ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމަށް ޓަކާ، މުއައްސަސާގެ ކަރާމަތާ ޝަރަފަށްޓަކާ ކޮންމެ ފުލުހަކު މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ހުޅުމާލޭގައި މިއަދު ހުޅުވި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ ޢިމްރާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ފުލުހުންގެ ތެރެއިން އެއްފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުން ކޮޅެއް ކުރާކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދިގެން ދިއުން އެއީ އަޅުގަނޑުމެން އެންމެން ހިތާމަކުރާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
" އަޅުގަނޑުމެން އެދެނީ ފުލުހުންނަކީ ރައްޔިތުން އެދޭފަދަ ޚިދުމަތެއްކުރާ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި، އިހުތިރާމް ލިބިގެންވާ ބަޔަކަށްވުން. " މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިިސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމަތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަންކަމަށެވެ.ފުރަތަމަ ސިފައަކީ އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަނަވަސްކަންކަމަށެވެ. އަދި ދެވަނަ ސިފައަކީ ފުދުންތެރިކަމާއި އަމާންކަންކަމަށެވެ. މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރުވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ސަރުކާރުން ފުލުހުންނާމެދު ކުރާ އުއްމީދު ބޮޑުކަމަށާއި، ފުލުހުންގެ ވަޞީލަތްތައް ޤާއިމްކުރަން ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް ބަލައިގަންނަވާ ކަމަށާއި، މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީވެސް އޭގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިސަރުކާރުން ފުލުހުންނާމެދު ވަރަށް މަތީ އުއްމީދުތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް، ފުލުހުންނަށް ޤާއިމްކޮށްދޭންޖެހޭ ވަޞީލަތްތައް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރަމުން ގެންދަވާކަމަށެވެ.
ހުޅުމާލޭގައި ފުލުހުންގެ މިފަދަ ފުރިހަމަ ސްޓޭޝަނެއް އިމާރާތް ކުރެވިގެން ދިއުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.ހުޅުމާލޭގެ އާބާދީ އިތުރުވެ، ޚިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެފައިވާތީ ހުޅުމާލޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ރައްޔިތުންނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޚިދުމަތް ދިނުންދިވެހި ފުލުހުންގެ މަސައްކަތް މުސްތަޤިއްލި ވަކި މުއްސަސާއެއްގެ ގޮތުގައި ކުރިއަށް ގެންދާތާ 16 އަހަރު ފުރުމަކީ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ، އެމަނިކުފާން ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ދަންނަވާފައެވެ.