އިންސާނުންގެ އެންމެ ބޮޑި ބަލިފައަކީ ކަންބޮޑުވެ މުޞީބާތްތައް ގިނަވާވަރަކަށް ﷲ ތަޢާލާ އާއި ދުރަށް ޖެހެވޭ ކަމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ ދަތިތައް އިތުރުވާ ވަރަކަށް އެކަލާނގެ ޢާއި ކުތަންވުމަށެވެ. ނަމަވެސް އިންސާނުންނަށް ކިރިޔާ ދަތިކަމެއް ކުރިމަތިވި ނަމަވެސް ފުރަތަމަ ކަމަކަށް ހަނދުމަނެތިކޮށްލެވެނީ ﷲ ތަޢާލާއެވެ!
ނިކަން ވިސްނައިލަބަލާށެވެ! "މޫޑް" ގޯސްވުން ބަހަނާއަކަށް ދައްކައި އެބަ ނަމާދު އަޅަމުއެވެ! ކުރިމަތިވާ ކޮންމެ ޙާލަތެއް މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަމާއި އެއީ އިމްތިޙާން ކުރެއްވެވުމެއްކަން ރަނގަޅަށް އެނގޭއިރުވެސްމެއެވެ.
އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ކޮރޯނާ ވައިރަސް އާއި ގުޅިގެން މާޔޫސްވި ގިނަ މީހުންނަކީވެސް ކުރިން ވަރަށް އުފަލުގައި އުޅުނު މީހުންނެވެ. ކުރިންވެސް ދަތިޙާލުގައި އުޅުނު މީހުންނަށް އެކަން މާބޮޑުކަމަކަށް ނުވިއެވެ. އެއްވެސް ކަމެއް ވީކަމަކަށްވެސް އެމީހުންނަށް ޤަބޫލުވެސް ނުކުރެވޭ ފަދައެވެ.
މީސްތަކުންނޭވެ! ކުރިމަތިވެފައިވަނީ ކިތަންމެ ބޮޑު ހިތްދަތިކަމެއް އަދި ތަކްލީފެއް ނަމަވެސް "މޫޑް" ގޯސްނުކުރާށެވެ! ނަމާދާއި ދުރުހެލިވެ ﷲ ތަޢާލާގެމަތިން ހަނދުމަނެތިކޮށްނުލާށެވެ! އަތްތައް އުފުލާށެވެ! ދުޢާކުރާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވުމަށް އެދޭށެވެ! ﷲ ތަޢާލާ ތިބާގެ ޙާލަތު އުފާވެރިކަމާ ހިނިތުންވުމަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
ބިރުވެތިވާށެވެ! އެދުވަހުގެ "މޫޑް" އާއި ގުޅުވައިގެން ނަމާދު އަޅާނަމަ އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއެއް ނޫނެވެ! އެކަމުގެ ސަބަބުން އެމީހާގެ މޫޑް ދުވަހަކުވެސް ރަނގަޅުނުވެދާނެ ކަމަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެން ހުންނަ މީހަކު ދުވަހަކު ނަމާދު އަޅަން އެއްވެސް ބަހަނާއެއް ނުދައްކާނެއެވެ! ނަމާދުކުރާނެއެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން