ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން، އެ ރަށުގައި ވިޔަފާރި ކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމްގައި، މިހާރަކަށް އައިސް ވިޔަފާރިކޮށް، ފައިސާ އެކައުންޓަށް ޖަމާކުރާއިރު ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް ހިނގަމުންދާތީ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ފިހާރަތުން މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކާނަމަ ސައްހަ އެކައުންޓުތޯއާއި ސައްހަ ސްލިޕެއްތޯ ޔަގީންކުރުމާއި ފައިސާ ޖަމާވިކަން ޔަގީންކުރުމަށް ފަހު ތަކެތި ދޫކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާހޯދުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތުދީ އެފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް މައުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން ވިޔަފާރިކުރާ ތަނުގެ ސަލާމަތާއި ރައްކާތރެިކަން ހުރި މިންވަރުބަލައި އިތުރަަށް ރަނގަޅު ކުރަންހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓިވީ ކެމެރާ ހަަރުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.