ލޫޅާފަތިވުމަށާ ޞިއްޙީ ދުޅަހެޔޮކަމަށް އެދޭނަމަ މިއާޔަތަށް ޢަމަލުކޮށް ކެއުމުން ހަށިގަނޑަށް އަނިޔާކުރުން ހުއްޓާލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ލޫޅާފަތިވުމަށާ ޞިއްޙީ ދުޅަހެޔޮކަމަށް އެދޭނަމަ މިއާޔަތަށް ޢަމަލުކޮށް ކެއުމުން ހަށިގަނޑަށް އަނިޔާކުރުން ހުއްޓާލާ!

މިހާރަކަށް އައިސް ތަފާސް ހިސާބުތައް ދައްކާ ގޮތުން ތަފާތު ބަލިތައް ޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ! ތަޙްލީލްކޮށް ބަލިތައް ދެނެގަނެ، ބޭސްކުރެވޭނެ ރަނގަޅު އިންތިޒާމްތައް ހުރި ނަމަވެސް އަދި ކޮންމެ އަހަރަކުވެސް ފެންވަރު ރަނގަޅު ބޭސްތައް އިތުރަށް އުފައްދަމުން ގެންދާއިރުވެސް ތަފާތު ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މިދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

އެހެން އެވަނީ ސަބަބުތަކެއް ހުރުމުންނެވެ! އެއިގެ ތެރެއިން އެއް ސަބަބަކީ ހަށިގަނޑު ދެކެ ލޯބި ނުވެވުމެވެ. ހަށިގަނޑު އެދޭ ކާނާ ހަށިގަނޑަށް ކާން ނުދިނުމެވެ. ފަސޭހައިން ލިބޭ، ކަންނެތްކަމާއިއެކު ކައިލެވޭ ތަކެތި ކަމުން ގެންދިއުމެވެ. 

މިސާލަކަށް ހަށިގަނޑު އެދޭނީ ހަށިގަނޑަށް އެންމެ ފައިދާކުރާނެ ކާނާ ކެއުމަށެވެ. އެއީ ތާޒާ ތަރުކާރީ އާއި ރަނގަޅު މޭވާ އާއި ތާޒާ މަހުގެ ބާވަތްތައް ފަދަ ތަކެއްޗެވެ! ނަމަވެސް އެންމެ ގިނައިން ހަށިގަނޑަށް ކާންދެނީ އާޓިފިޝަލް އެތައް އެއްޗެއް އެއްކޮށްގެން އެއްޗެއްގެ ޤުދްރަތީ ފައިދާ ނަގާލާފައިވާ ތަކެއްޗެވެ! ގޮތް ނުވެސް އެނގޭ ތަކެތި އަޅައިގެން ރެސްޓޯރަންޓުތަކުން ތައްޔާރުކުރާ ތަކެއްޗެވެ! 

ދެވަނައަށް ފާހަގަކުރަން ޖެހެނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބޮޑު ބަދަލުގެ ސަބަބުން ހަށިގަނޑަށް ލިބެން ޖެހޭ ކަސްރަތު ނުލިބުމެވެ. 10 ވަރަކަށް މިނިޓުން ހިނގާލާފައި ދެވޭ ބަސް ސްޓޭޝަނަށް ގޮސް ބަހަށް އަރަން އުނދަގޫކަމަށް ހަދައި ގެއިން ނުކުންނަ ގޮތަށް އަރަނީ ކާރަށެވެ. ނުވަތަ ސައިކަލަށެވެ. ހަމަ އެއާއިއެކު ޤުދްރަތީ މަންޒަރުތައް ބަލައި އުފާލިބިގަތުމުގެ ބަދަލުގައި ބަލަނީ ޓީވީއެވެ. 

3 ވަނަ ކަމަކީ ހަށިގަނޑު ކާން ބޭނުން ނުވާހައި ގިނައިން ހަށިގަނޑަށް ކާން ޖައްސުވާކަމެވެ! ހަށިގަނޑު ކާން ބޭނުންވަނީ ގޮހޮރުގެ ތިންބައިކުޅަ އެއް ބައަށެވެ! އެއީ ހަށިގަނޑަށް އެންމެ ފައިދާހުރި މިންވަރެވެ! ގޮހޮރު ކާން އެދެނީ އެވަރަށެވެ. ދެން ބޭނުންވަނީ ތިންބައިން އަނެއް ބައަށް ފެންބޯށެވެ! އަނެއްބައި ހުހަށް ބާއްވާށެވެ! އެއީ ނޭވާލުމަށްޓަކައި ހިތާއި ފުއްޕާމޭ އެކަމަށް ބާއްވާށެވެ! ކާންވީ މިންތައް މިފަދައިން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. އިންސާނާއަށް އެންމެ ފައިދާކުރާނީ އެވަރަށް ކައިގެން ކަމަށްވާތީއެވެ. 

ނަމަވެސް ކާން އިށީނދެފައި ގޮހޮރު ބޭނުންވާ މިންވަރަށްވެސް އަދި ހިތާއި ފުއްޕާމޭ ބޭނުންވާ މިންވަރަށް ވެސް ނުބަލައެވެ. ގޮހޮރު ފުރާލައި މަތިން އަރާވަރަށްވެސް ކަނީއެވެ. ކައިނިމިގެން ފަސޭހައިން ނުތެދުވެވޭ ވަރަށްވެސް ކައި އިސްރާފްކުރަނީއެވެ! އެވަރަށް ނުކާން ﷲ ތަޢާލާ އަންގަވައި ވަޙީ ކުރައްވަވާފައިވާއިރުވެސްމެއެވެ. އިސްރާފްވާވަރަށް ކާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނަވާ ކަމަށް ވަޙީކުރައްވަވާފައި އޮތް އިރުގައިވެސްމެއެވެ.

"...ތިއަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފް ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފް ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ." (އަލްއައްރާފް: 31)

މިއާޔަތުގައި އެވަނީ ހަމައެކަނި ކައްކަކައްކާފައި އުކުމުގެ ވާހަކައެއް ނޫނެވެ! ހަށިގަނޑަށް ބޭނުން ނުވާ ވަރަށް ކެއުންވެސް އެއީ ކުރެވޭ އިސްރާފަކަށް ނޫނީ ނުވާނެއެވެ! ވީމާ ޞިއްޙީ ދުޅަހެޔޮކަމަށް އެދޭ މީހާ މިއާޔަތަށް ޢަމަލުކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުންވެސް ލިބޭނެއެވެ! ޞިއްޙީ ދުޅަހެޔޮކަންވެސް ލިބޭނެއެވެ! 

ހަށިގަނޑަށް ބޭނުންވާ މިންތަކަށް ކާންވީ ޑައިޓީޝިއަނުން ވަކިވަރަކަށް ކާން ބުނުމަކުން ނޫނެވެ!  ޑައިޓިޝިއަނުންނަށް ވެސް ކަންކަން އަންގަވައި ދެއްވެވި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށެވެ! ބޭނުންވާ ދުޅަހެޔޮކަމާއި ލޫޅާފަތިކަން ވެސް ލިބޭނީ އެއިރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން