ ނަރަކާގައެވެ. ސުވަރުގޭގައި ފިރިހެނުންނަށް ރަނާއި ރިއްސާއި ފަށުވިވެސް ހުއްދައެވެ. އެމީހުން އެތަކެތީން ޒީނަތްތެރިވާނެތެވެ.

މިއަދު އޮންލައިން