ރޯދަހިފުން ގިނަކުރުމަކީ ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްވެވި ހީވެސް ނުކުރެވޭ މިންވަރަށް މީހާގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ރޯދަހިފުން ގިނަކުރުމަކީ ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްވެވި ހީވެސް ނުކުރެވޭ މިންވަރަށް މީހާގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ!

އުފަންވެ ދުނިޔޭގައި ހުރެވިއްޖެ ނަމަ ގައިގަ ބާރުޖެހި ވަރުގަދަވެއެވެ. އެއަށްފަހު ގައިބާރު ދެރަވެ ނިކަމެތިވެއެވެ. ފުރާނަ ގެންދަވަނީ ﷲ ތަޢާލާ ކަމަށް ޤަބޫލުނުކުރާ މީހުން ވެސް މަރުވާނެކަން ޤަބޫލުކުރެއެވެ. އެކަމުންވެސް އެނގެނީ ކޮންމެ މީހަކީވެސް މަރުވާންޖެހޭނެ މީހެއްކަމެވެ. މަރުވުމުން އެއްވެސް މީހަކަށް ސަލާމަތް ނުވެވޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމެވެ. 

ވީމާ މަރަށް ތައްޔާރުވުމުގެ ގޮތުން މި ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހައިލާށެވެ! 

އުމުރުން 60 އަހަރު ވަރު ދުނިޔޭގައި ހުރެވިއްޖެ ނަމަ އެމީހަކު ކަސްތޮޅު އަޅުވައި ނަރަކއަށް ވެއްދޭތޯ ޝައިޠޯނާ ކުރާ މަސައްކަތްތައް އިތުރުކުރާނެއެވެ! އެއީ ތިބާގެ މަރު ގާތްވަމުން އަންނަ ކަމަށް ބަލައި މަރުވުމުގ ކުރިން ވީހައި ގިނަ ފާތަކެއް ކުރުވޭތޯއެވެ؟ މަރުވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ޝައިޠޯނާގެ ބާރު ކެނޑިގެންދާތީއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢުމުރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ރޯދަ ހިފުން ގިނަކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ކޮންމެ ރޯދައެއްގެ ސަބަބުން ނަރަކައާއި ދުރަށް 70 އަހަރުގެ ރާސްތާއަށް ދެވެއެވެ. ހަމައެޢާއިއެކު ކޮންމެ ރޯދައެއްގެ ސަބަބުން މީހާ ސުވަރުގެއާއި ގާތްކަން އިތުރުވެގެންދެއެވެ! 

ނިކަން ވިސްނައިބަލާށެވެ! އަހުރެންނަށް އނގިފފައި އޮތް ގޮތުން އެއީ ދެބެއިންނެވެ. ކޮންމެއަކަސް 2 މީހަކު އެކުގައި އެއް ދުވަހަކު އިސްލާމްވިއެވެ. އެއިގެ ތެރެއިން އެކަކު އަޅުކަންކުރުމުގައިވެސް ހުރީ ކުރީގައެވެ. އަދި ދުނިޔެ ދޫކުރީވެސް ޝަހީދެއްގެ ގޮތުގައެވެ. އަނެކަކު ނިޔާވީ އެއިގެ އެއް އަހަރުފަހުންނެވެ. 

އެދެމީހުންގެ ތެރެއިން ފަހުން ނިޔާވި މީހާ ކުރިން ސުވަރުގެ ވެއްދެވުން ޞަޙާބީންނަށް ވެގެންދިއައީ ޙައިރާންކަން ލިބިވަޑައިގެންނެވި ކަމަކަށެވެ. ނަމަވެސް ފަހުން ނިޔާވި މީހާ ކުރިން ސުވަރުގެ ވެއްދެވި ސަބަބުން ބަޔާންކޮށްދެއްވަވަމުން ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވީ އެދެމީހުންގެދުގައި ﷲ ތަޢާލާގެ އުޑާއި ބިމާއި ދެމެދުގައިވާ ދުރުމިންހައި ތަފާތު އެބަހުރި ކަމަށެވެ. އެއީ ފަހުން ނޔާވި މީހާ އިތުރު އެއް އަހަރު ރޯދަހިފައި އަނެކާއަށްވުރެ ގިނައިން އަޅުކަންކޮށްފައިވުމުން ކަމަށެވެ. 

ވިސްނައިލަންވީ ރޯދައިގެ މަތިވެރިކަމެވެ. ވީހައި ގިނައިން އަޅުކަންކުރުމުގެ މުހިންމުކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މީހާގެ ޤަދަރު އުފުލިގެންދާނީ އެކަންކަމުގެ ސަބަބުން ކަމެވެ. ވީމާ ޢުމުރުން ގިނަ ދުވަސްވާވަރަކަށް ރޯދަ ހިފުން ގިނަކުރާށެވެ! އަދި އަޅުކަންކުރުންވެސް ގިނަކުރާށެވެ! 

އިބުނުލްޖައުޒީ ވިދާޅުވެފައިވެއެވެ. "ތިބާ ދުނިޔޭގައި ހުރެ 60 އަހަރާއި ހަމައަށް އަުދެވިއްޖެ ނަމަ ދަތުރު ފުރިހަމަވެއްޖެ ކަމަށް ބަލައި އަވަހަށް ފުރަން ފޮށިތަންމަތި ބަންނަން ފަސާށެވެ! އިތުރަށް ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކީ ބޯނަސްކޮށް ހުރެވޭ ދުވަހެއް ކަމަށް ދެކޭށެވެ! 

އަދި އިތުރަށް ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކީ ﷲ ތައާލާ ދެއްވަވާ އިތުރު ހަދިޔާއެއް ކަމަށް ދެކޭށެވެ! އެހަދިޔާގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމާއި ނުހިފުމަކީ އެމީހެއްގެ ކަމެކެވެ. ހިފައި ނަމަ އެމީހަކަށް ހުރީ އުފާވެރިކަމެވެ! 

ދުނިޔޭގައި އިތުރަށް ހުރެވޭ ކޮންމެ ދުވަހަކީވެސް އިތުރަށް ބަލިކަށިވުން އިތުރުވަމުންދާނެ ދުވަހެކެވެ. ވީމާ އެންމެ ބޮޑަށް ނިކަމެތިވެގެން ނުދަނީސް ވީހައި ގިނަ ހެޔޮ އަމަލު ކުރަން ކޮންމެ ދުވަހަކުވެސް ގަދައަޅައި މަސައްކަތްކުރާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޯދަހިފުން ގިނަކުރުމަކީ ޝައިޠޯނާގެ ކަސްތޮޅުން ސަލާމަތްވެވި ހީވެސް ނުކުރެވޭ މިންވަރަށް މީހާގެ ދަރަޖަ އުފުލިގެންދާ ކަމެކެވެ! އަބަދުވެސް ވީވަރަކުން ރޯދަހިފުން ގިނަކުރާށެވެ! ދޮށީ އުމުރުގައި އިތުރަށް ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން