އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް އެއީ މާ ބޮޑު ކަމެއް ކަމަށް ޤަބޫލުނުކުރެވި އަދި އަނެއް ބައަކަށް މިކުރެވެނީ އެއްވެސް ކަމެއް ނޫން ކަމަށް ދެކި ކުރެވެމުން މިދާ ބައެއް ކަންކަމަކީ އެކަންކަން ކުރާ މީހުންނަށް ހަލާކުހުރި ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ކަންކަމެވެ.
ބިރުވެތިވާށެވެ! އެކަމެއް ކުރުމުން އެމީހަކަށް ހަލާކު ހުރި ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާނީ އެކަމުގެ ނުބައިކަން ހާދަ ބޮޑުވުމުންނެވެ!
މިއަދުގެ ހުކުރު ޚުޠުބާއިން:
"ފުރައްސާރަކުރުމާއި، ހަޑިހުތުރު ލަޤަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި، ދިމާކުރުން ފަދަ ކަންކަމަކީ އިޖުތިމާޢީ ފޭރާން ވީދި، މުޖްތަމަޢުގައި ފިތުނަފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތެކެވެ. ކީރިތި ވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ.
(وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ) މާނައީ: "ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ."