ފަސޭހަކަމާއެކު އަމިއްލަ ގޭތެރެއިން އަތުގަ ޖެހެން ހުރި ޘަވާބު ލިބި ނުގަނެ މާކުދި ޘަވާބު ހޯދަން މާބުރަ މަސައްކަތް ކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފަސޭހަކަމާއެކު އަމިއްލަ ގޭތެރެއިން އަތުގަ ޖެހެން ހުރި ޘަވާބު ލިބި ނުގަނެ މާކުދި ޘަވާބު ހޯދަން މާބުރަ މަސައްކަތް ކުރަނީ ކީއްވެ؟

ތިމާގެ އަމިއްލަ ދިރިއުޅުމަށްޓަކައިވެސް ކޮންމެހެން ކުރަން ޖެހޭ ކަންކަން ކޮށްލުމުން މާގިނަ ޘަވާބު ލިބެން އޮތްއިރުވެސް ނުކޮށް ބަހައްޓާފައި މާއުނދަގޫ ކަންކަން ކޮށްގެން ޘަވާބު ހޯދަން އުޅެވެނީ ކީއްވެހެއްޔެވެ؟ 

ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ! "--- ފަހެ، ﷲ އަށް ތިއަބައިމީހުން ތަޤްވާވެރިވާށެވެ! އަދި ތިއަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙް ކުރާށެވެ! އަދި ތިއަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންވާށެވެ!" (އަލްޢަންފާލް: 1) 

މިއާޔަތުގައި މިވަނީ ރަޙިމުގެ ގުޅުމާއި މުސްލިމުންގެ މެދުގައި ދަމަހައްޓަންޖެހޭ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކައެވެ. ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުގައި ވަނީ އެކަންކަން ކުރުމަކީ ސުންނަތް ރޯދަ ހިފުމާއި މުޅި ރޭގަނޑު ހޭލައި އިނދެ ރޭއަޅުކަންކުރުމަށްވުރެވެސް މާ ގިނަ ޘަވާބު ލިބިގެންދާނެ ކަމެއްކަމަށެވެ. 

ވީމާ އަހަރެންގެ އިލްތިމާސަކީ ޘަވާބު ހޯދަން މަސައްކަތްކުރުމުގައިވެސް އެންމެ ލުއިފަސޭހަކަމާއިއެކު ފަށައިގަތުމެވެ. އަމިއްލަ ގޭތެރެއިން ފަށައިގަތުމެވެ. "މަރާމާތުކުރަން" ޖެހިފައިވާ ގުޅުންތައް އަވަހަށް މަރާމާތުކޮށް ރަނގަޅުކޮށްލާށެވެ. އެންމެ ފުރަތަމަ ގޭތެރެއިންނެވެ. އެއަށްފަހު އެންމެންނާއިމެދުގައިވެސް މެއެވެ. 

ސުންނަތް ރޯދަތައްވެސް ހިފާށެވެ! ރޭއަޅުކަންވެސް ކުރާށެވެ! ނަމަވެސް ފުރަތަމަ ކަމަކަށް ރަޙިމުގެ ގުޅުން ވަރުގަދަކޮށް އެހެން މީހުންނާއިއެކުވެސް ބާއްވާ ގުޅުންތައް ބަދަހިކޮށްލަން މިބުނަނީ އެކަން ކުރުމުން ލިބިގެންދާ ގިނަގުނަ ޘަވާބުގެ އިތުރުން ސިކުނޑިއަށް ލުއިވެ، ދެންކުރާ ކަންކަން އެންމެ ފުރިހަމަ ގޮތުގަ ކުރަން ވިސްނަން ފުރުޞަތުވެސް ފަހިވެގެންދާނެތީއެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން