ފަނަރަ އަހަރު ކުރިން "ޝަހީދުވި" ކަމަށް ޤަބޫލުކުރެވިފައިވާ ބޭބެ އާ މިނާގަ ބައްދަލުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފަނަރަ އަހަރު ކުރިން "ޝަހީދުވި" ކަމަށް ޤަބޫލުކުރެވިފައިވާ ބޭބެ އާ މިނާގަ ބައްދަލުވުން!

"އެއީ މީގެ 3 އަހަރުކުރިން މިނާގައެވެ. ޓެންޓުގައި އިންދާ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިން ފިރިހެނަކު ފެނުމުން ސަމާލުކަން ދެވުނެވެ. ކަޅިޖަހާވެސް ނުލައި ބެލުނެވެ. އެއީ އެއިގެ 15 އަަހރުކުރިން މަރުވެފައިވާ އަހަރެންގެ ބޭބެއާ ހަމަ ވައްތަރުކަމުންނެވެ. ހިތަށް އެރިއެވެ. އެއީ ހަމަ އަހަރެންގެ ބޭބެއެވެ. މަރުވުމަށްފަހު ދިރުނީ ކިހިނަކުން ހެއްޔެވެ؟ 

އަހަރެމެން ނިޞްބަތްވަނީ ފަލަސްޠީނަށެވެ. އެއީ ހަނގުރާމަ ވަރަށް ގަދަ ދުވަސްވަރެކެވެ. ހަނގުރާމައިގެތެރޭގައި ބޭބެ ގެއްލުނީއެވެ. ބޭބެ އާއިއެކު އުޅުނު މީހުން ބުނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބޭބެ ޝަހީދުކޮށްލައިފި ކަމަށެވެ. ހަށިގަނޑުވެސް ނުދިން ކަމަށެވެ. އެހިސާބުން އަހަރެމެން މިތިބީ ބޭބެ މަރުވެއްޖެ ކަމަށް ބަލައިގެންނެވެ. 

ކޮންމެ އަކަސް ބޭބެ އާއި ހަމަ ވައްތަރުކަމުން ގާތަށް ގޮސް އޭނާގެ ވަނަވަރު އޮޅުންފިލުވީމެވެ. ބުނީ އޭނާއަކީ ފަލަސްޠީނުގެ ރައްޔިތެއް ކަމަށެވެ. ބުޝްރާ ކިޔާ ކޮއްކޮއެއްވެސް ހުންނާނެ ކަމަށެވެ. އެއިރުވެސް ބޭބެއަށް އަހަރެން ފާހަގަކުރާކަށް ނުއެނގެއެވެ. 

އެ ހިސާބުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ބޭބެގައިގައި އޮޅުލައިގަނެފައި ރޯންފެށީމެވެ. އެތައް އިރަކު ރުއިމަށްފަހު ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ތިއައީ އަހަރެންގެ ބޭބެ ސަމީރު ކަމަށްވެސް ބުނީމެވެ. އެހިސާބުން ބޭބެއަކަށްވެސް ކެތެއް ނުކުރެވުނެވެ. ބައްދައި އޮޅުލައިގަނެވިއްޖެއެވެ. 15 އަހަރުފަހުން ބޭބެ އަލުން ދިރިގެން އައީ ކަމަށް ވެސް ޤަބޫލުކުރެވުނެވެ. 

ބޭބެއަށް ވީގޮތަކީ ހަނގުރާމައިގެތެރޭގައި ފިލުނީއެވެ. ފިލައިގެން އުޅުމުގެތެރޭގައި "މާދުރު" ޤައުމަކަށް ދެވުނީއެވެ. އެހިސާބުން ބޭބެއަށްވެސް އަހަރެމެން ގެއްލުނީއެވެ. ވީނުވީއެއް ނުއެނގި އަހަރުތައް ފާއިއތުވެގެން ދިއައީއެވެ. އެ އަހަރުގެ ޙައްޖުވެގެން ދިއައީ ޢާއިލާ އަލުން ގުޅިގެން ދިއަ ޙައްޖަކަށެވެ! ޙައްޖު ވެވުމުގެ އުފަލުގެ އިތުރުން ކޮންފަދަ ބޮޑު އުފަލެއް ހެއްޔެވެ؟ 

ގެއްލެން ހުރި އެއްޗެއް ގެއްލޭނެއެވެ. އަނބުރައި ދެއްވަވަން ހުރި އެއްޗެއް ކިތަންމެ ގިނަ ދުވަހަކަށްފަހުގައިވެސް އެކަމުގެ ވަގުތު ޖެހުމުން ދެއްވަވާނެއެވެ. އަހަރެމެން އީމާންވެގެން މިތިބީ އެކަމަށެވެ!" 

- މިއީ ފަލަސްޠީނަށް ނިޞްބަތްވާ ބުޝްރާ 2017 ވަނަ އަހަރު މިނާގައި މީޑިއާތަކަށް ދީފައިވާ ބަޔާނެއްގެ ޚުލާޞާއެކެވެ.

މިއަދު އޮންލައިން