ތަނަވަސްކަން ގެންދެވުމުން ސުވަރުގެ ވަނުމުގެ ފުރުޞަތު ފަހިވި މީހެއްގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތަނަވަސްކަން ގެންދެވުމުން ސުވަރުގެ ވަނުމުގެ ފުރުޞަތު ފަހިވި މީހެއްގެ ވާހަކަ

"އޭނާއަކީ ކުރިން ވަރަށް ތަނަވަސްކަމުގައި އުޅުނު މީހެކެވެ. އެއިރު އޭނާއަކީ އަހަރަކު 3، 4 މީހުންނާއި ކައިވެނިކުރަމުން ދިއަ މީހެކެވެ. އެއިގެ އިތުރުން ފާހިޝް އަމަލުތައް ކުރުމުގައިވެސް ހުރީ ހައްދުފަހަނައަޅައިފައެވެ. 

އޭނާއަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމަކީ ދުވަހަކުވެސް އަތުން ބީވެގެން ނުދާނެ އެއްޗެއްކަމަށް ބަލައި ޣާފިލުވެގެން ހުއްޓައި ޖެހުނީ ސްޓްރޯކެކެވެ. ވަރަށް ސީރިއަސް ޙާލަތުގައި މަސްތަކެއް ފާއިތުވެ ހޮސްޕިޓަލުން ނުކުމެވޭވަރުވީއިރު އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ހޮސްޕިޓަލް ބިލް ދެއްކޭނެ ވަރުވެސް އަތަކު ނެތެވެ! 

ރަޙްމަތްތެރިންގެ އެހީގައި އޭނާ ގެއަށް ދިއައެވެ. ހިނގައި އުޅެވެނީ އަސައެއްގެ އެހީގައެވެ. ފަހުން ދިރިއުޅެން ކުރި މަސައްކަތަކީ މަގުމަތީގައި ހިނގައި އެއްޗެތި ވިއްކުމެވެ!" 

އޭނާގެ ޙާލަތު ދިރާސާކުރި މީހަކު ބުންޏެވެ! "އޭނާއަށް އެ ލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟ މުޅި ދިރިއުޅުން ބަނގުރޫޓުވީއެވެ! ފަޤީރުވީއެވެ!" 

ދެވަނަ މީހާ ބުންޏެވެ! "ނޫނެކެވެ! އެއްގޮތަކަށްވެސް ތިއަގޮތަށް ނުވިސްނާށެވެ! އެއީ އޭނާއަށް ﷲ ތަޢާލާ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ. އޭނާ ކުރަމުން ދިއަ ފާފަތަކުން އޭނާއަށް ސަލާމަތް އެވެވުނީ އޭނާގެ ޙާލަތު އެގޮތަށް ބަދަލުކުރެއްވެވުމުންނެވެ! މިހާރު އޭނާއަށް އެވަނީ ތައުބާވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދެއްވަވައިފައެވެ! އެކި މީހުންނަށް ރަހްމަތް ލައްވަވާނީ އެކި ގޮތުންނެވެ. ވީއިރު މިއީ އޭނާއަށް ލެއްވެވި ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ﷲ ތަޢާލާ އޭނާއަށް ދެއްވެވި ތަނަވަސްކަން އަނބުރާ ގެންދެވުމުން މިހާރު އޭނާއަށް އެވަނީ ތައުބާވެ ހެޔޮ އަމަލުތައްކޮށް ސުވަރުގެ ވަނުމުގެ ފުރުޞަތު ފަހިވެފައެވެ. އެންމެ ބޮޑު ރަޙްމަތަކީ އެއީ ނޫން ހެއްޔެވެ؟" 

ކަން އޮތް ގޮތަކީ މިއީއެވެ. ވީމާ އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެއީ އެމީހަކަށް ކުރިމަތިކުރެއްވެވި މުޞީބާތެއް ކަމަށް ދެކެގެން ނުވާނެއެވެ! އެކަމުގައި ފޮރުވިފައިވާ އެތައް ރަޙްމަތެއް އޮންނާނެ ކަމަށް ޔަޤީންކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން