ލީބިޔާގެ ކުރީގެ ރައީސް ކާނަލް މުއައްމަރުލްޣައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް އާއި ޣައްޒާފީގެ އަރިސް 7 މީހަކަށް މަރުގެ އަދަބު ދިނުމަށް ޓްރިޕޮލީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
މިއެންމެންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ޙުކުމްކުރީ 2011 ވަނަ އަހަރު، ޣައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ ހިންގި ހަރަކާތްތަކުގެ ބައިވެރިންނަށް ހަމަލާދީ ގިނަ ބައަކު މަރާފައިވާ މައްސަލައިގައެވެ.
މަރުގަ އަދަބު ދިނުމަށް ޙުކުމްކުރި މީހުންގެ ތެރޭގައި ޣައްޒާފީގެ އިންޓެލިޖެންސް ޗީފް ޢަބްދުﷲ އާއި ބޮޑުވަޒީރު އަލްމަހްމޫދީ އާއި ޗީފް އިންވެސްޓިގޭޓަރ ޞާދިޤް ހިމެނެއެވެ.
ސައިފުގެ މައްޗަށް ޙުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގައެވެ. އެއީ ސައިފު ހައްޔަރުކޮށްފައިވާ ޖަލުހުރީ ޓްރިޕޮލީ ސަރަހައްދުގައި ކުރާ ވެރިކަމުގެ ބާރު ނުފޯރުވޭ ސަރަހައްދެއްގައިކަމަށްވާތީއެވެ.
އެމެރިކާ އާއި ބައިވެރިންގެ މަސައްކަތުން ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައިފަހުން ލީބިޔާ ވަނީ ބިރުވެރި ނާމާންތަނަކަށް ބަދަލުވެފައެވެ. ދެ ބައެއްގެ މެދުގައި ވެރިކަން ހޯދުމަށް ކުރިއަށް ގެންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުންނެވެ.
މިހަނގުރާމަތަކުގައި ޤައުމުގެ އިޤްޠިޞާދަށާއި އުމްރާނީ ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު ހަނގުރާމަތަކުގައި މަރުވެފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް ވަނީ އިތުރުވެފައެވެ. އަދި މިއަދުވެސް ލީބިޔާގެ ހާލަތު އޮތީ މިފަދައިންނެވެ.