ނަރަކައިން ސަލާމަތްވުމާ ހިތާ ހުރި ގުޅުން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ނަރަކައިން ސަލާމަތްވުމާ ހިތާ ހުރި ގުޅުން އެނގޭހެއްޔެވެ؟

"އާޚިރަތް އެދޭ މީހާއަށް އޮތީ އެމީހާގެ ހިތް ޠޯހިރުކުރުމެވެ!" ބުނެވޭ ބަހުގެ ޙަޤީޤީ މާނައަށް ވިސްނައިލަނީ މަދު މީހެކެވެ! އެކަން އެނގެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި ކަންކަން ކުރުމަށްފަހުގައިވެސް "އަހަރެންގެ ހިތް ޠޯހިރެވެ!" ބުނާ މީހުން ގިނަވާތީއެވެ! އަދި އެކަންކަން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ނޫކޮށްލައިގެން ހުރެފައިވެސް "އަހަރެންގެ ހިތް ﷲ ދެނެވޮޑިގެންވާނެ" ކަމަށް ބުނާތީއެވެ. 

ހިތް ޠޯހިރު ކުރުމަކީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ! ﷲ ތައާލާ އަށް އުރެދުމެއްވާ އެއްވެސް ކަމެއް ނުކުރުމެވެ. އެކަން އެނގިގެންދަނީ އަންނަނިވި 2 އާޔަތުންނެވެ! 

"އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ." (އައްޝުޢަރާ: 88،89)

އެމީހާގެ ހިތް ޠޯހިރުނަމަ، އަތްފައިން އަދި ދުލުން ނުވަތަ އެހެންވެސް ގުނަވަނަކުން ﷲ ތަޢާލާއަށް އުރެދޭ އެއްވެސް ކަމެއް ނުކުރާނެއެވެ! އަދާކުރާނީ ކިޔަމަންތެރިކަމެވެ. "ހިތް ޠޯހިރު ވެއްޖެ ނަމަ އެމީހާގެ އެހެން ހުރިހާ ކަންކަން ޠޯހިރުވާނެ" ކަމަށް ބުނެވެނީ އެހެންވެގެންނެވެ. އަދި ހިތް ރަނގަޅު ނަމަ އެހެން ހުރިހާ ގުނަވަންތައް ރަނގަޅުވާނެކަމަށް ޙަދީޘްފުޅުގައި އައިސްފައި އެވަނީ ހިތް ރަނގަޅުނަމަ އެހެން ގުނަވަންތަކުން ނުބައި ޢަމަލުތައް ނުކުރާނެތީއެވެ! 

މިހުރިހާ ކަމަކުން އެނގިގެން މިދަނީ ކިތަންމެ ބުރަ މަސައްކަތުން ނަމަވެސް ތިމާގެ ހިތް ﷲ ތަޢާލާ އަންގަވާފަދައިން ޠޯހިރުކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ލިބިގެންދާނެ ކަމެވެ. އަދި ނަރަކައިން މިންޖުވެވޭނެ ކަމެވެ! އިން ޝާ ﷲ 

ވީމާ ސަމާލުކަން ދޭންވީ ބައިވެރިޔާއަށް، މުދަލަށް ނުވަތަ ދަރިންނަކަށްވެސް ނޫނެވެ! ހިތް ޠޯހިރުކުރަންވީ ﷲ ތަޢާލާގެ މަގުގައެވެ. އެއިރުން އެހެން އެންމެންނަށް އެ ހިތް ވާނީ ޠޯހިރު ހިތަކަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން