ހަތް ޤައުމު ވާދަކުރާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރީޔޫނިއަންގައި ރަސްމީކޮށް ފަށައިފިއެވެ.
ރާއްޖެ ވާދަކުރާ މިގޭމްސްގެ ފެށުމުގެ ރަސްމިއްޔާތު އޮތީ ސެއިންޓް ޕޯލް ސްޓޭޑިއަމްގައެވެ. ފެށުމުގެ ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ އައިޓަމުތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ގޭމްސްގައި ވާދަކުރާ ހަތްޤައުމުންވެސް ބައިވެރިވެއެވެ.
ރާއްޖޭގެ ދިދަ އުފުލާލައި ދިނީ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއަރ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމް ބައިވެރިއެއް ނުވެއެވެ. އެއީ މާދަމާގެ މެޗުތަކަށް ތައްޔާރުވުމަށް ރެސްޓް ދިނުމުގެ ގޮތުންކަމަށް އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެއްވައެވެ.
ގޭމްސް ފެށުމުގެ ގޮތުން ވަނީ ގޭމްސްގެ ދިދަ ނަގައި، ދަންމަރު ރޯކޮށްފައެވެ. މިގޭމްސްގައި ރާއްޖެއިން އެކަނިވެސް ކުޅިވަރުތަކުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޖުމްލަ އަދަދު ސަތޭކަ ހަތްދިހައަށް އަރައެވެ. ގޭމްސް ފެށުމުގެ ރައްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބުދުލްމުހުސިން ހަމީދެވެ.
މިގޭމްސްގައި ވާދަކުރާ ޤައުމުތަކަކީ ދިވެހިރާއްޖެ، ޝީޝެލްސް، މަޑަގަސްކަރަ،ކޮމޯރޯސް، މަޔޯޓް، ރީޔޫނިއަން، އަދި މޮރިޝަޝްއެވެ. ގޭމްސްގައި 14 ކުޅިވަރެއް ހިމެނެއެވެ. ގޭމްސް ކުރިއަށްދާނީ މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.