ފަލަސްޠީނުގެ ރައްޔިތުންގެ ޝަރީއަތް ކުރުމަށް ނުވަތަ މިނިވަން ކުރުމަށް އިޒްރޭލަށް އދ އިން ގޮވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފަލަސްޠީނުގެ ރައްޔިތުންގެ ޝަރީއަތް ކުރުމަށް ނުވަތަ މިނިވަން ކުރުމަށް އިޒްރޭލަށް އދ އިން ގޮވާލައިފި
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ޝަރީއަތް ކުރުމަށް ނުވަތަ މިނިވަން ކުރުމަށް އދ އިން އިޒްރޭލަށް ގޮވާލައިފި އެވެ.

ޔޫއެން ޕޮލިޓިކަލް އެފެއަރޒް ޗީފް ޖެފްރީ ފެލްޓްމަން އދގެ ސެކިޔުރިޓީ ކައުންސިލުގައި ވިދާޅުވީ ގިނަ އަދަދެއްގެ ފަލަސްޠީނު ރައްޔިތުން ޖަލުތަކުގައި ބަންދުކޮށް ޝަރީއަތް ކުރުމެއް ނެތި ބައިތިއްބަމުން ގެންދިއުމަކީ އިޒްރޭލުގެ އަނިޔާވެރިކަން ކަމަށެވެ.

އދ އިން ބުދަ ދުވަހު ބުނެފައިވަނީ އިޒްރޭލުގެ މީހަކަށް ގައު ބުރިއެއް އެއްލައިފިނަމަ އެމީހަކު 20 އަހަރު ދުވަހަށް ޖަލަށްލުމަށާއި ޖަލުތަކުގައި ހައިހޫނުކަމުގެ ހަޅުތާލުކުރާ މީހުންނަށް ގަދަކަމުން ކާން ދިނުން ފަދަ ކަންކަން ކުރާނަމަ އެކަމުގެ ސަބަބުން ސަރަހައްދުގައި އުފެދޭނީ އިތުރު ހަމަނުޖެހުން ކަމަށެވެ.

ފެލްޓްމަން ވިދާޅުވީ އެސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަނީ ޤާނޫނު ތަންފީޒުކުރުމުގެ ނަމުގައި އިޒްރޭލުން އަނިޔާވެރިވަމުން ގެންދާތީ ކަމަށެވެ. އަދި ޤަޞްދުގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަނެ ފައުލުގައި އަނިޔާވެރިވަމުން ގެންދާތީ ކަމަށެވެ.

ފެލްޓްމަން ވިދާޅުވީ ބައެއްގެ ބިންތައް ފޭރިގަނެގެން ތިބެ އެބިމުގެ އަހުލުވެރިންނަށް އަނިޔާވެރިވަމުން ދިއުމަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފެލްޓްމަން ވިދާޅުވީ ޝަރީއަތް ކުރުމަކާއި ނުލައި ދިގު މުއްދަތަށް މީހުން ޖަލުގައި ބައިތިއްބާނަމަ ހަޅުތާލުކުރާނެ ކަމަށާއި އެއީ އަނިޔާވެރިވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ގައު އުކަނީ ގޮތް ހުސްވުމުން. ދެން ހަދާނެ ގޮތެއް ނެތުމުން. އެއީ އަނިޔާވެރިވެ ބޮޑެތި އަދަބުތަކެއް ދޭންޖެހޭނެ ކަމެއް ނޫން."
މިއަދު އޮންލައިން