އިސްލާމް ދީނުގެ ފެށުމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ޖަވާބަކީ އިސްލާމް ދީނުގެ ފެށުމަކީ ޖިބްރީލްގެފާނު ރަސޫލް (ޞޢވ) ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށް ވަޙީ އާއިގެން ވަޑައިގެން "އަލްޢަލަޤް" ސޫރަތް ބާވައިލެއްވެވުމެވެ.
ނަމަވެސް މީސްތަކުންގެ މެދުގައި އިސްލާމްދީން ފެށިގެން އައީ އަންހެން ބޭކަނބަލަކު ވަރަށް ލޯބިން، ވަރަށް އޯގާތެރިކަމާއިއެކު "އަހުރެން ތިބާއަށް އިތުބާރުކުރަމެވެ! އަހުރެން މިހުރީ ތިބާ އާއިއެކުގައި" ކަމަށް ވިދާޅުވުމެވެ. އެހެނީ އެހެނީ އިސްލާމް ދީން މިބިންމަތީގައި ފެށިގެން އައީ އިސްލާމް ދީނަށް 2 ހަމަވުމުންނެވެ. 2 ހަމަވީ އެކަމަނާ އެހެން ވިދާޅުވުމުންނެވެ. ރަސޫލް (ޞޢވ) ގެ ރަސޫލްކަން ޤަބޫލްފުޅުކުރެއްވެވުމުންނެވެ.
މިދައްކަނީ ރަސޫލް (ޞޢވ) އަށް ފުރަތަމަ ވަޙީ ބާވައިލެއްވެވުމުން އެކަމުގެ ވާހަކަ ޚަދީޖަތުގެފާނަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވުމުން އެކަމަނާ އިތުރު އެއްވެސް ސުވާލެއް ނުކުރައްވަވައި އެކަން ޤަބޫލުކުރައްވަވައި އިސްލާމްވެވަޑައިގެންނެވިވާހަކައެވެ. ރަސޫލް (ޞޢވ) ހިތްވަރުފުޅު ދެއްވެވި ވާހަކައެވެ. އެންމެ ފުރަތަމަ އިސްލާމްކަން ޤަބޫލުފުޅު ކުރެއްވެވި ބޭކަނބަލަކަށް އެކަމަނާ ވެވަޑައިގެންނެވި ވާހަކައެވެ. ރަސޫލް (ޞޢވ)ގެ ފަހަތްޕުޅުން ފުރަތަމަ އިސްލާމްވެވަޑައިގަތީ އެކަމަނާކަމުގެ ވާހަކައެވެ.
ހަމައެއާއިއެކު މިއުނަމަތުގެ މައިކަމަނާކަމުގެ ޝަރަފް ލިބިަޑައިގެންފައިވަނީ ޢައިޝަތުގެފާނަށެވެ. އިސްލާމް ދީނުގެ ކަންތައްތައް މީސްތަކުންނަށް ފުރިހަމައަށް އެނގިގެން އައީ އެކަމަނާގެ ސަބަބުންނެވެ.
އިސްލާމް ދީނުގައި މިފަދަ މަތިވެރި މަޤާމެއް އަންހެނުންނަށް ދެވިފައިވަނިކޮށް އިސްލާމް ދީނުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތް ކަމަށާއި އިސްލާމް ދީނަކީ އަންހެނުން ނިކަމެތިކުރާ ދީނެއް ކަމަށް ބުނުމުން އެވާހަކަތައް ޤަބޫލުކުރާނީ ބުއްދި ސަލާމަތުން ހުރި ކާކުހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން