ތިރީގައި މިވަނީ އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައި މިވާ ޙާލަތުގައި ކޮންމެހެން ކުރަންޖެހޭ 4 ކަމެއް ބަޔާން ކުރައްވައި އުސްތާޛް ޙުސައިން ރަޝީދު ލިޔުއްވައި މިއަދުނޫހާއި ހިއްޞާކުރައްވާފައިވާ ލިޔުމެކެވެ.
ދޫކޮށްލައިގެން ފަރުޖައްސައި ނުލެވޭނެ މުހިއްމު ހަތަރު ކަމެއް!
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!
ކަމަކީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ ވަކި ފަރާތެއްގެ އަޅުންނެވެ. އަމިއްލަ އެއްވެސް އާރެއް ބާރެއް ނެތެވެ. މިހާރު މުޅި ދުނިޔެއާ ކުރިމަތިލައިގެން އުޅޭ ކޮވިޑް-19 އަކީ އޭގެ ކުޑަކުޑަ ހެއްކެކެވެ. އެފަރާތުން އަޅުގަނޑުމެން އުފައްދެވުމަށްފަހު ބަލަހައްޓަވައި ގެންގުޅުއްވައި ދިމާވާހައި ކަމެއްގައި އެހީތެރިވެ މަގުފަހި ކޮށްދެއްވައި ހައްދަވައެވެ. މަޔަކު ދަރިއަކު ދެކެ ލޯބިވާ މިންވަރަށް ވުރެން ބޮޑަށް އެފަރާތުން އެޅުގަނޑުމެންނަށް ލޯބި ދެއްވައެވެ. އަޅާލައްވައެވެ. ކިތަންމެ އުރެދުނަސް އަޅާލައްވަނީއެވެ. އާދެ، އެއީ ކަށަކުޅަދުންވަންތަ ދީލަތިވަންތަ އޯގާ ވަންތަ އެއްކައުވަންތަ މާތް ﷲ އެވެ.
ވުމާއެކު އަޅުގަނޑުމެން އަބަދުމެ އެއިލާހު ހަނދުމަކޮށް ޛިކުރު ކުރަންޖެހެއެވެ. ދެއްވަމުންދާ ނިޢުމަތްތަކަށް ޝުކުރު އަދާކުރަން ޖެހެއެވެ. ތިމާމެންގެ މުހުތާދު ފުރިހަމަ ކުރުމަށްޓަކައި ދުޢާ ދަންނަވަންޖެހެއެވެ. ތިމާމެންނަށް ދުނިޔެމަތިން ދިމާވެދާނެ ގެއްލުމަކުން ސަލާމަތަށް އެދި އިސްތިޣުފާރު ކުރަންޖެހެއެވެ. އޭރުން ދެދުނިޔެ ބާއްޖަވެރި ވާނެއެވެ.
އަންނަނިވި ހަތަރުކަމަކީ މިބުނެވުނު ހުރިހާ ކަމެއްގެ ހައްލެވެ. އެހެންކަމުން މިހަތަރު ކަންތަކުގެ މަތީ ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. މާތް ﷲ އަޅުގަނޑަށާއި ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!
1- ޛިކުރު ކުރުން:
ޛިކުރު ކުރުމަކީ ﷲގެ ނަންފުޅު ގަތުމެވެ. އެއިލާހު ހަނދުމަ ކުޅައުމެވެ. އެއިލާހަށް ޙަމްދު ކުޅައުމެވެ. ހަމައެހެންމެ ކީރިތި ރަސޫލާއަށް ޞާލަވާތް ކިޔެވުމަކީވެސް ޛިކުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. ]فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ[ މާނައީ: ތިޔަބައިމީހުން ކިޔަމަންތެރިކަމާއެކު ތިމަން އިލާހު ހަނދުމަކޮށް އުޅޭށެވެ. ތިމަން އިލާހު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި ދެއްވުމާއި ރަޙްމަތުގެ ނަޒަރުން ބައްލަވައި ވޮޑިގަތުމުގައި އަދި ދަންނާށެވެ! ހިލާ ތިމަން އިލާހުގެ ނިޢުމަތްތަކަށް ނާޝުކުރީވެ ނުގަންނާށެވެ. (ބަޤަރާ: 152)
2- ޝުކުރު ކުރުން:
ޝުކުރު ކުރުމަކީ ހެވެއް ނުވަތަ ނިޢުމަތެއް ނުވަތަ ތިމާ އުފާވެރިވާ ކޮންމެ ކަމެއް މެދުވެރިވާ ހިނދު އެންމެ ފުރަތަމަ އަވަހަށް ﷲ އަށް ޝުކުރު ދެއްނެވުމަށެވެ. އެއިލާހަށް ޙަމްދު ކުރުމެވެ. އެއަށް އެކަމެއް މެދުވެރިވުމުގައި ސަަބަބަކަށްވީ ފަރާތަށް ވެސް ޝުކުރުވެރިވުމެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. ]لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ[ މާނައީ: ތިޔަބައިމީހުން ތިމަން އިލާހުގެ ނިޢުމަތްތަކަށް ޝުކުރު ކުރާނަމަ ތިމަން އިލާހުގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ނިޢުމަތް އިތުރުކޮށް ދެއްވާހުށީމެވެ. އެހެނަސް ނާޝުކުރީކޮށްފިނަމަ ދަންނާށެވެ! ތިމަން އިލާހުގެ ޙަޟުރަތުން އަތުވެދާނެ ޢަޛާބަކީ ގަދަފަދަވެގެންވާނެ އެއްޗެކެވެ. އެކަމަކަށް ސަމާލުވެ ތިބޭށެވެ. (އިބްރާހީމް:07)
ތިމާގެ ދުލުން ޝުކުރުވެރިވުމުގެ ނަތީޖާއަކަށް އަންނާނީ އޭގައި ޢަމަލީ ސިފަ ޖެއްސުމެވެ. ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރި ވުމާއެކު ނަހީތަކާ ދުރުހެލިވާނެއެވެ.
3- ދުޢާ ކުރުން:
މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. ]وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ [ މާނައީ: އޭ މީސްތަކުންނޭވެ! ތިމަން އިލާހަށް އަޅުވެތިވެ ތިބެ ޝުކުރުވެރިކަމާއި ކިޔަމަންތެރިކަމާއެކު ދުޢާ ދަންނަވާށެވެ! ތިމަން އިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ބައްލަވައި ވޮޑިގަންނަވަމެވެ. އަދި ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގަތުމާއެކު ތިޔަބައިމީހުންގެ ފާފަފު ފުއްސަވައި ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. ދެންނެވުމާއި މުރާދުތައް ފުއްދަވައި ދެއްވާހުށީމެވެ. (އަންފާލު: 33)
4- އިސްތިޣްފާރު ކުރުން:
އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. ތައުބާވުމެވެ. އެންމެ ކުޑަމިނުން ]أَسْتَغْفِرُ اللَّهَ[ މިފަދައިން ކިއުމެވެ. ނުވަތަ ]أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ[ މިފަދައިން ކިއުމެވެ. ކޮންމެ ދުވަހަކު ދެއިރު ކޮންމެ އިރަކު 100 ފަހަރު އިސްތިޣްފާރު ކޮށްލުމަކީ ވަރަށް މާތް ކަމެކެވެ. އެއީ ކީރިތި ރަސޫލާގެ ސުއްނަތެއް މެއެވެ. އިސްތިޣްފާރު ކުރުންމަތީ ދެމިހުންނަ މީހަކަށް ކޯފާއެއް ޢަޛާބެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. ]وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ[ މާނައީ: މުސްލިމުން ﷲގެ ޙަޟުރަތުގައި އިސްތިޣްފާރުކޮށް އުޅޭހައި ހިނދަކު މާތް ﷲގެ ޙަޟުރަތުން އެބައިމީހުންގެ މައްޗަށް ޢަޛާބެއް ނާންނާނެއެވެ.
وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ
24 ޖޫން 2020
- ޙުސައިން ރަޝީދު އަޙްމަދު