އިސްލާމްދީން ފެތުރޭތީ ރުޅިއަންނަ ނަމަ "ރުޅިއައިސްގެން މަރުވާށެވެ!": ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އިސްލާމްދީން ފެތުރޭތީ ރުޅިއަންނަ ނަމަ "ރުޅިއައިސްގެން މަރުވާށެވެ!": ޤުރްއާން

މުސްލިމުން މުސްލިމުންގެ ގޮތުގައި ކުރިއަރައިދާތީ އާއި ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމް ދީން ކަމަށްވުމުން އެކަމަށް ރުޅިއައިސް ހަސަދަވެރިވާ މީހުންނަށް ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ "ތިއަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ!" 

މާނައަކީ އިސްލާމް ދީން ކުރިއަރައިގެން ދާނެ ކަމެވެ. އެކަން ނުހުއްޓުވޭނެ ކަމެވެ. ﷲ ތަޢާލާ އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެ ކަމެވެ. ދީން ފަތުރުއްވަވާނެ ކަމެވެ! އަދި އެކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިން ކެނޑިނޭޅި ކޮންމެ ދުވަހަކު އެތައް މިލިއަން ޙަމަލާތަކެއް އިސްލާމް ދީނަށް ދެމުން ގެންދާއިރުވެސް އިސްލާމް ދީން އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމް ދީނަށް އެންމެ ގިނައިން ހަމަލާދޭ ޤައުމުތަކުގައިކަމަށްވުމުންނެވެ. 

"ތިއަބައިމީހުން، އެއުރެންދެކެ ތިއަ ލޯބިވަނީއެވެ. ތިއަބައިމީހުން، ހުރިހައި ފޮތަކަށް އީމާން ވެގެން ތިބޭއިރުވެސް، އެއުރެން ތިއަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިއަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާންވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިއަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، ﷲ އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 119)

މިއާޔަތުގެ ފުރަތަމަ ބައިގައި އެވަނީ މިއަދުގެ މުސްލިމުންގެ އެންމެ ގިނަ ބައެއްގެ އެންމެ ބަލިފައެވެ. "ތިއަބައިމީހުން، އެއުރެންދެކެ ތިއަ ލޯބިވަނީއެވެ. ތިއަބައިމީހުން، ހުރިހައި ފޮތަކަށް އީމާން ވެގެން ތިބޭއިރުވެސް، އެއުރެން ތިއަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ." 

މުސްލިމުންގެ ތެރެއިން ބައަކަށް ހީވެފައި އޮންނަނީ މުސްލިމުންގެ ޢަދާވާތްތެރިންނަށް ލޯބިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެމީހުން ދެކެ ލޯބިވާކަށް ނުޖެހެއެވެ. މުސްލިމުން ލޯބިވާންޖެހޭނީ މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބުމަށް ރުހި ޤަބޫލުވާ މީހުން ދެކެއެވެ. މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރަން މަސައްކަތްނުކުރާ މީހުން ދެކެއެވެ. މުސްލިމުންނަށް އިޙްތިރާމްކުރާ މީހުން ދެކެއެވެ. 

"އަދި، އެއުރެން ތިއަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާންވެއްޖައީމުއޭ ބުނެތެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިއަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ!" 

މިއީ މުސްލިމުން ދެކެ ލޯބިވާކަމަށް ހެދިގެން މުސްލިމުން ނެތިކޮށްލަން މަސައްކަތްކުރާ މީހުންގެ ޙާލެވެ. ސުވާލެއް ކޮށްފިނަމަ ތިމަންމެންނަކީ މުސްލިމުން ކަމަށްވެސް ބުނާނެއެވެ. ތިމންމެން މި މަސައްކަތްކުރަނީ މުޖުތަމައު އިޞްލާޙްކުރަން ކަމަށްވެސް ބުނާނެއެވެ. ނަމަވެސް އެއިރު އެމީހުން ތިބޭނީ ރުޅި އައިސް އެރުޅީގެ ސަބަބުން ކުދކުދިވާ ޙާލުގައެވެ! " މުސްލިމުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެގެން"ނެވެ. 

އެފަދަ މީހުންނަށް ﷲ ވަހީ ކުރައްވަވާފައި އެވަނީ "ތިއަބައިމީހުން ރުޅިއައިސްގެން މަރުވުމަށެވެ!" 

މާތް ﷲ މުސްލިމުންނަށް ނަބްރުދެއްވަވާށި! އީމާންކަމުގައި ސާބިތުވެތިބުމުގެ ތައުފީޤް މިންވަރުކޮށްދެއްވަވާށި!" އާމީން

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން