ކެތްތެރިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ސިފައެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީވެސް ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައި ކަމަށެވެ. ވީމާ ކެތްތެރިކަން ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ.
އެހެންކަމާއިއެކު ވެސް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެ މުޞީބާތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމަށެވެ. މީގެމާނައަކީ މުޞީބާތެއް ކުރިމަތި ކުރައްވަވައިފިނަމަ އެކަމަކުން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރަންޖެހޭނެ ކަމެވެ. އޮތީ ހަމައެކަނި ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރުން ނޫން ކަމެވެ.
އަދި މުޢާޛްބިން ޖަބަލު (ޜޢ)ގެ އަރިއަހުން ރިވާވެގެންވަނީ މުޞީބާތަށް ކެތްތެރިވުމުގެ ބާރު ދެއްވެވުން އެދި ދުޢާކުރުމުގެ ބަދަލުގައި މުޞީބާތުން ސަލާމަތްކޮށްދެއްވެވުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވި ކަމަށެވެ!
ނަމަވެސް މިކަން ނުއެނގި ތިބެ ނަމަވެސް ބައެއް މީހުންނަށް ހަމައެކަނި ކެތްތެރިކަން ދެއްވެވުން އެދި ދުޢާ ކުރެވެއެވެ! ވީމާ މިއީ އިޞްލާހްކޮށްލަން ޖެހިފައިވާ ކަމެކެވެ. މިސާލަކަށް ބުނާނަމަ ދެމަފިރިއެއްގެ މައްސަލައެވެ. އަނބިމީހާއަށް ކެތްނުކުރެވޭ ވަރަށް ހތާމަތަކާ އަނިޔާ ލިބެމުން ދަނީއެވެ. އެހެންކަމަށްވާނަމަ އެވޭންތަކަށް ކެތްތެރިވުމުގެ ބާރު ދެއްވެވުން އެދި ދުޢާކުރުމުގެ ބަދަލުގައި ދުޢާކުރަންވީ އެ ޙާލަތުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ.
އެއިރުން އޮންނާނީ ދެގޮތެކެވެ! މައްސަލަ ޙައްލުވެ ލިބެމުންދާ އަނިޔާ ނުލިބޭނެ ގޮތް މިންވަރުކޮސް ދެއްވެވުމެވެ. ނުވަތަ ކައިވެނި ރޫޅި ލިބެމުން ދިއަ އަނިޔާއިން ސަލާމަތްކުރައްވަވައި ދެއްވެވުމެވެ. ވީމާ އަނިޔާ ލިބިގެންވާ ޙާލު ނުވަތަ މުޞީބާތުގެ ވަގުތުތަކުގައި ދުޢާކުރާއިރު މިކަންކަމަށް ވިސްނަންވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން