މުޖުތަމަޢުގެ އަޝްރާފުން ކުށެއް ކުރުމުން އެކުށަށް އަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭނަމަ، އެއީ ޖާހިލިއްޔަތުގެ ސިފައެކެވެ. އެއީ ބަނީ އިސްރާއީލުން ހަލާކުވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބު ވެސް މެއެވެ.
ކީރިތިވަންތަ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ)
މާނައީ؛ "إسـرآءيـل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.
އެއުރެންކުޅަ ނުބައިކަންތައް، އެއްބައަކު އަނެއްބައަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!" ވީމާ ޙުކުމް ކުރާއިރު ވަކި މީހަކަށް ބެލުމެއް ނެތި ﷲ އަނގަވާފައިވާ ގޮތަށް ޙުކުމް ނުކުރެވޭނަމަ، އެއީ ޖާހިލިއްޔަތުގެ ޙުކުމަށް ޙުކުމްކުރުން ކަމުގައި މެނުވީ ނުވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވަނީ މިފަދައިންނެވެ. (أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ)
މާނައީ: "ފަހެ، އެއުރެން އެދެނީ ޖާހިލީ ޒަމާނުގެ حكم ހެއްޔެވެ؟ يقين ކުރާ ބަޔަކަށް اللَّه އަށްވުރެ حكم ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟
ލޮބުވެތި މުސްލިމް އަޚުންނޭވެ! އިންސާނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުންނެވެ. އަދި މުޖުތަމަޢެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތިގެން އުވިގެން ގޮސްފިނަމަ، އެތަނެއްގައި ޖާހިލިއްޔަތު އުފަންވެ އާލާވެގެންދާނެއެވެ. އަދި އެފަދަ މުޖުތަމަޢެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމެވެ. ރަސްމަތިފުށު ބޮޑުންނަށް މޮޅު ގޮތެވެ. އާދައިގެ ދެރަ ނިކަމެތިންނަށް ދެރަ ގޮތެވެ. ބާރުގަދަ މީހާ ބަލިކަށި މީހާ ޖަހައިގަންނަ އުޞޫލެވެ. އަޑުގަދަ މީހާގެ ރުއްގިނަވާ އުޞޫލެވެ. !
އެހެންވެ، އިސްލާމް ދީން އައީ ޖާހިލިއްޔަތުގެ ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށެވެ. މިފަދަ ނުބައި ޖާހިލީ ސިފަތައް ދޫކޮށްލުމަށް ގޮވާލައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (دَعُوهَا فَإِنَّهَا مُنْتِنَة)
މާނައީ: "ތިޔަބައިމީހުން އެ ޖާހިލީ ޞިފަތައް ދޫކޮށްލާށެވެ! ފަހެ ހަމަކަށަވަރުން އެއީ ވަސްނުބައި، މުޑުދާރު އެއްޗެކެވެ."
- މިއަދުގެ ޚުޠުބާއިން