ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ މި ޓެސްޓުން ފާސްވުން ކިތަންމެހައިވެސް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭމީހާ މި ޓެސްޓުން ފާސްވުން ކިތަންމެހައިވެސް މުހިންމު!

އެކަމަކުން ތިމާއަށް އެއްގޮތަކަށްވެސް އަރައި ނުގަނެވޭނެ ކަމަށް ޤަބޫލުކޮށްގެންހުރި ކިތައް ކަންތަކުން މިހައިތަނަށް އަރައިގަނެވިފައިވައި ހެއްޔެވެ؟ އެއިގެ މާނައަކީ ކޮންމެ މީހަކަށްވެސް މުޞީބާތްތައް ކުރިމަތިކުރައްވަޥާނެކަމާއި ވަގުތުޖެހުމުން އެކަންކަން ފިލުއްވަވައި ދެއްވަވާނެ ކަމެވެ. 

މިހައި ގިނަ ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާއިރުވެސް އަހަރެމެންނަށް މުއުޅެނީ ހަމަ އެންމެކުޑަމިނުން ﷲ ތަޢާލާދެކެ ލޯބިވެސް ނުވެވިގެންނެވެ. އެވަރުވެސްކޮށްނުލެވިގެންނެވެ. އެންމެ ކުޑަމިނުން އިންސާނަކު ދެކޭވަރަށް ވެސް ލޯބި ނުވެވިގެންނެވެ. 

އަހަރެމެން މީހަކު ދެކެ ލޯބިވާނަމަ، ނުވަތަ މީހަކަށް ރުހޭނަމަ އޭނާގެ ފޯނުކޯލުތަކަށް ޖަވާބު ދެމުއެވެ. އޭނާ ބުނާ ކަންކަން ކުރަމުއެވެ. އޭނާގެ ރަނގަޅުވާހަކަ އެހެން މީހުންގެ ގާތުގައި ދައްކަމުއެވެ. 

ވީއިރު ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ވެސް ހަމަ މިކަންކަން ކުރަން ޖެހެއެވެ. ފުރަތަމަކަމަކީ، ލޯބިވާ ނުވަތަ ރުހޭ މީހާގެ ފޯނުކޯލްތަކަށް ޖަވާބުދެވޭ ކަމެވެ! ﷲ ތަޢާލާގެ އެންގެވުންތައް އެވަނީ ކީރިތި ޤުރްއާނުގައެވެ. ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކުގައެވެ. ކިޔައި އަމަލުކުރަމުން ގެންދިއުމުން ނިމުނީއެވެ. އެއިރުން އެވަނީ އަމަލުން ޖަވާބުދެވިނިމިފައެވެ. 

ދެން މިބުނީ އެމީހާ (ލޯބިވާ މީހާ) ކުރަން ބުނާ ކަންތައްތައް ކުރާ ވާހަކައެވެ. ލޯބިވާ މީހަކު ކަމަކު ބުނެފިނަމަ އެތައް ރެއެއްގެ ނިދި ނަގާލައިގެންވެސް ނުކުރާނެ ކަމެއް އޮންނަކަމަކަށް ނުވެއެވެ. އެހައި ބުރަކޮށް ކުރާ މަސައްކަތުގެ އަގަށް ކުނިކުކުޅުބިހެއް ލިބެމުންދާއިރުވެސްމެއެވެ. އަތްލެވޭ ގޮތަކުން ބިސްތެޅި ތިމާގެ ގައިންނާއި މުޅި ސަރަހައްދުން ކުނިވަސްދުވާގޮތަށް ކަންތައް މެދުވެރިވަމުން އަންނައިރުވެސްމެއެވެ. 

ﷲ ތައާލާގެ އެންމެ ގަދަ އަމުރުފުޅަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި ނަމާދުކުރުމެވެ. ދީނުގެ ރުކުންތަކުގައި ސާބިތުވުމެވެ.

ކުރިން މިކިޔައިދިނީ ލޯބިވާ މީހުން ބުނާ ކަންކަން ކުރުމުން މެދުވެރިވާ ގޮތެވެ. ޔަޤީންކަމަކީ ﷲ ތަޢާލާ އެކަމެއް ކުރަން އެންގެވި އެއްވެސް ކަމެއް ކޮށްގެން އެއްވެސް މީހަކަށް އެއްވެސް ދެރައެއް ނުލިބޭނެ ކަމާއި ލިބެމުންދާނީ އިތުރު އުފާވެރިކަމާއި ކާމިޔާބީ އާއި ކުރިއެރުން ކަމެވެ. ދެދުނިޔޭގެ ބާއްޖަވވެރިކަން ކަމެވެ. 

ދެން ބުނެފައިވާނީ އެމީހަކު ލޯބިވާމީހާގެ ރަނގަޅު ވާހަކަ އެހެން މީހުންގެ ގާތުގައި ދެއްކުމުގެ ވާހަކައެވެ. މީހަކު ދެކެ ލޯބިވެއްޖެ ނަމަ އެމީހެއްގެ ރަނގަޅުކަމުގެ ވާހަކަ ހަދަހަދައިގެންވެސް ދައްކަމުއެވެ. ނުހުންނަ ސިފަތައް ހުންނަކމަށް ހަދައިގެންވެސް ވާހަކަދައްކަމުއެވެ. ހުންނަ ނުބައި ސިފަތައް ފޮރުވައި ނަތްކަމަށް ހަދައިގެންވެސް ވާހަކަދައްކަމުއެވެ. 

ﷲ ތަޢާލާ ދެކެ ލޯބިވާނަމަ ކުރަންވީ ހަމައެކަމެވެ. ހަމަ އެއްކަމެކެވެ. ވީހައި ގިނަބައެއްގެ ގާތުގައި ﷲ ތަޢާލާ މަތިވެރިކުރަންވީއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަމުގެ ވާހަކަ ދައްކަންވީއެވެ. މީސްތަކުންނާއި ވާހަކަދައްކާއިރުވެސް އަބަދުވެސް ވީހައި ގިނައިން ﷲ ތަޢާލާގެ ނަންފުޅު ގެންނަންވީއެވެ. ހަމަގައިމުވެސް އެނގޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރަން ދައްކަންޖެހޭ ވާހަކަތަކަކީ ޞައްޙަ ތެދުވާހަކަތައް ކަމެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ފުންކޮށްވިސްނާށެވެ! ތިބާއަށް ކެހިދެމުން ދުނިޔޭގައި އުޅޭ މީހުން ދެކެ ލޯބިވާވަރަށްވެސް ތިއައުޅެނީ ﷲ ތަޢާލާ ދެކެ ލޯބި ނުވެވިގެންނެވެ. އެހެންކަމަށްވާއިރު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާޢަށް ޙައްޤުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ ﷲ ތައާލާގެ ރަޙްމަތަށް އެދޭމީހާވެސް، ދުޢާ ޢިޖާބަކުރެއްވެވުމަށް އެދޭ މީހާވެސް މިކަންކަމަށް ވިސްނައި ﷲ ތަޢާލާއަށް ލޯބިވާ މިންވަރު އިތުރުކުރާށެވެ! ކާމިޔާބާ އުފާވެރިކަން ލިބުންވަނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން