ރަސްގެތީމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
ރ. ވާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ރަސްގެތީމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ހިނގާ ޖޫން މަހުގެ 24 ވަނަ ދުވަހު، މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި ބޯޓަކުން ވާދުއަށް ބާލާފައިހުރި ފޮށިގަނޑެއް ބަލައި ފާސްކޮށެވެ. ވެރިއަކު ނެތި ވާދޫ ބަނދަރުގައި ހުރި އެ ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. އެހެންނަމަވެސް އެ ތަކެއްޗަކީ ރަސްގެތީމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންއެވެ.