ދަރިފުޅު ސިއްސުވާލި މަންމަގެ ފަހުގެ ވަޞިއްޔަތް! ހަމަ ކޮންމެ މީހަކަށް ޢިބްރަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރިފުޅު ސިއްސުވާލި މަންމަގެ ފަހުގެ ވަޞިއްޔަތް! ހަމަ ކޮންމެ މީހަކަށް ޢިބްރަތެއް!

އޭނާއަކީ ތަނަވަސްކަން ލިބިގެންވާ މީހެކެވެ. ބައްޕަ ނިޔާވުމުން ފުރަތަމަކަމަކަށްވެސް ކުރިކަމަކީ މަންމަ ގެންގޮސް މުސްކުޅިން ބަލަހައްޓައިދޭ ގެއަކަށް ލުމެވެ. 

އެތަނަށްލުމަށްފަހު ހަފްތާއަކު ދެ ތިން ފަހަރު ގޮސް މަންމަގެ ޙާލުވެސް ބަލައި ހަދަމުން ދަނިކޮށް އެއް ދުވަހަކު އެތަނުން ފޯނުކޮށްފައި ބުނީ މަންމަ ވަރަށް ބަލި ކަމަށާއި ދެކެން ވަރަށް އަވަހަށް އައުމަށެވެ. 

ބައްދަލުވުމުން މަންމަ ހިނިތުންވެލާފައި ބުންޏެވެ! 

"ދަރިފުޅާއެވެ. މިއީ މަންމަގެ އެންމެ ފަހު ބަސްކޮޅު ކަމަށްވެސް ވެދާނެއެވެ. މި ވަޞިއްޔަތް ޤަބޫލުކުރާށެވެ! މިތަނުގެ ފަންކާތައް ހަލާކުވެފައި ހުންނާތީ ވަރަށް ހޫނު ގަދައެވެ! މިތަނަށް ފަންކާ ގަނެދޭށެވެ! އަދި މިތަނަށް ފްރިޖްވެސް ގަނެދޭށެވެ! އެއިރުން މިތަނުގަ ތިބޭ މީހުންނަށް ދޭ ކާއެތިކޮޅު ކުނިވިއަ ނުދީ އެއިގައި ބަހައްޓައިގެން ކިރިޔާ ފުދޭވަރަށް ކާނެއެވެ. މަންމަ ގިނަ ރޭތަކުގައި ނިދީ ކާނެ އެއްޗެއް ނުލިބިގެން ނުކައި ހައިހޫނުކަމުގައެވެ." 

ސިއްސައިގެން ގޮސްފައި ދަރިފުޅު ބުންޏެވެ! 

"މަންމާއެވެ! މިހައި ދުވަސްވީއިރުވެސް ތިއަ ފަދަ އެއްވެސް ވާހަކައެއް ނުބުނެފައި މިވަގުތު ތިއަބުނީ ކީއްވެގެންހެއްޔެވެ؟"

ޖަވާބުގައި މަންމަ ބުންޏެވެ!

"ދަރިފުޅާއެވެ.! މަންމަ މިގަދަ ހޫނުގައިވެސް ކެތްކޮށްފީމެވެ. ނުކައި ހައިހޫނުކަމުގައިވެސް ކެތްކޮށްފީމެވެ. މި ވަޞިއްޔަތް މިކުރީ ދަރިފުޅު މުސްކުޅިވާދުވަހު ދަރިފުޅުގެ ދަރިން މިފަދަ ތަނަކަށް ގެނެސް ދަރިފުޅު އެއްލައިލުމުން މި އަނިޔާތައް ދަރިފުޅަށް ލިބެން މަންމަ ބޭނުންނުވާތީއެވެ!"

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާގެ މަންމަ ބަލަނީ ތިމާކަމަށްވާތީ މި ވަޞިއްޔަތުގައި ޢިބްރަތެއް ނެތްކަމަށް ހީނުކުރާށެވެ! ތިމާގެ އަމިއްލަ ޙާލަތާއި އެއްގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅަށް މައިންބަފައިންނަށް ކަންކަން ނުކުރެވޭ އެންމެންނަށް މިވާހަކައިގައި ޢިބްރަތެއްވެއެވެ. 

ވަރަށް މަދުން ނޫނީ މައިން ބަފައިން އަބަދު ޝަކުވާއެއް ނުކުރާނެއެވެ! ވިސްނަންވީ ކަމަކީ ތިބާގެ ދަރިން ތިބާ އާއިމެދު ކަންކަން ކުރާނީ ތިބާ، ތިބާގެ މައިންބަފައިންނާއިމެދު ކަންކަން ކުރާ ގޮތަކަށް ކަމެވެ. މައިންބަފައިންނަށް ލޯބިދީ އަޅާލައި އެހީތެރިވުމަކީ ތިމާއަށް ސވަރުގެ ވަދެވެން އޮތް މަގެއް ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން